Outreach news - outreach.mv

ޓޫރިޒަމުން ލިބޭ އާމްދަނީން ބޭންކަށް ވަންނަނީ ދެބައިކުޅަ އެއްބައި

އެންމެ ފަސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރު ޓޫރިޒަމުން ރާއްޖެއަށް ލިބުނު އާމްދަނީން ބޭންކިން ސިސްތަމްތެރެއަށް ވަދެފައި ވަނީ 52 އިންސައްތަ އެވެ. 

މިއީ 4.5 ބިލިއަން ޑޮލަރުގެ ތެރެއިން 2.3 ބިލިއަން ޑޮލަރެވެ. 2019 ވަނަ އަހަރާ އަޅާބަލާއިރު ޓޫރިޒަމުން ލިބުނު އާމްދަނީ 34 އިންސައްތަ އިތުރުވި ނަމަވެސް، ބޭންކިން ނިޒާމަށް ވަދެފައިވާ އަދަދު ވަނީ ދަށްވެފައެވެ.

އެމްއެމްއޭގެ ހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، 2023 ވަނަ އަހަރު ޓޫރިޒަމް ދާއިރާއިން ބޭންކުތަކަށް ގަނެފައިވަނީ 68 މިލިއަން ޑޮލަރެވެ. މިއީ އެ އަހަރު ޓޫރިޒަމުން ލިބުނު ޖުމްލަ އާމްދަނީގެ 3 އިންސައްތައެވެ. 2019 ވަނަ އަހަރާ އަޅާބަލާއިރު މިއީ ވެސް ދަށް އަދަދެކެވެ. އެ އަހަރު ބޭންކުތަކަށް ޓޫރިޒަމް ދާއިރާއިން 152.5 މިލިއަން ޑޮލަރު ނުވަތަ އެ އަހަރުގެ ޖުމްލަ އާމްދަނީގެ 6 އިންސައްތަ ވަނީ ގަނެފައެވެ.

އެހެންނަމަވެސް، ބޭންކުތަކުގައި ރައްކާކުރާ ބޭރު ފައިސާގެ އަދަދު 2019 ވަނަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރު އިތުރުވެފައިވެއެވެ. 2019 ވަނަ އަހަރު ބޭންކިން ނިޒާމުގެ ތެރޭގައި 1.2 ބިލިއަން ޑޮލަރު ރައްކާކުރި އިރު، 2023 ވަނަ އަހަރު އެ އަދަދު 45 އިންސައްތައަށް އިތުރުވެ، 1.8 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.

މި ހާލަތާ ގުޅިގެން، ބޭރު ފައިސާ ބްލެކް މާކެޓްގައި މާރުކުރުން ހުއްޓުވައި، ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭގެ ގަވާއިދުތައް ބަދަލުކުރާނެ ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، އެ އާމްދަނީގެ ބޮޑު ބައެއް ބޭންކިން ނިޒާމުގެ ތެރެއަށް ނުވަދެ، ބޭރު ފައިސާގެ ދަތިކަން ދަނީ ކުރިމަތިވަމުންނެވެ. 

ކޮމެންޓު

ހަބަރާއި ގުޅޭ