ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބުދުﷲ --

އިންސާފަށް އެދި 7 އަހަރު: ރިޟުވާނު ވަގަށް ނަގައި މަރާލި މީހުން އަދިވެސް މިނިވަންކަމާއި އެކު

އާދީއްތަ 08 އޮގަސްޓް 2021 | މޫސަ

ނޫސްވެރިޔާ އަހުމަދު ރިޟުވާން، ޢަބުދުﷲ ވަގަށް ނަގައި މަރާލިތާ. 7 އަހަރުވީއެވެ. އެ ހާދިސާގެ ވަށައިގެންވާ ކަންކަމާއި އަދި އެހާދިސާގައި ތުހުމަތު ކުރެވޭ މީހުންނާއި އެމީހުންގެ އަމަލުތަކާއި ގުޅުވައިލައި މަންޒަރު ކުރަހާލުމުން ނުކުންނަނީ ލިބެނީ އެންމެ ނަތީޖާއެކެވެ. ރިޟުވާނަށް އިންސާފު ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

Advertisement


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި، މަރާލާފައިވާ ގެއްލުވާލާފައި ވާ މީހުންގެ މައްސަލަތައް ބަލައި އެކަންކަމަށް އިންސާފު ހޯއްދަވައި ދެއްވުން ހިމެނެއެވެ. މިގޮތުން އެމަނިކުފާނުގެ ވެރިކަމަށް ވަޑައިގެންނެވި ގޮތަށް ފުރަތަމަ ދުވަހުވެސް، މަރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބެލުމަށްޓަކައި ކޮމިޝަނެއް އުފައްދަވައި މަސައްކަތް ވަނީ ފައްޓަވާފައެވެ.

ރިޟުވާނު އޭނާގެ މަންމަ އާއި އެކު

ރިޟުވާނަށް ވީކިހިނެއް؟

ތަހުޤީޤުތަކަށް ހޯދިފައިވާ ގޮތުގައި ރިޟުވާނުވަނީ ވަގަށް ނެގުމަށްފަހު މަރާލާފައެވެ. އަދި އޭނާގެ ހަށިގަނޑު ވަނީ ކަނޑަށްފައްތާފައެވެ.

2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ، ބަޔަކު ރިޟުވާނަށް ފާރަލާންފެށިއެވެ. އެމީހުންނާއި އެމީހުންގެ ނަންތައް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ރިޟުވާނު ހުޅުމާލޭގައި އޭނާ ދިރިއުޅޭ 21 ވަނަ ނަމްބަރު ފްލެޓްކައިރީގައި އާލިފް ރައޫފާއި އޭނާގެ އެކުވެރިންގެ ކާރު އޮތެވެ. އެމީހުން އެހިސާބަށް ރިޟުވާނު ދިޔުމުން އޭނާ ގަދަކަމުން ކާރަށް އަރުވައިގެން ގެންދިޔައީ ހުޅުމާލެ ޖެޓީއަށެވެ. ކާރަށް އަރުވަން އުޅުމުގެ ތެރޭގައި އެމީހުންގެ އަތުން ބެނެޓްވަޅިއެއް ރިޟުވާން ގަދަކަމުން ކާރަށް އެރުވި ތަނަށް ވެއްޓުނެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ރިޟުވާނު ޑިންގީއަކަށް އަރުވައިގެން ގެންދިޔުމަށްފަހު، ދޯންޏަކަށް އަރުވައި އެ ދޯނީގެ ތެރޭގައި ރިޟުވާނު މަރާލައި، ހަށިގަނޑު ކަނޑުފެއްތީއެވެ.

ރިޟުވާނު މަރާލީ ކޮންބައެއް؟

ރިޟުވާނު ވަގަށް ނަގައި މަރާލުމުގައި ބައިވެރިވެފައި ވަނީ އެކި ކުށްކުށުގައި ސާމިލްވެފައިވާ އަދި ފަހުން ހަރުކަށި ދީނީ ފިކުރަށް ލެނބިފައިވާ ބައެކެވެ. މިގޮތުން، ރިޟުވާނު ވަގަށް ނެގިރޭ، 5 މީހަކުވެގެން ރިޟުވާނަށް ފާރަލާފައިވާ ކަމުގައި ފުލުހުން ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މީހުން ވަނީ ފަހުން ސީރިއާ ހަނގުރާމައަށް ގޮސްފައެވެ.

ފުލުހުންނާއި މަރުކޮމިޝަނުންވެސް ބުނެފައި ވަނީ ރިޟުވާނު ވަގަށް ނަގައި މަރާލާފައި ވަނީ، ހަރުކަށި ދީނީ ފިކުރުގެ ޖަމާއަތެއްގެ ބައެއް ކަމަށެވެ. އަދި ރިޟުވާނު ވަގަށް ނަގައި މަރާލީ އޭނާ ލިޔާ ބައެއް ލިޔުންތަކުގައި ދީނާއި ދީނީކަންކަމަށް ފުރައްސާރަކޮށް ހަޖޫޖަހާތީ ކަމުގައެވެ. އެހެން ނަމަވެސް މައްސަލައިގެ ވަށައިގެންވާ މާހައުލަށް ފުންކޮށް ނަޒަރު ހިންގާލުމުން ކުރެހޭ ތަސްވީރު ތަފާތެވެ.

ކަނާތުން ވާތަށް: ޑރ އަފްރާޝިމް އަލީ، ނޫސްވެރިޔާ އަހުމަދު ރިޟުވާން، ބްލޮގަރ ޔާމީޏް ރަޝީދު

ރިޟުވާނު ވަގަށް ނަގައި މަރާލުމަކީ ދީނީ ކަމެއްތަ؟

ރިޟުވާން ވަގަށް ނަގައި މަރާލުމަކީ ދީނީ ކަމެއް ކަމުގައި ބުނިނަމަވެސް އެކަން އެގޮތަށް ޤަބޫލުކުރަން ދަތިވާ ސަބަބުތަކެއް އެބަހުއްޓެވެ. އެނެމެ ބޮޑު ސަބަބަކީ ރިޟުވާނަށް ވުރެ މާބޮޑަށް ފާޅުގައި ދީނަށް ފުރައްސާރަކޮށް ލިޔެ ވާހަކަދައްކާ މީހުން ރާއްޖޭގައި ތިބުމެވެ. ދެވަނަ ސަބަބަކީ ރައީސް ޔާމީނުގެ ސަރުކާރުގެ ބައެއް މީހުންނާއި ރިޟުވާނުގެ މައްސަލައިގައި ކުށުގެ ތުހުމަތުވާ މީހުންނާއި ގުޅިފައި ވުމެވެ. ތިންވަނަ ސަބަބަކީ ރިޟުވާނު ގެއްލުވާލި މައްސަލަ ތަހުޤީޤު ކުރުމުގައި ފުލުހުން ގަސްތުގައި އިހުމާލުވުމެވެ. ހަތަރު ވަނަ ސަބަބަކީ، އެމައްސަލައިގެ ތަހުޤީޤުތައް ފުލުހުން އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދަންފެށީ، ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހިސާބުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް އޭގެ ފަހުން ކަމުގައިވާތީއެވެ.

އެހެންކަމުން ރިޟުވާނު ވަގަށް ނަގައި މަރާލުމަކީ ހަމައެކަނި ދީނީ ސަބަބެއް އޮވެގެން ހަރުކަށި ފިކުރުގެ މީހުން ކުރި ކަމަކަށްވެދާނެ ކަމަށް ބެލެވޭ ގޮތަށް، އެއީ ސިޔާސީ ބޭނުމެއް ނުވަތަ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ފޮރުވުމަށް ކުރިކަމަކަށްވެސް ވެދާނެކަމަށް ބެލެވެއެވެ.

އާއްމުގޮތެއްގައި ދީނީ މައްސަލަ ތަކުގައި މީހުންނަށް ހަމަލާދީ މަރާލަނީ އެހެން މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދައި، އެފަދަ އަމަލެއް އެހެން ބަޔަކު ތަކުރާރު ކުރިޔަ ނުދިނުމަށެވެ. ހަރުކަށި ދީނީ ފިކުރުގެ މީހުންގެ އާއްމު ވިސްނުމާއި އެމީހުންގެ ވެރިންގެ އާއްމު ވިސްނުންވެސް ހުންނަނީ އެގޮތަށެވެ.

މީގެ އިތުރުން، ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި ގުޅުން އޮތް ބަޔަކު، ރިޟުވާނުގެ ފޭކް ޕާސްޕޯޓެއް ނުވަތަ ޓްރެވަލް ޑޮކިއުމެންޓެއް ހައްދައި، އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަކަން ދައްކަން މަސައްކަތް ކުރުމަކީވެސް އެކަމުގައި ސުވާލު އުފެދޭ ކަމެކެވެ. އަދި ރިޟުވާނަށް ވީގޮތް ހޯދުމަށް، އާއިލާ އާއި ރައްޓެހިން ކުރަމުން ދިޔަ މަސައްކަތްތަކަށް، މަލާމާތާއި ފުރައްސާރައިގެ ބަސްތައް އޭރުވެސް މިހާރުވެސް، ކުރީގެ ސީޕީ ހުސައިން ވަހީދު ވިދާޅުވަމުން ގެންދިޔުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ.

ރިޟުވާނަށް ވީގޮތެއް ހޯދައި ދިނުމަށް ގޮވާލައި ބޭއްވި ސުވާލު މާޗު ފުލުހުން ބާރުގެ ބޭނުންކޮށް ރޫޅާލަނީ --

ރިޟުވާނު ވަގަށް ނެގި މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތް!

ރިޟުވާނު ވަގަށް ނަގާފައިވާކަމާއި، އެއީ ބަޔަކު ރާވައިގެން ހިންގި އަމަލެއްކަން އެންމެ ފުރަތަމަ އާއްމުންނަށް ތިލަކުރީ، މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް، އެމްޑީއެންއިންނެވެ. އަދި އެކަމުގައި ތުހުމަތު ކުރެވޭ މީހުންނާއި ފުލުހުން އަމަލު ކުރަމުން ދިޔަގޮތާއި މެދު އެރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރިޟުވާނުގެ މައްސަލަގައި އެމްޑީއެންއިން ހާމަކުރި މައުލޫމާތު ފުރަތަމަ ފުލުހުން ދޮގު ކުރިއެވެ. އަދި އެމްޑީއެންއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދިނެވެ. އެހެން ނަމަވެސް ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް، އަދި އޭގެ ފަހުން ސަރުކާރާއި ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް އައުމަށް ފަހުގައި ފުލުހުންގެ އިދާރާއިން ރިޟުވާނު ގެއްލުނު މައްސަލައިގައި އައު މައުލޫމާތު ހާމަކުރިއެވެ.

މިގޮތުން، 2 އޭޕްރީލް 2016 ގައި، ފުލުހުން އެމައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރިޟުވާނު ވަގަށް ނެގުމަކީ ބަޔަކު ރާވައިގެން ހިންގާފައިވާ އަމަލެއް ކަމުގައި ބުނެފައިވެއެވެ. މައިގަނޑު ގޮތެއްގައި އެދުވަހު ފުލުހުން ހާމަކުރި ހުރިހާ މައުލޫމާތެއް، އޭގެ 2 އަހަރު ކުރިން އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ހުރި މައުލޫމާތާއި ދިމާވިއެވެ. ފުލުހުން އެދުވަހު ހާމަކޮށްފައިވާ މައުލޫމާތުން އިތުރަށް އެނގުނީ، ރިޟުވާނު އެރުވި ކާރުން ފެނުނު އިސްތަށިން، ރިޟުވާނުގެ ޑީއެންއޭ ލިބުނު ކަމެކެވެ.

ރިޟުވާނުގެ މައްސަލައިގައި އިންސާފު ހޯދައި ދިނުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި، ޔާމީން ރަޝީދު، 29 އޭޕްރީލް 2017 ގައި ޔާމީން ރަޝީދުވެސް ވަނީ މަރާލާފައި

ތަހުޤީޤަށް އެންމެ މުހިއްމު ވަގުތުތައް ގެއްލުނީ!

ރިޟުވާނު ވަގަށް ނެގި މައްސަލައިގައި ފުލުހުން ފުރަތަމަ ޕްރޮފެޝަނަލްކޮށް ތަހުޤީޤުތައް ކުރިޔަށް ގެންދިޔައެވެ. ސީސީޓީވީ ފުޓޭޖްތައް ހޯދައި ސެލްޓަވަރތަކުގެ މައުލޫމާތުތައް ހޯދައި، ރަތްކާރު ޗެކުކޮށް ސާމްޕަލްތައް ނަގައި ފޮރެންސިކް އެނަލަސިސްތައް ހެދިއެވެ. މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ މުހިއްމު ހެކިތައް ހޯދިއެވެ. އެހެން ނަމަވެސް، ރިޟުވާނުގެ މައްސަލަ ނުބެލުމަށް ސަރުކާރުގެ ތެރެއިން ފުލުހުންނަށް ނުފޫޒުތައް ފޯރުވިކަން ފަހުން އެނގިފައެވެ.

އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ ސްޓީލިންގ ޕެރަޑައިސްގައިވެސް ރިޟުވާނުގެ މައްސަލައިގައި އަވަސް އަރުވާލައިގެން ނޫޅުމަށް ކުރީގެ ރައީސް ޔާމީނު ހޯމް މިނިސްޓަރ އުމަރު ނަސީރަށް އަންގަވާފައިވާ ވަޓްސްއަޕް މެސެޖެއް ހާމަކޮށްފައިވެއެވެ.

ކުރިމިނަލް އިންވެސްޓިގޭޝަންގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، ރިޟުވާނުގެ މައްސަލައިގައި ތަހުޤީޤަށް އެންމެ މުހިއްމު ވަގުތުތައް ވަނީ ގެއްލިފައެވެ. ރިޟުވާނުގެ މައްސަލައިގައި ފުލުހުންގެ ތަހުޤީޤަށް ވުރެ މަދަނީ ޖަމިއްޔާއަކުން ކުރިޔަށް ގެންދިޔަ ތަހުޤީޤު އަވަސްވެފައި، މުހިއްމު ނުކުތާތަކެއް ވަރަށް އަވަހަށް ހާމަކޮށްފައި ވީނަމަވެސް، ފުލުހުންނަށް އެހިސާބަށް ވާސިލްވާން 2 އަހަރު ނެގިއެވެ. އެއީ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ގަސްތުގައި ތަހުޤިޤު ކުރިޔަށްގެންދިޔުމުގައި ވެފައިވާ އިހުމާލެއް ކަމުގައި ޤަބޫލުކުރަން ޖެހެއެވެ.
ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބުދުﷲ ގެ މަންމަ، އައި މިނަތު އީސާ

ރިޟުވާނުގެ މައްސަލައިގައި އިންސާފު ލިބިދާނެތަ!

ރިޟުވާނު ވަގަށް ނަގައި މަރާލިތާ މިއަދަށް 7 އަހަރު ފުރުނީއެވެ. އެ އަނިޔާވެރި އަމަލަށް އިންސާފު ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި، ޔާމީން ރަޝީދުގެ މަރަށް ވެސް 4 އަހަރު ވެގެން ދިޔައިރު، އިންސާފު ލިބޭނެ ކަމުގެ އުއްމީދުގެ ހުޅުކޮޅު ދަނީ ފަނޑުވަމުންނެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނާއި، ހެކި ހުރި ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ހެދި މައްސަލަ ކުރިޔަށްދާންވީ އެންމެ ބާރުމިނުގައި ކުރިޔަކަށް ނުދެއެވެ.

ރިޟުވާނުގެ އާއިލާ އާއި ރައްޓެހިންނާއި ޤައުމުގެ އެތައް ބަޔަކު އެދިއެދި ތިބީ އިންސާފަށެވެ. އެހެން ނަމަވެސް އެއިންސާފަށް ވާސިލްވެވޭނެ ދުވަހެއް އަދި ހަމަ އޮތީ ނޭނގުމެއްގެ ތެރޭގައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.