ސްޕެއިންގެ އިރުމަތީ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 158 އަށް އަރައިފިއެވެ.
ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވަލެންސިޔާ ސަރަޙައްދަށެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ، އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް ވާރޭވެހެހޭ މިންވަރާ އެއްވަރަށް، އެންމެ 8 ގަޑިއިރެއްހާ އިރުގެ ތެރޭގައި ވަލެންސިޔާ ސަރަޙައްދަށް ވާރޭވެހިފައިވާ ކަމަށެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން މި ހާދިސާ ސިފަކޮށްފައިވަނީ ފާއިތުވި 50 އަހަރެއްހާ ދުވަހުގެ ތެރޭގައި ވިލާތުގެ ޤައުމަކަށް ކުރިމަތިވެފައިވާ މިފަދަ އެންމެ ނުރައްކާތެރި ހާދިސާގެ ގޮތުގައެވެ. ސްޕެއިންގެ އެކި ސަރަޙައްދުތަކުގެ މެދުގައި މުއާޞަލާތު ކުރުމާ ބެހޭ ވަޒީރު އަންހެލް ވިކްތޮރް ތޮރޭސް ވިދާޅުވެފައިވަނީ މަރުވެފައިވާ ޖުމުލަ މީހުންގެ އަދަދު 158 އަށް އުފުލިފައިވާ އިރު، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ އަދަދު ޑަޑަޒަނުން ގުނައިލެވޭނެ ކަމަށެވެ.
ވަލެންސިޔާގެ މޭޔަރު މަރިއްޔާ ހޯސޭ ކަތަލާ ވިދާޅުވެފައިވަނީ، މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް މިހާރު ވެސް ފެންނަމުންދާ ކަމަށެވެ. މި ގޮތުން، ވަލެންސިޔާގެ ރަށްބޭރު ސަރަޙައްދެއްގައި މަރުވެފައިވާ އިތުރު 8 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި ފުލުހެއްގެ ހަށިގަނޑު ވެސް ހިމެނޭ ކަމަށް އޭނާ ހާމަކުރައްވާފައިވެއެވެ.
ފެންބޮޑުވުމާ ގުޅިގެން ވަލެންސިޔާއާއި ލަ ތޮރޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ކާބޯތަކެތި ހުސްވުމާ ގުޅިގެން، ލަ ތޮރޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ކާބޯތަކެތި ހޯދުމަށް ވަލެންސިޔާއަށް ދަތުރު ކުރަމުންދާ ކަމަށް އެ ރަށުގެ އޮފިޝަލުން ބުނެފައިވެއެވެ. އަދި އެ ސަރަޙައްދުތަކުގައި ސާފު ބޯފެން ލިބޭނެ ގޮތެއް ނެތް ކަން ވެސް އޮފިޝަލުން ހާމަކޮށްފައިވެއެވެ.
ފެންބޮޑުވުމާ ގުޅިގެން ވަލެންސިޔާގެ ޢުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ގޮތުން، ޢާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު ބުރިޖުތަކާއި، މަގުތަކާއި ރޭލު ދަތުރުކުރާ މަގުތައް ވެސް ވަނީ ހަލާކުވެފައެވެ. ސްޕެއިންގެ ދަތުރުފަތުރާ ބެހޭ ވަޒީރު އޮސްކަރް ޕުއެންތޭ ވިދާޅުވެފައިވަނީ، ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުގެ އިރުމަތީ ސަރަޙައްދުގައި 80 ކިލޯމީޓަރުގެ މަގުތައް ހަލާކުވެފައިވާ ކަމަށެވެ.