ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ދެއްކެވި ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށާއި އެ ކަން އެ ތަނުގައި ތިއްބެވި ސިޔާސީ ލީޑަރުންނާއި ޑިޕްލޮމެޓުންނަށް އެނގޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީނުގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އދ. އަށް ފާޑުކިޔުމުގެ ނަތީޖާއިން ރާއްޖެއަށާއި ދިވެހިންނަށް ފައިދާއެއް ލިބޭކަށް ވެސް ނެތް ކަމަށެވެ.
"އދ. އަށް ގޮސް އެ މީހުން ރުޅިއަރުވާފައި، ފާޑުކިޔާފައި، މި ކަންކަން ކުރީމައި ކިހިނެއްތޯ ދެކުނުން ގެއްލުނު ކަނޑު ވެސް ވަކި ހޯދޭނީ، މާ ނުފޫޒުގަދަ ބަޔަކު ކައިރިއަށް ދާއިރު އެއް މީހުނަށް އެންގޭޖުވެގެން ކުރަން ޖެހޭ ކަންކަން މި ހުންނަނީ،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުތަކުގައި ފާހަގަކުރެވުނު ދެކޮޅުނުޖެހޭ ކަންކަމުގެ ތެރޭގައި އިޒްރޭލުގެ މައްސަލައާއި މޫސުމީ ބަދަލުތަކާ ގުޅގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތައް ހިމެނެއެވެ. ޔާމީން ވިދާޅުވީ މި ކަންކަމުގެ ސަބަބުން ބޭރުގެ ޑިޕްލޮމެޓުން ރައީސް މުއިއްޒަށް މަލާމާތްކުރާނެ ކަމަށެވެ.
"ޑިޕްލޮމެޓުން އަޅުގަނޑުމެންނަށް މަލާމަތް ކުރާނެ. މި ދުނިޔޭގެ ގައުމުތަކުގެ އާދަކާދަ ވެސް ނޭނގޭ މީހެކޭ ބުނާނީ. އަޅުގަނޑުމެން މި ދަނީ ކިޔަވައިދެވޭކަށް ނޫން. އެކަމަކު އެ ކަން ކުރަން ގޮސް ވެސް ބެކްގްރައުންޑް ނޭނގެއޭ،" ޔާމީން ވިދާޅުވި އެވެ.