ރާއްޖެއަށް އައި ފަތުރުވެެރިންތަކެއް އެއަރޕޯޓްގައި. ފޮޓޯ:އެމް.އޭ.ސީ.އެލް

ކޮވިޑް 19 - އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރެއްވުމަށް ސަމާލުވެލައްވާ - ޑރ.މައުސޫމް

ހޮނިހިރު 07 އޮގަސްޓް 2021 | ހަމްޒާ

ކޮވިޑް 19 އިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް ސަމާލުކަން ދިނުމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ގޮވާލައްވައިފިއެވެ.

Advertisement


ކޮވިޑުގެ ނުރައްކާ ބޮޑުކަން ހާމަކުރައްވާ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުވެސް ދެކުނު އޭޝިޔާގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 9 މީހުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ބަންގްލަދޭޝްގެ 6 މީހުންނާއި، އިންޑިއާގެ މީހެއްގެ އިތުރުން ސްރީލަންކާ އަދި ނޭޕާލްގެ ފަތުރުވެރިއެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑުގެ ނުރައްކާ ނެތްކަމަށް ބަލަން އަދި މާއަވަސް ކަމަށެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަން ކުރިއެރުވުމަށް ސަމާލުކަން ދިނުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހަލުވިކަމާއި ކޮވިޑު ފެތުރުމާއި ގުޅިގެން ދެކުނު އޭޝިޔާ ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައި އޮތުމަށްފަހު އަނެއްކާވެސް ވަނީ މިސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ހުއްދަދީފައެވެ. އެއާއެކު މިސަރަހައްދުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުދަނީ އިތުރުވަމުންނެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ، އިންޑިޔާއިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 4 ގެ ނިޔަަލަށް އިންޑިއާއިން 108،959 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ރިސޯޓް މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 10 ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓްތަކެއްގެ މުވައްޒަފުން ވެކްސިން ފުރިހަމަކޮށްފައިވާ ކަަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ރިސޯޓްތަކުގައި މަސައްކަތްކުރާ 41470 މުވައްޒަފުންގެ ތެރެއިން 40407 މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 37776 މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.