ބީ.އެމް.އެލްއިން ހިޔާ ފްލެޓްތަކަށް ލޯނެއް ތައާރަފްކުރުން. ފޮޓޯ:ބީ.އެމް.އެލް

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ބީއެމްއެލްއިން ޚާއްސަ ލޯނެއް

ބުދަ 07 ޖުލައި 2021 | ހަމްޒާ

ބޭންކް އޮފް މޯލްޑިވްސްއިން ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކަމާއެކު ފައިނޭންސިންގ ފޯރުކޮށްދިނުމަށް އައު ލޯނަކާއި، ފައިނޭންސިންގ ޕްރޮޑަކްޓެއް ތައާރަފްކޮށްފިއެވެ.

Advertisement


ބެންކް އޮފް މޯލްޑިވްސްއިން ބުނީ، އަލަށް ތައާރަފްކުރި ހޯމް އިމްޕްރޫވްމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. އަދި ރަހުނަކާނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ 12 އިންސަތައިގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ކޮވިޑުގެ ބަލިމަޑު ކަމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަދު ތައާރަފްކުރި ފައިނޭންސިންގެ ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަަކަށް ލިބޭނެ އުފާވެރި ޚަބަރެއް ކަމަށެވެ.

" ޝަރުތު ހަމަވާ ފަރާތްތަކަށް އިތުރު ރަހުނަކާ ނުލާ އަމިއްލައަށް އިތުރު ޚަރަދެއް ކުރަންނުޖެހި ލިބިފައިވާ ފްލެޓްގެ ބާކީ މަސައްކަަތްތައް ނިންމާލުމަށް 150،000 އާ ހަމަަޔަށް ލޯނު ދޫކުރެވޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޝަރުޢީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް ލިބޭނެ." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ތައާރަފްކުރި މި ލޯނުގެ އިތުރުން ބޭންކުން ވަނީ، ހޯމް އިމްޕްރޫމަންޓް ލޯނު ޕްލަސްގެ ނަމުގައި އިތުރު ލޯނެއްވެސް ތައާރަފްކޮށްފައެެވެ. މިއީ، އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި، ފަރުނީޗަރު ގަތުމަށް ދޫކުރާ ލޯނެއް ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ. މި ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާއިން ފެށިގެން 300،000 ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެ ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ، ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށްވުރެ ދަށް އަދަދެއް ކަމަށްވާ 12 އިންސައްތާގައެވެ.

މީގެއިތުރުން ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށްވެސް މިއާ އެއްގޮތް ފައިނޭންސިންގ ޕްރޮޑަކްޓެއްވަނީ، ތައާރަފްކޮށްފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.