ކައުންސިލްތަކުގެ ބަޖެޓް ކުޑަކުރުން ޤާނޫނާ ހިލާފް ކަމަށާއި، އެކަން ކުށްވެރި ކުރާކަމށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.
ކުރީގެ ރައީސް ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން އެކަން ކުށްވެރިކޮށް މިއަދު ޢާއްމުކުރި ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ މުޅި ބަޖެޓްގެ މަދުވެގެން %5 ކައުންސިލްތަކަށް ދިނުމަކީ ލާމަރުކަޒީ ޤާނޫނުން ލާޒިމް ކަމެއް ކަމަށެވެ. އެގޮތަށް އަމަލު ނުކުރުމަކީ ކަނޑައެޅިގެން ޤާނޫނާ ހިލާފްވުން ކަމަށް ދިމޮކްރެޓްސް އިން ބުންޏެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނީ ބާރުތައް ފެށިގެން އަންނަނީވެސް ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބާގައި ކަމާއި, ރާއްޖެ ހިންގަންވާނީ ލާމަރުކަޒީ ނިޒާމުންކަން ޤާނޫނުގައި ކަނޑައަޅާފައިވީ ނަމަވެސް އެ އުޞޫލު ހިފެހެއްޓުމާއި ކުރިއެރުވުމުގައި ދައުލަތުން އިހުމާލުވެފައިވާކަމަށެވެ. ކައުންސިލްތަކުގެ ޤާނޫނާ ހިލާފަށް ކައުންސިލްތަކަށް ހައްގުވާ ބްލޮކް ގްރާންޓުން ވަރަށްބޮޑު މިންވަރެއް އުނިކޮށްފައިވާތީ ޑިމޮކްރެޓްސްއިން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑިމޮކްރެޓްސް އިން ބުނީ ލާމަރުކަޒީ އުސޫލު ކުރިއަރުވާ ބާރުވެރިކުރުމުގެ ޒިންމާއަކީ ވަޒީރަކަށް ވެސް ވެރިއަކަށް ވިޔަސް އަދި މުއައްސަސާއަކަށްވެސް އޮތް އިހުތިޔާރެއް ނޫން ކަމަށެވެ.
އެއާ ހިލާފަށް އެއީ ދުސްތޫރީ އަދި ޤާނޫނީ ވާޖިބެކެވެ.
ޤާނޫނުގައި ވަކި މުއައްސަސާއަކަށް ވަކި މިންވަރަކަށް ފައިސާ ދިނުމަށް ލާޒިމް ކުރުމުން އެނޫން ގޮތަކަށް ދައުލަތުގެ ބަޖެޓް އެކުލަވާލުމަކީ އެއްވެސް ބަޔަކަށް އޮތް ބާރެއް ނޫންކަމަށް ޑިމޮކްރެޓްސް އިން ބުންޏެވެ. ސަރުކާރަށްވެސް، ރައްޔިތުންގެ މަޖިލިހަށްވެސް އެބާރު ނެތްކަން ޑިމޮކްރެޓްސް އިން ފާހަގަކުރެއްވިއެވެ. ޑިމޮކްރެޓްސް އިން ވަނީ އެކަން އެގޮތަށް ނުކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް ސަރުކާރަށް ގޮވާލާފައެވެ.