Outreach news - outreach.mv

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ސިޔާމްގެ މައްޗަށް ކުށް ސާބިތެއް ނުވި

އެންމެ ފަސް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ކުރެވުނު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. 

މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އެމްއާރުސީސީގެ އިމާރާތުގައި، 2017 ވަނަ އަހަރުން ފެށިގެން އޭނާގެ ބައްޕަ ދިރިއުޅެން ބެހެއްޓި މައްސަލައިގައެވެ.

ގާޒީ އާމިނަތު އަޒްލިފާ ހުކުމް ކުރެއްވީ، ޝިޔާމްގެ ބައްޕަ ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި ބެހެއްޓީ ނުފޫޒެއް ބޭނުންކޮށްގެންކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. މި ނިންމުމަށް ވާސިލުވުމުގައި ގާޒީ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ސިފައިންގެ ވީއައިޕީ ގެސްޓްހައުސްގައި މީހުން ބެހެއްޓުމަށް ލިޔެވިފައިވާ ޚާއްޞަ އުސޫލެއް ނެތްކަމާއި، ޢަމަލު ކުރަމުން ދިޔަ އުސޫލަކީ ޗީފް ޑިފެންސްގެ ބިއުރޯއިން ހުއްދަ ދޭ ފަރާތްތައް ބެހެއްޓުންކަން ހިމެނެއެވެ.

އިތުރުން، ޝިޔާމްގެ ބައްޕައަށް ފޯރުކޮށްދެވުނު ޚިދުމަތްތަކަށް ޑިފެންސް މިނިސްޓްރީއަށް ބިލް ކޮށްފައި ނުވާކަމާއި، ޝިޔާމްގެ ބައްޕަގެ ކެއިންބުއިމާއި ދަތުރުފަތުރަށް އެ މުއްދަތުގައި ޚަރަދު ކުރީ ޝިޔާމްގެ އަމިއްލަ ފައިސާއިންކަން ޝަރީޢަތަށް ހެކިބަސް ދިން ސިފައިން ބުނެފައިވާކަން ވެސް ގާޒީ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ ދިފާޢުގައި ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، އޭނާގެ ބައްޕަ އެ ތަނުގައި ބެހެއްޓެވީ ސިފައިންގޭގައި އޮންނަ އާދަކާދައިގެ ތެރެއިންނެވެ. ސިފައިންގެ ކޮންމެ ރޭންކެއްގެ މީހަކަށް ވެސް ކުއްލި ހާލަތްތަކާއި އެހެން ބައެއް ކަންކަމުގައި އާއިލާ މީހުން އެ ތަނުގައި ބަހައްޓާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކުރިން އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބަލައި، ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމެއް ކަމަށް ނިންމާފައިވާ މައްސަލައެކެވެ. ނަމަވެސް، 2020 ވަނަ އަހަރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ އަލުން ބަލައި ދަޢުވާކުރަން ނިންމީ އިތުރު ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށް ބުނެއެވެ.

ކޮމެންޓު

ހަބަރާއި ގުޅޭ