ކަސްޓަމްސްއިން ސީ.ބީ.އައި.ސީއާއެކު ސޮއިކުރުން. ފޮޓޯ:ކަސްޓަމްސް

ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށް ކަސްޓަމްސްއިން ސީ.ބީ.އައި.ސީއާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ބުރާސްފަތި 22 ޖުލައި 2021 | ހަމްޒާ

ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ - އިންޑިއާ)އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޕްރީ-އެރައިވަލް ކާގޯ ޑޭޓާ ބަދަލުކުރުމަށް އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

Advertisement


ކަސްޓަމްސް ބިލްޑިންގްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ. ސީ.ބީ.އައި.ސީ.ގެ ފަރާތުން ސޮއިކުރެއްވީ، ސީ.ބީ.އައި.ސީ.ގެ ޗެއާރމަން ޝްރީ އެމް. އަޖިތު ކުމާރެވެ.

ކަސްޓަމްސްއިން ބުނީ، މިއެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ދެގައުމުގެ ދެމެދުގައި އެކްސްޕޯޓް ކުރާ މުދަލުގެ މައުލޫމާތު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ހިއްސާކުރެވޭ މައުލޫމާތުގެ ޒަރިއްޔާއިން، ކަސްޓަމްސްގެ އާންމު ޤަވާއިދުގައި ބަޔާންކޮށްފައިވާ "މުއާމަލާތުގެ އަގު ނުވަތަ ޓްރާންސެކްޝަނަލް ވެލިއު" ކަނޑައެޅުމަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ވަގުތުން ވަގުތަށް ލިބިގެންދާނެއެވެ. އަދި މުދަލުގެ ބާވަތާއި ސައްޙަ އަގު އެނގި، އެގޮތުގެ މަތިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ކަށަވަރު ކުރުމުގައި ފަސޭހަވެ، އެކްސްޕޯޓް މަރުހަލާގައި ހަދާ "ކޮމަރޝަލް ފްރޯޑް" ދެނެގަތުމަށާއި، ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެންމެ ފުރިހަމައަށް ލިބޭނެކަން ޔަގީންކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށް ކަސްޓްމްސްއިން ބުނެއެވެ.

މީގެއިތުރުން ކަސްޓަމްސް ކްލިއަރަންސްގެ އިޖުރާއަތުތައް ފުރިހަމަކުރަން ހޭދަވާ ވަގުތު ކުޑަކުރެވި، ވިޔަފާރިއާއި ސަޕްލައި ޗެއިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަވުމާއެކު އެކްސްޕޯޓް މަސައްކަތް ކުރާ ފަރާތްތަކަށާއި، ވިޔަފާރިވެރިންނަށް މިއެއްބަސްވުމުގެ ސަބަބުން އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޓްރޭޑް ފެސިލިޓޭޝަން އެގްރީމެންޓް (ޓީ.އެފް.އޭ) އަދި ރިވައިޒްޑް ކިޔޯޓޯ ކޮންވެންޝަން (އާރު.ކޭ.ސީ)ގައިވެސް ދޭދޭ ގައުމުތަކުގެ މެދުގައި އެމް.އޯ.ޔޫގެ ދަށުން ޑޭޓާ ބަދަލުކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅާފައެވެ. ކަސްޓަމްސްއިން ވަނީ މީގެކުރިންވެސް ބައެއް ގައުމުތަކާއެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި އިތުރު ގައުމުތަކާއެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސްވެރިންގެ އިތުރުން އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ)ގެ އިސްވެރިންނާއި، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.