ޖަލަށް މަސްތުވާތަކެތި ވައްދައިގެން ލިބޭ ފައިސާ ލޯންޑަރ ކުރަމުން ދިޔަ މައްސަލާގައި ދައުވާކޮށްފައިވާ ކަރެކްޝަންސްގެ ފަސް އޮފިސަރުންގެ ތެރެއިން ތިން އޮފިސަރަކާ އެކު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުށުގެ އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާކަން މިއަދު ހާމަވެއްޖެ އެވެ.
މިކަން ހާމަވީ، ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށަން މިއަދު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު އެކަން ފާހަގަ ކުރެއްވުމުންނެވެ. އިއުތިރާފު އެއްބަސްވުމެއް ހަދާފައިވާ ތިން އޮފިސަރުންނަކީ އަލީ ނާޒިމް (ހދ. ނޭކުރެންދޫ)، މުހައްމަދު ފަތޫހު އަބްދުﷲ (ގއ. ވިލިނގިލި) އަދި އަލީ އަޝްފާގު (ނ. ލަންދޫ) އެވެ.
މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް، ނާޒިމާއި އަޝްފާގުގެ ވަކީލު ވިދާޅުވެފައިވަނީ ދައުވާއަށް ޝަރީއަތުގައި އިއުތިރާފުވުމާ މެދު އަދި ވަކި ގޮތެއް ނިންމަން ބޭނުންވަނީ ލިޔެކިޔުންތައް ހަމަކޮށް ދިރާސާކުރުމަށް ފަހު ކަމަށެވެ.
މި މައްސަލާގައި ދެން ހިމެނޭ ދެ އޮފިސަރުން ކަމަށްވާ ޖިނާހު އަބްދުއްރަހީމް (ރ. އުނގޫފާރު) އަދި އަލީ ހިޝާމް (ކ. މާފުށި) ގެ މައްޗަށް އިސްވެ ދެންނެވުނު ދެ ދައުވާގެ އިތުރަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކޮށްފައިވެ އެވެ. މި ދެ އޮފިސަރުން ދައުލަތާ އެކު އަދި އިއުތިރާފު އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ.