Outreach news - outreach.mv

ނާސި ސޫރަތުގެ ތަފުސީރު

އެންމެ ފަސް

قُلْ أَعُوذُ بِرَبِّ ٱلنَّاسِ ﴿١﴾
ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1)
މިއީ ރަސޫލުﷲ ﷺ ގެ މައްޗަށް ބާވައިލެއްވި المعوّذتان ދެ ސޫރަތުގެ ތެރެއިން ދެވަނަ ސޫރަތެވެ. މި ދެސޫރަތުގައި ވަނީ ބާވަތް ބާވަތުގެ ވަސްވާހާއި މަގު ފުރެއްދުމުގެ ގޮތްތައް ބޭނުންކޮށްގެން މީސްތަކުން މަގުފުރައްދާ، އިންސާނުންގެ އެންމެ ބޮޑު ދުޝްމަން ޝައިޠާނާ އާއި ޖިންނީންނާއި އިންސީންގެ ތެރެއިންވާ އޭނާގެ އަޢުވާނުންގެ ނުބައިކަމުން އެންމެ މަތިވެރިވަންތަ ރަސްކަލާނގެ ރައްކާތެރިކަމާއި ހިމާޔަތަށް އެދިފައެވެ. މާނައީ: މުޙައްމަދު ﷺ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުން އުފައްދަވައި، އެބައިމީހުން ބޮޑުކުރައްވައި، އެބައިމީހުންގެ ރިޒުޤާއި ދިރިއުޅުމުގެ ކަންތައް ހަމަޖައްސަވާ ރަސްކަލާނގެ ރައްކާތެރިކަމާއި، ޙިޔާމަތް ތިމަންކަލޭގެފާނު ލިބިގަންނަމެވެ.
مَلِكِ ٱلنَّاسِ ﴿٢﴾
(އެކަލާނގެއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. (2)
ޙާކިމުންނާއި، މަޙްކޫމުންނާއި، ރަސްރަސްކަލުންނާއި، ރައްޔިތުން ހިމެނޭހެން އެންމެހާ މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ އެބައިމީހުން ދިރުއްވައި، މަރުގަންނަވައި، ޢިއްޒަތްތެރިކުރައްވައި، ނިކަމެތިކުރައްވައި، މުއްސަނދި ކުރައްވައި، ފަޤީރުކުރައްވައި އެބައިމީހުންގެ ހުރިހާ ކަމެއް ރާއްވަވައި ހިންގަވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެއީ ރަސްރަސްކަލުންގެ ވެރި ރަސްކަލާނގެއެވެ. ﴿قُلِ ٱللَّـهُمَّ مَـٰلِكَ ٱلْمُلْكِ تُؤْتِى ٱلْمُلْكَ مَن تَشَآءُ وَتَنزِعُ ٱلْمُلْكَ مِمَّن تَشَآءُ﴾ (ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެގެންވާ، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ.) ދެން އެކަލާނގެ ވަޙީކުރައްވަނީ
إِلَـٰهِ ٱلنَّاسِ ﴿٣﴾
(އެކަލާނގެއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ. (3)
އެކަލާނގެއީ އެބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި އެބައިމީހުން އަޅުކަންކުރާ ކަލާނގެއެވެ. އެބައިމީހުންނަށް އެކަލާނގެ މެނުވީ ކަލަކު ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އަޅުކަން ކުރުން ޙައްޤުވާ އެއްވެސް ފަރާތެއް ނުވެއެވެ. މާތް ﷲ މިވަނީ ރަސްވަންތަ ރަސްކަލާނގެ ކަމުގައްޔާއި، އިލާހުވަންތަ ރަސްކަލާނގެ ކަމުގައި އެކަލާނގެ ޒާތުފުޅު ސިފަކުރައްވާފައެވެ. ފަހެ، މީސްތަކުންގެ ތެރޭގައި ރަސްރަސްކަލުން ވެއެވެ. އެހެންކަމުން، އެކަލާނގެ ބަޔާންކުރައްވާފައި މިވަނީ އެކަލާނގެއީ އެބައިމީހުންގެ ރަސްވަންތަ ކަލާނގެ ކަމުގައެވެ. އަދި މީސްތަކުން ތެރޭގައި އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރާ މީހުން ތިބެއެވެ. އެހެންކަމުން އެކަލާނގެ ބަޔާންކުރައްވަނީ އެބައިމީހުން ޙައްޤު ގޮތުގައި އަޅުކަންކުރަން ޖެހޭ ކަލާނގެއަކީ އެކަލާނގެ ކަމުގައެވެ. އަދި އެބައިމީހުން ޙިމާޔަތާއި ރައްކާތެރިކަން ލިބިގަންނަން ޖެހެނީ އެކަލާނގެ ޙަޟްރަތުން ކަމުގައްޔާއި، ރަސްރަސްކަލުންނާއި ބޮޑުންގެ ކިބައިން ނޫންކަމުގައެވެ. الناس މި ކަލިމަ ތިން ފަހަރު ތަކުރާރުކުރެއްވީ އިންސާނުން މާތްކުރައްވައި ޝަރަފުވެރިކުރައްވާފައިވާކަން ބަޔާންކުރައްވާށެވެ. ﴿وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ.) ފަހެ، އެކަލާނގެ ޙަޟްރަތަށް އެބައިމީހުން ނިސްބަތްކުރެއްވީ މާތްކުރައްވައި، މަތިވެރިކުރެއްވުމުގެ ގޮތުންނެވެ. އަދި އެބަމީހުންގެ ކަންތައް އެކަލާނގެ ބައްލަވާކަން ބަޔާންކުރެއްވުމަށެވެ. ވީމާ، ތަކުރާރު ކުރެއްވުމުގައި އެބައިމީހުންނަށް ވަނީ ޢިއްޒަތާއި ފަޚުރެވެ. ޅެންވެރިޔަކު ބުނެފައިވާ ފަދައިންނެވެ. أعد ذكر نعمان لنا أنَ ذكره هو المسك ما كرّرته يتضوّع (އަހަރުމެންގެ ކައިރީގައި ނުޢުމާނުގެ ވާހަކަ ތަކުރާރުކޮށް ދައްކާށެވެ. ފަހެ، އޭނާގެ ވާހަކައަކީ ގޮމަކަސްތޫރިއެވެ. ތަކުރާރު ކުރިވަރަކަށް ވަސް އިތުރަށް ފެތުރޭނެއެވެ.) އެފަރާތެއްގެ ނުބައިކަމުން މާތް ﷲގެ ރައްކާތެރިކަމަށް އެދޭ ފަރާތަކީ ލަޢުނަތްލެއްވިގެންވާ ޝައިޠާނާއެވެ. އެހެންކަމުން ދެން ވަޙީކުރެއްވީ
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ ﴿٤﴾
ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.) (4)
ކާފިރުކަމާއި، އުރެދުމާއި، ފާފަވެރިކަމުގެ ދަޅަދައްކައިގެން މީސްތަކުން ހެއްލުންތެރިކުރުމަށް މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ. ލަޢުނަތްލެއްވިގެންވާ ޝައިޠާނާގެ ނުބައިކަމުންނެވެ. ﴿ٱلْخَنَّاسِ﴾ އަކީ އަޅާ އޭނާގެ ވެރިރަސްކަލާނގެއަށް ޛިކުރުކުރަން ފެށުމުން ފަހަތަށް ޖެހި ފިލާ ޝައިޠާނާއެވެ. ދެން އޭނާ މާތް ﷲއަށް ޛިކުރުކުރުމުން ޣާފިލުވާ ހިނދު އެނބުރި އައިސް ވަސްވާސްދެއެވެ.
ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ ﴿٥﴾
އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ. (5)
އޭނާގެ ނުބައިކަން ބޮޑުކަމުން މީސްތަކުންގެ ހިތްތަކުގައި ބާވަތް ބާވަތުގެ ވަސްވާހާއި، ބާޠިލު ވަހުމުތައް އުފައްދާ ޝައިޠާނާއެވެ. ﴿يَعِدُهُمْ وَيُمَنِّيهِمْ ۖ وَمَا يَعِدُهُمُ ٱلشَّيْطَـٰنُ إِلَّا غُرُورًا﴾ (ޝައިޠާނާ އެއުރެންނަށް ވަޢުދުކުރެތެވެ. އަދި، އެއުރެންލައްވައި ބާޠިލު އުންމީދު ކުރުވަތެވެ. އަދި، ހެއްލުންތެރިކަން މެނުވީ ޝައިޠާނާ އެއުރެންނަކަށް ވަޢުދެއް ނުކުރެތެވެ.) ޝައިޠާނާގެ ވަސްވާސްދިނުމަކީ އަޑެއް ނީވި، އޭގެ މަފްހޫމު ހިތަށްވަންނަ ސިއްރު ވާހަކައަކުން އޭނާއަށް ކިޔަމަންވުމަށް ގޮވައިލުމެވެ. عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: "إِنَّ الشَّيْطَانَ وَاضِعٌ خَطْمَهُ عَلَى قَلْبِ ابْنِ آدَمَ، فَإِنْ ذَكَرَ خَنَس، وَإِنْ نَسِيَ الْتَقَمَ قَلْبَهُ فَذَلِكَ الْوَسْوَاسُ الْخَنَّاسُ" (مسند أبي يعلى، 7/278،279) (އަނަސު ބްނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ﷺ ޙަދީޘުކުރެއްވިއެވެ. ހަމަކަށަވަރުން ޝައިޠާނާ އެކަލޭގެ ނޭފަތުގެ ކޮޅު އާދަމުގެ ދަރިޔާގެ ހިތުގެ މަތީގައި ޖައްސައެވެ. ދެން، އޭނާ މާތް ﷲއަށް ޛިކުރުކުރުމުން އެކަލޭގެ ފަހަތަށް ޖެހި ފިލައެވެ. އަދި އޭނާ (ޛިކުރުކުރަން) ހަނދާން ނެތިއްޖެނަމަ، އޭނާގެ ހިތް ދިރުވާލައެވެ. ފިލައި ހުރެ ވަސްވާސްދޭ ޝައިޠާނާއަކީ އެއީއެވެ.) (މުސްނަދު އަބީޔަޢުލާ: 7/278،279) ދެން އެމީހެއްގެ ނުބައިކަމުން ރައްކާތެރިކަން އެދެންޖެހޭ މީހާ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވަނީ
مِنَ ٱلْجِنَّةِ وَٱلنَّاسِ ﴿٦﴾
ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ. (6)
މީސްތަކުން ދީނާ ދުރުކޮށް އެބައިމީހުން މަގުފުރައްދަން، މީސްތަކުންނަށް ވަސްވާސް ދެނީ ޖިންނީންނާއި އިންސީންގެ ތެރެއިންވާ ޝައިޠާނުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿شَيَـٰطِينَ ٱلْإِنسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُورًا﴾ (އިންސީންނާއި، ޖިންނީންގެ ޝައިޠާނުން އެއްބަޔަކު އަނެއްބަޔަކަށް ހެއްލުންތެރި ކުރުމަށް މަތިއޮމާންކޮށްފައިވާ ބާޠިލު ބަސްތަކުން ވަސްވާސްދީ އުޅެތެވެ.) މިސޫރަތުގައި ވަނީ ހުރިހާ ޝައިޠާނުންގެ ކިބައިން މާތް ﷲގެ ރައްކާތެރިކަމަށް އެދިފައެވެ. އަދި އެބައިމީހުންގެ ނުބައިކަމުން މާތް ﷲގެ ޙިމާޔަތަށް އެދިފައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ޖިންނީންގެ ޝައިޠާނުންނަށްވުރެ އިންސީންގެ ޝައިޠާނުންގެ ނުރައްކާތެރިކަން މާ ބޮޑެވެ. އެހެނީ ރައްކާތެރިކަމަށް އެދުމުން ޖީންނީންގެ ޝައިޠާނުން ފަހަތަށް ޖެހި ފިލައެވެ. އެހެނަސް އިންސާނުންގެ ޝައިޠާނުން އިންސާނާއަށް ފާޙިޝްކަންތައް ޒީނަތްތެރިކޮށް ދައްކައެވެ. އަދި މުންކަރާތުން އޭނާ ހައްލައެވެ. އަދި އެއްވެސް ކަމެއް އެބައިމީހުންގެ އަޒުމުން އެބައިމީހުން ފަހަތަށް ނުޖައްސައެވެ. ރަސޫލުﷲ ﷺ ޤުރްއާން މީސްތަކުންނަށް އިއްވެވީ އެކަލޭގެފާނަށް ބާވައިލެއްވި އިބާރާތުންނެވެ. ވަޙީކުރެއްވި ގޮތަށެވެ. އެހެންކަމުން، އެކަލޭގެފާނު "أَعُوذُ بِرَبِّ ٱلْفَلَقِ" އަދި "أَعُوذُ بِرَبِّ ٱلنَّاسِ" އޭ ވިދާޅުނުވެއެވެ. އަދިކިއެއްތަ، އެކަލޭގެފާނު ސޫރަތް އިއްވެވީ ހަމަ ބާވައިލެއްވި އިބާރާތުން ﴿قُلْ أَعُوذُ بِرَبِّ ٱلنَّاسِ﴾ އެވެ. عَنْ زِرِّ بْنِ حُبَيْشٍ، قَالَ سَأَلْتُ أُبَىَّ بْنَ كَعْبٍ عَنِ الْمُعَوِّذَتَيْنِ، فَقَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم فَقَالَ قِيلَ لِي فَقُلْتُ فَنَحْنُ نَقُولُ كَمَا قَالَ رَسُولُ اللَّهِ صلى الله عليه وسلم‏.‏ (صحيح البخاري، كتاب التفسير، تفسير سورة ﴿قُلْ أَعُوذُ بِرَبِّ ٱلنَّاسِ﴾) (ޒިއްރު ބްނު ޙުބައިޝް ވިދާޅުވިއެވެ. (المعوّذتان އާބެހޭގޮތުން ތިމަން އުބައްޔު ބްނު ކަޢުބު رضي الله عنه އާ ސުވާލުކުރީމެވެ. އެހިނދު އޭނާ ވިދާޅުވިއެވެ. ތިމަން ރަސޫލާ ﷺ ގެ އަރިހުގައި ސުވާލު ދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވެވި ގޮތަށް ތިމަންކަލޭގެފާނު ކިޔަވައިވިދާޅުވީއެވެ. އެހެންކަމުން، އަހަރުމެން ކިޔަވާނީ ރަސޫލުﷲ ﷺ ކިޔަވައިވިދާޅުވި ގޮތަށެވެ.) (ޞަޙީޙުލް ބުޚާރީ، ޙަދީޘު: 4976)

ކޮމެންޓު

ހަބަރާއި ގުޅޭ