އިނގިރޭސި ޕްރިމިއަރ ލީގުގެ މިހަފްތާގެ ބޮޑު މެޗުގައި 10 ކުޅުންތެރިންނާއި އެކު މެޗުގެ ބޮޑުބައި ކުޅުނު އާސެނަލް ކައިރިން ސިޓީއަށް ސަލާމަތްވީ މެޗުގެ އެންމެފަހުވަގުތުގައެވެ.
މެޗުފެށުމުގެ ކުރިންވެސް ހީކުެވުނުގޮތަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އާސެނަލް އާއި މެންޗެސްޓާ ސިޓީގެ ކުރިމަތިލުން ނިމިގެން ގޮސްފައި ވަނީ 2-2 އިން އެއްވަރުވެގެންނެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ބޮޑުބައި އާސެނަލް އަށް ކުޅެންޖެހުނީ އެއް ކުޅުންތެރިއަކު މަދުންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ ފަހުވަގުތުކޮޅު އެޓީމުގެ ލިއަންޑްރޯ ޓްރޮސާޑަށް ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.
ރޭގެ މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެންޗެސްޓާ ސިޓީގެ ސްޓްރައިކަރު އަރލިންގ ހާލަންޑެވެ. 9 ވަނަ މިނެޓުގައި ޖެހި މި ލަނޑަކީ މި ސީޒަންގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ. ސިޓީން މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުމުން މި މެޗުން ފަސޭހަކަމާއި އެކު އެޓީމު މޮޅުވާނެކަމަށް ހީކުރެވުނު ނަމަވެސް، މެޗުގެ 32 ވަނަ މިނެޓުގައި އާސެނަލްގެ ރިކާޑޯ ކަލަފިއޮރީ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ގެބްރިއަލް ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދިނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލްގެ އެއްކުޅުންތެރިއެއް މަދުވުމުގެ ފައިދާ ނަގާ ސިޓީން ވަނީ އާސެނަލްގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. މިހާފުގެ ބޮޑުބައިގައި މުޅިންވެސް ކުޅެފައި ވަނީ އާސެނަލްގެ ހާފުގެ ތެރޭގައި ސިޓީގެ ކުޅުންތެރިންނެވެ. ނަމަވެސް ސިޓީއަށް ލަނޑު ޖެހުމުގައި އާސެނަލްގެ ޑިފެންޑަރުން ވަނީ ހުރަސް އަޅާފައެވެ.
ރޭގެ މެޗުން އާސެނަލް މޮޅުވާނެކަމަށް ނިންމައިގެން ތިއްބައި މެޗުގެ އިތުރުވަގުތުގެ އެންމެފަހު ވަގުތުކޮޅު ސިޓީންއަށް ލަނޑު ކާމިޔާބުކޮށްދިނީ ޖޯން ސްޓޯންސްއެވެ.
މި ނަތީޖާއާ އެކު މެންޗެސްޓާ ސިޓީ ވަނީ 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނަ މަޤާމު ދަމަހައްޓާފައެވެ. ރޭގެ މެޗު އެއްވަރުވުމުން 11 ޕޮއިންޓާއި އެކު އާސެނަލް ވަނީ ތާވަލުގެ 4 ވަނައަށް ވެއްޓިފައެވެ.