ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު

" ބޭނުން ވަނީ ވެރިކަން. އެހެން ކަމެއް ނޫން."

ބުދަ 14 ޖުލައި 2021 | މޫސަ

ރާއްޖޭގެ ސިޔާސީ މަޝްރަހް މިއަދު ބަދަލުގެން ފުރޮޅިގެން މިދަނީ މީހަކު މީގެ ކުރިން އަންދާޒާވެސްކޮށްފައި ނުވާގޮތަށެވެ. އެންމެބޮޑު ޕާޓީ އެމްޑީޕީ ދެބައިވެއްޖެއެވެ. އެޕާޓީގެ ތެރެއިން އައު ގޮފިތަކުގައި ކުރިޖަހައިގެންފިއެވެ. މާނައަކީ 16 އަހަރަށްފަހު، ރައީސް ނަޝީދަށް އެމްޑީޕީގެ ކޮންޓްރޯލް ގެއްލިއްޖެކަމުގައި ޚުދު އެމަނިކުފާނުވެސް އެއްބަސްވެ ވަޑައިގެންފިއެވެ.

Advertisement


ސިޔާސީ މައިދާނުގައި އެމްޑީޕީގެ އިސްވެރިންނާއި އާއްމު މެމްބަރުން އެހެން ޕާޓީތަކަށް ކުރާ މަލާމާތެއް އޮވެއެވެ. އެއީ އެޕާޓީތަކަކީ ވަކިފަރުދެއްގެ ޕާޓީއެއް ކަމަށް ބުނެ ކުރާ މަލާމާތެވެ. އެމީހުން ބުނާ ގޮތުގައި ޖޭޕީއަކީ ޤާސިމެވެ. އެމްއާރްއެމްއަކީ މައުމޫނެވެ. އެމްޑީއެންއަކީ ޝިޔާމެވެ. ޕީޕީއެމަކީ ޔާމީނެވެ. ހަމައެގޮތަށް ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ހީވެފައި އޮންނަނީވެސް އެމްޑީޕީއަކީ ރައީސް ނަޝީދު ކަމަށެވެ. ފާއިތުވި ސޯޅައަހަރު އެމްޑީޕީގެ ނާރެހަކީ ރައީސް ނަޝީދެވެ. ބައެއް ފަހަރު ހެޔޮއަތަށް އަދި ބައެއް ފަހަރު ނުވަތަށް އެމްޑީޕީގެ އާއްމު މެމްބަރުން އެނބުރޭ އެނބުރުން ބިނާވެފައި އޮތީ ރައީސް ނަޝީދު އިޝާރާތަށެވެ.

މިހާރު ހިނގައިގެން މިއުޅޭ ކަމަކީވެސް އައު ކަމެއް ނޫނެވެ. އެހެންނަމަވެސް މި ހިނގަނީ ވެރިކަމާއި ބާރު ހޯއްދެވުމަށް ރައީސް ނަޝީދު އުއްކަވާ ގައުކަމުގައި ގިނަ ބަޔަކު ޤަބޫލުކޮށްފިއެވެ. ރައީސް ނަޝީދާއި މެދު އެމްޑީޕީގެ ތެރެއިންވެސް އެތައް ބަޔަކު ނުރުހިއްޖެއެވެ. އެކަން އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރައްވައި އާއްމުކޮށް އިއުލާނުކުރައްވައިފިއެވެ.

މިވެރިކަމުގައި ރައީސް ނަޝީދު އުއްމީދު ކުރެއްވި އެއްވެސް ކަމެއް ހާސިލް ކުރެއްވޭ ގޮތެއް ނުވިއެވެ. އެމަނިކުފާނަށް މަޖިލީހުގެ ކޮންޓްރޯލެއްވެސް އެމްޑީޕީގެ ކޮންޓްރޯލެއްވެސް މިއަދަކު ނެތެވެ. 2023 ގައި އޮންނަ ރިޔާސީ ރޭހަން ނުކުތުމުގެ ޝައުޤުވެރިކަންވެސް ފާޅު ކުރައްވައިފިއެވެ.

ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ނުދައްކަވައެވެ. އެކަމަކު ބޮޑުވަޒީރުކަމަށް ޝައުޤުވެރިކަން ފާޅު ކުރައްވައި އެކަން ކޮޅެއްގައި ނުޖެހިދިޔުމަށްފަހުގައި ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓަށް ވާން ބޭނުންފުޅުވާކަން މިހާރު އެވަނީ އިއުލާނުކުރައްވާފައެވެ. އެހެން ނަމަވެސް އެމްޑީޕީގެ އަސާސީ ޤަވާއިދާއި އުސޫލުތައް އަނެއްކާވެސް ރައީސް ނަޝީދަށްޓަކައި ބަދަލުކުރެވިދާނެތޯ އެއީ ސުވާލެކެވެ.

އެމްޑީޕީގެ އަސާސީ ޤަވާއިދުގައި އޮންނަ ގޮތުން ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގައި އެޕާޓީގެ މެމްބަރަކު ހުންނެވިނަމަ، އެބޭފުޅަކަށް ދެވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ. އެބަދަލަކީ ރައީސް ނަޝީދު 2008 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓްގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުން އެޕާޓީގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާހެކެވެ. ސީދާ ރައީސް ނަޝީދަށް އަމާޒުކުރި އިސްލާހެކެވެ. އެކަމަކު އެއިސްލާހުވެސް މިއަދު އޮތީ ރައީސް ނަޝީދާއި ދެކޮޅަށެވެ. އެހެންކަމުން ރައީސް ނަޝީދު އަލުން ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ދެކެވަޑައިގަންނަވާ ހުވަފެންފުޅުގައި ކުލަޖެހެން އޮތީ ސީދާ ރައީސާއި ދެކޮޅަށް ނުކުންނަވައިގެންނެވެ. މި ހިނގާ ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެއް ނޫންކަމަށް ހަދައިގެންނެވެ.

ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އިންތިޚާބުވެ ވަޑައިގެންނެވީއްސުރެ، ރައީސް ނަޝީދު ގެންދެވީ، ވެރިކަން ހިންގުމުގެ ކަންކަމުގެ ތެރެއަށް ސީދާ ގޮތެއްގައި ވެންނެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ވެރިކަމުގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަޑައިގެންނެވީ ސީދާ ކޯލިޝަނަކުން ނަމަވެސް ވެރިކަމަށް 6 މަސް ނުވަނީ، ކޯލިޝަން ރޫޅާލައި އެމްޑީޕީން މުޅިވެރިކަން އަމިއްލަ ކުރުމުގެ މަސައްކަތްތައް ފެއްޓެވީ ރައީސް ނަޝީދެވެ. މަޖިލިސް އިންތިޚާބާއި ހަމައިން އެކަން އޮތީ ފެށިފައެވެ.

މިއަދާއިހަމައަށްވެސް ކޯލިޝަން ވެރިކަން ހިފަހައްޓަވައި، ކޯލިޝަން ލީޑަރުން ވަކިވަކިވެގެން ދިޔަ ނުދެއްވައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުގެ މަތީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެމި ހުންނެވުމަކީ، ވެރިކަމުގެ ގޮނޑިއަށް އަލުން ވަޑައިގެންނެވުމަށް ރައީސް ނަޝީދަށް އޮތް ހުރަހެވެ.

ފުރަތަމަ ރައީސް ނަޝީދު މަސައްކަތްޕުޅު ކުރެއްވީ، މަޖިލީހުގެ ސުޕަރމެޖޯރިޓީ އާއި އެކު ނިޒާމް ބަދަލު ކުރައްވައިގެން، ބޮޑުވަޒީރުގެ ގޮތުގައި ވެރިކަމަށް ވަޑައިގަންނަވާށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ތެރެއިން އެކަމަކަށް ތާއީދު ލިބިވަޑައި ނުގަތުމުން، ސީދާ ރައީސް ސޯލިޙަށްވެސް ރައީސް ނަޝީދު އެވާހަކަ ދެންނެވިއެވެ. އެކަމަކު ނިޒާމް ބަދަލުކޮށްގެން ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ހޯއްދަވައި ދެއްވުމަކީ އެމަނިކުފާނަށް ވާން އޮތް ކަމެއް ނޫނެވެ. ކޯލިޝަން ސަރުކާރުގެ ދެންތިއްބެވި ތިން ލީޑަރުންވެސް އެކަމަށް އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ.

މިހުރިހާކަމެއް ހިނގައި ދިޔުމަށްފަހުގައި ރައީސް ނަޝީދު އަނެއްކާވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ސިޔާސީ ގޮތުން ރައީސް ސޯލިޙާއި އެކުގައި މަސައްކަތްޕުޅު ކުރެއްވެން ނެތްކަމުގައި ވިދާޅުވެއްޖެއެވެ. އެއާއިއެކު ބަހުސްތައް ހޫނުވީއެވެ.

ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން ތަފްސީލްކޮށްދެއްވުމަން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޤައުމަށް ހެޔޮގޮތްވުން ކަމަށެވެ.

އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން. އަޅުގަނޑު ދެކޭ ގޮތުގައި، އެމްޑީޕީއަށް އިއްތިހާދެއް ބޭނުން. އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިޔުޒިކް ހަރާމް ނުކުރާ، އެއީ ކީރިތިރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް. އަޅުގަނޑު ދެކޭ ގޮތުގައި، ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް. ރާއްޖެ އަފްޣާނިސްތާނުގެ ހާލަތަށްދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ." ރައީސް ނަޝީދު އެމަނިކުފާނުގެ ސޯޝަލްމީޑިއާ ޕޯސްޓްތަކުގައި ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދުވެ ވާހަކަ ފުޅުގައި މުޅި މަޤުޞަދެއްގެ ގޮތުގައި ވިދާޅުވަނީ ރާއްޖެ ސަލަމާތް ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމުގައެވެ. އެހެން ނަމަވެސް ފެންނާން އޮތް ހަޤީޤަތަކީ، ރާއްޖޭގައި ހަރުކަށި ދީނީ ފިކުރުގެ މީހުން ފާޅުގައި އެމީހުންގެ ކަންކަން ހިންގަންފެށީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން އެފަރާތްތަކަށް ދިން ފުރުޞަތުގެ ސަބަބުން ކަމެވެ. ހިމަންދޫ މައްސަލައިގައި ހައްޔަރު ކުރި މީހުންނާއި، ވަކިން ޖަމާއަތްތައް ހަދައިގެން އުޅުނު މީހުންގެ ތެރެއިން ހައްޔަރު ކުރެވުނު އެތައް ބަޔަކު ރައީސް ނަޝީދުގެ ސަރުކާރުގައި ދޫކޮށް ލެވުނެވެ. އިސްލާމިކް މިނިސްޓްރީ ވަކިން އުފައްދައްޗައި، ދީނާއި ސިޔާސަތު ވަކިކޮށްލައްވައި އަލްމާނީ ސެކިއުލާ ދައުލަތަކަށް ދިވެހިރާއްޖެ ހެއްދުމަށް ނުސީދާ ގޮތުން މަސައްކަތްޕުޅުވެސް ފެއްޓެވިއެވެ. ނަތީޖާއަކަށްވީ، ރައީސް ނަޝީދު އެވިދާޅުވާ އަނދިރި ދައުލަތް އުފެދުމެވެ.

މަސްތުވާތަކެއްޗާއި ދީނީ ކަންކަމާއި ގުޅުވައިގެން ރައީސް ނަޝީދު ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކާއި ގުޅިގެން ހަރުކަށި ދީނީ ފިކުރުގެ މީހުންގެ ހަރަކާތްތައް އިތުރުވިއެވެ. އަދި އެމީހުން ދައުލަތާއި ދެކޮޅަށް މަސައްކަތްތައް ކުރަށް ފެށިކަން އެއީވެސް ފެންނާން އޮތް ކަމެކެވެ.

އެހެންކަމުން ރާއްޖޭގައި ހަރުކަށި ދީނީ ފިކުރުފުޅާވެ، އެންމެ ފަހުން ޚުދު އެމީހުންގެ ތެރެއިން ރައީސް ނަޝީދާއި ދެކޮޅުވެރިކަން ބޮޑުވެ އަވަހާރަކޮށްލުމަށް ދިން ހަމަލާއިންވެސް މާޒީގެ ތަސައްވަރެއް ކުރަހައި ލެވެއެވެ.

ރައީސް ނަޝީދު އެދެނީ ދިވެހިރާއްޖެ ސަލާމަތްކުރަން ކަމުގައިވާނަމަ، އެކަމަށް އޮތް ހަމައެކަނި މަގަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުން ކަމުގައި ފެނިވަޑައިގެން އެވާހަކަފުޅު ދެއްކެވީމާ އެކަން މިހާރު ގިނަ މީހުން ޤަބޫލެއް ނުކުރެއެވެ. ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓަށް ރައްދުދީ ގިނަ މީހުންވެސް ބުނެފައި ވަނީ ރައީސް ނަޝީދު އުޅުއްވަނީ، ޤައުމަށް ހެވެއް އެދިވަޑައިގެން ނޫންކަމަށެވެ. ވެރިކަން ލިބިވަޑައިނުގަނެގެން ކަމަށެވެ.

ކޯލިޝަނެއްގެ ވާހަކަ ދައްކަވާއިރު، 2008 ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވުނީވެސް ކޯލިޝަނަކުންނެވެ. އެހެން ނަމަވެސް އެންމެ 21 ދުވަހުގެ ތެރޭގައި އެކޯލިޝަން ރޫޅުނީ ރައީސް ނަޝީދު މުޅިވެރިކަން އެމްޑީޕީއަށް ފުރޮޅާ ލެއްވުމަށް ކުރެއްވި މަސައްކަތުންނެވެ. ދައުރުގެ މެދުތެރެއިން ވެރިކަން ވެއްޓުނީވެސް އެފަދަ ސަބަބު ތަކާއި ހެދިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީން އެކަނި ނުކުމެގެން ކާމިޔާބު ނުވާނެކަން 2013ގެ ނަތީޖާއިން ފެންނާން އޮތުމާއި އެކުގައި އެމްޑީޕީން މައިޕާޓީއެއްގެ ގޮތުގައި ކޯލިޝަން ހެދީއެވެ. އެކަމަކު މިވެރިކަންވެސް ނުހިނގައިގެން އުޅެނީ ކޯލިޝަނާއި ހެދިކަމުގައި ވިދާޅުވުމަށް ފަހުގައި، ރައީސް ނަޝީދު ރާއްޖެ ސަލާމަތް ކުރެއްވުމަސް އަނެއްކާވެސް ކޯލިޝަނެއް ހައްދަވާ ވާހަކަ މިވަނީ ދައްކަވާފައެވެ. އެވެސް ރައީސް ޔާމީނާއިޕީޕީއެމާއި އެކުގައެވެ.

ރައީސް ނަޝީދާއި ރައީސް ޔާމީނު ގުޅިވަޑައިގެން ކޯލިޝަނެއް ހައްދަވައިގެން، ރިޔާސީ ރޭހަށް ނުކުމެދާނެކަމަށް މިއީ ބަޔަކު މީގެ ކުރިން ޚިޔާލަށްވެސް ނުގެންނަ ކަމެކެވެ. އެހެން ނަމަވެސް ސިޔާސީ މައިދާނަކީ ތަފާތު އެތައް ކުލައެއް ފެންނަ މައިދާނެކެވެ. ވެރިކަމަށްޓަކައި ހަތުރުން މިތުރުންނަށްވެއެވެ. ދުޝްމަނުން އެކުވެރިންނަށްވެއެވެ. އެހެންވީމާ، ކުރިއަށް އަދި ލައްކަ ގިނަ ކަންކަން ފެންނާން އެބަހުއްޓެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.