އިސްރާއީލުގައިވާ އަސްކަރީ އަދި ޓެރަރިސްޓް މަރުކަޒުތަކަށް 250 އަށްވުރެ ގިނަ ދުރުރާސްތާގެ މިސައިލުން ހަމަލާދީފި ކަމަށް އީރާނުން މިއަދު ހާމަކޮށްފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް ބޮޑުވުމާއި، އީރާނަށާއި އެހެނިހެން ގައުމުތަކުގައި ތިބި އީރާނުގެ މަސްއޫލުވެރިންނަށް އިސްރާއީލުން ހަމަލާދީފައިވާތީ، އެކަމަށް ބަދަލުހިފުމުގެ ގޮތުން މި ހަމަލާތައް ދިން ކަމަށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ އިތުރުން ހައިފާ، ޔާފާ އަދި ނަތަންޔާ ފަދަ ސިޓީތަކުގައިވާ އަސްކަރީ އަދި ޓެރަރިސްޓް މަރުކަޒުތަކަށް ކަމަށެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ ވަޒީރުން ވަނީ ބިމުއަޑީގައިވާ ބިންގަރާސްތަކަށް ގެންގޮސްފައެވެ. އަދި އިސްރާއީލުގެ އެތައް މިލިޔަން ރައްޔިތުންނެއް ވެސް ވަނީ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ.
އިސްރާއީލުން ބުނެފައިވަނީ، އީރާނުގެ މިސައިލްތަކަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ހުރަސްއެޅި ކަމަ ކަމަށެވެ. ނަމަވެސް، މި ހަމަލާތަކުގައި އިސްރާއީލުގެ ބައެއް މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވިކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މި ހަމަލާތަކަކީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަދި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ އަށް އިސްރާއީލުން ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.