|
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.
މި ބަދަލު ގެނައީ ހޯމަ ދުވަހުގެރޭ ދަންވަރު 00:00 ން ފެށިގެން ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެކުންފުނިން ބުންޏެވެ. ސްޓެލްކޯއިން ވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ސްޓެލްކޯ ހޮޓްލައިން ގާއިމް ކޮށްފައެވެ. ސްޓެލްކޯ ހޮޓްލައިން ނަމްބަރަކީ 1545 އެވެ. ސްޓެލްކޯގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ޚިދުމަތަކާއި ގުޅުންހުރި މަޢުލޫމާތު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އޭގެއިތުރުން ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅުމާއި، ކުންފުނީގެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއަރގެ ޚިދުމަތާއިއެކު ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުމާއި ގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވެގެންދިއުމަކީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް" ފަހުމީ ވިދާޅުވިއެވެ.
ސްޓެލްކޯގެ ޚިދުމަތްތައް ރަނގަޅުކޮށް، ރައްޔިތުންނާ ގާތުން މުއާމަލާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން ދަނީ ޝަކުވާތައް ބޮޑުވުމުން، ޝަކުވާތައް އަޑު އަހައިގެން ކުރިއަށް ދިއުމަށެވެ. ސްޓެލްކޯއިން ދަނީ ރައްޔިތުންގެ ޝަކުވާތަކަށް ޖަވާބުދެމުންނެވެ.