އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންނާއި އެ ޕާޓީގެ ލީޑާޝިޕް ބައިވެރިވާ ކޮންފެރެންސެއް މިއަދު ހދ. ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ.
މި ކޮންފެރެންސްގައި އެމްޑީޕީގެ އިސް ލީޑަރުންގެ ތެރެއިން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ އެޑްވައިޒަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ޕާޓީން ހާމަކޮށްފައިވެއެވެ.
އެމްޑީޕީން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް މި ކޮންފެރެންސްގައި ބައިވެރިވެވަޑައިގަންނަވައެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވި ގޮތުގައި މިއީ އެ ޕާޓީގެ ކައުންސިލަރުންގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފެރެންސްގައި ބައިވެރިވަނީ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ.، ހދ.، ށ. އަތޮޅުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ.
އުތުރުގެ ހަމައެކަނި ސިޓީ، ކުޅުދުއްފުށީގައި ބޭއްވޭ މި ކޮންފެރެންސް ކުރިއަށް ދާނީ މިއަދު ހެނދުނު 9 އިން ހަވީރު 4 އަށެވެ. ހެނދުނު 11 އިން ފެށިގެން ހުރި ސެޝަންތައް އެމްޑީޕީގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން ލައިވް ކުރަމުން ދާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މި ކޮންފެރެންސްގައި އެމްޑީޕީގެ ލީޑާޝިޕުން އެކުލަވާލާފައިވާ "ރޯޑު މެޕް" އަދި ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
"އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނެސްފައި ހުރި ރަނގަޅު ބަދަލުތަކާއި އެ ކަން ބަދަލުވާނެ ގޮތަށް ޕީއެންސީގެ ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާކުރާނެ،" އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ރަށްރަށުގެ ބިނާވެށި ޕްލޭންކުރުމުގެ ބާރުތަކެއް މިނިސްޓްރީއަށް ލިބޭ ގޮތަށް ސަރުކާރުން މަޖިލީހަށް ފޮނުވި އާބަން ޑިވެލޮޕްމަންޓް ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ބައެއް ކައުންސިލަރުންނާއި އެމްޑީޕީން ވެސް މީގެ ކުރިން ފާޅުކޮށްފައިވާ ކަމެވެ.