Outreach news - outreach.mv

އަސަރުގަދަ ހުތުބާއެއް، ހުތުބާގައި ގޮވާލީ ދީނަށް ޚިދުމަތް ކުރުމަށް

އެންމެ ފަސް

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވިގެން ދިޔަ ހުކުރު ހުތުބާއަކީ ވަރަށް މަދުން ނޫނީ ނީވޭ ފަދަ އަސަރުގަދަ އިބުރަތުން ފުރިގެންވި ހުތުބާއެކެވެ.

Advertisement



މިއަދުގެ ހުކުރު ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ މީހަކީ ވެސް ފާފަ ކުރެވޭނެ ފަދަ ބައެއް ކަމަށާއި، ނަމަވެސް އެއީ އިސްލާމްދީނަށް ޚިދުމަތް ކުރުމަށް އޮތް އުޒުރެއް ނޫން ކަމަށެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ކިޔާފައިވަނީ މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި މައްކާގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު ޑރ. ހަމްދާން އައްސުލަމީ ދެއްވި ހުތުބާގެ ތަރުޖަމާއެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި ދީނަށް ޚިދުމަތް ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެކެވެ. އެއީ ފިރިހެނުންނާއި އަންހެނުންނާއި، ކުޑަކުދިންނާއި ބޮޑެތި މީހުންނާއި، ޒުވާނުންނާއި މުސްކުޅިންގެ ވެސް ޒިންމާއެކެވެ. އަދި ފާފަކުރެވުމަކީ ދީނަށް އޮންނަ ލޯތްބާއި ތާއީދަށް އުނިކަމެއް އަންނަންވީ ސަބަބެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ހުތުބާގައި މުސްލިމުންނާ މުޚާޠަބުކޮށް ސުވާލު ކުރައްވާފައިވެއެވެ: "އަހަރުމެންގެ ނަފްސުތަކުގައި އިސްލާމްގެ ޗާޓު އޮތީ ކިހާ ބޮޑުކޮށް ހެއްޔެވެ؟ ދީނަށްޓަކައި އަހަރުމެން ކުރަނީ ކިހާ ހޭދައެއް ހެއްޔެވެ؟ ދީނަށްޓަކައި އަހަރުމެން ކުރަނީ ކިހާ މަސައްކަތެއް ހެއްޔެވެ؟"

ދީނަށް ޚިދުމަތް ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ: ﷲގެ ގަދަފަދަ ވާފަށުގައި ހިފުން، ފަރުލު ފަސް ނަމާދަށް ރައްކާތެރިވުން، ސުންނަތް ރޯދަ ހިފުން، މައިންބަފައިންނަށް ކިޔަމަންގަތުން، ކީރިތި ގުރުއާން ކިޔެވުމާއި ހިތުދަސްކުރުން، އަދި ދޫރައްކާތެރިކޮށް ހެޔޮބަސް ބުނުން ފަދަ ކަންކަމެވެ.

ހުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ ދީނަށް ޚިދުމަތް ކުރުމުން ކަންބޮޑުވުމާއި ހާސްކަން ދުރުވެގެންދާނެ ކަމަށެވެ. އަދި އެއީ ހާޖަތްތައް ފުއްދަވައިދެއްވާ، މޮޅިވެރިކަން ފިއްލަވައިދެއްވާނެ އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

ހުތުބާ ނިންމާލަމުން ގޮވާލާފައިވަނީ "މި ހިނދުން ފެށިގެން ތިޔަބައި މީހުން ދީނަށް ޚިދުމަތް ކުރަން ފަށާށެވެ. އެކަމުން ތިބާގެ ނަން ދިރުވާށެވެ. ދަރަޖަ މަތިވެރި ކުރާށެވެ. ފަހެ ހެޔޮ ބަހެއް ބުނުމަކީ ވެސް ސަދަގާތެކެވެ." މިފަދައިންނެވެ.

މި ހުތުބާގެ ބަލާޣާތްތެރިކަމާއި މެސެޖް ގެނެސްދީފައިވާ ގޮތުން، ގިނަ ބަޔަކު އަންނަނީ އެއަށް ތައުރީފް ކުރަމުންނެވެ. އެ މީހުންގެ ނަޒަރުގައި މިއީ، އަސަރު ގަދަ އަދި ގިނައިން އަޑުއަހަން ބޭނުންވާ ފަދަ ހުތުބާއެކެވެ.

ކޮމެންޓު

ހަބަރާއި ގުޅޭ