އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުން- އަތްމަތީ ފޮތް އިފްތިތާހު ކުރުން--

"އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުން" ކޮންމެ ބެލެނިވެރިއެއްވެސް ކިޔާލުން މުހިންމު

ހޯމަ 30 އޮގަސްޓް 2021 | ލަޒީނާ ޢަބްދުالله

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ނުވަތަ އޯޓިޒަމްއަށް މިހާތަނަށް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އޯޓިޒަމްއަކީ ކުއްޖާގެ ޅަފަތުގައި ދެނެގަނެވިއްޖެނަމަ، ހާއްސަ ތެރެޕީތަކެއްގެ ސަބަބުން އެކުދިންނަށް، އަމިއްލަ ހާލައިގެން އެކަނި އުޅެވޭވަރަށް މި ކުދިން ތަމްރީން ކުރެވެއެވެ. ނަމަވެސް ގިނަ ފަހަރަށް ކުދިންގެ ފަރާތުން އޯޓިޒަމްގެ ސިފަތައް ދެނެގަތުމަށް ބެލެނިވެރިންނަށް ނޭނގެއެވެ. އެހެން ކަމުން ކުއްޖާއަށް ތެރެޕީ ސެޝަންތައް ޅައުމުރުގައި ދެވޭގޮތްވެގެން ނުދެއެވެ.

Advertisement





މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ތައްޔާރުކޮށް ނެރުނު އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުން- އަތްމަތީ ފޮތަކީ އޯޓިޒަމްއަކީ ކޮބައިކަން ދެނެގަތުމަށް ލިބިގެންދިޔަ އަގު ބޮޑު ޖަވާހިރެކެވެ. އޯޓިޒަމް ކުދިންނަށް އުނގަންނައިދިނުމަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ދިވެހި ބަހުން ލިޔެ ނެރުނު މި ފޮތުގައި ކޮންމެ ބެލެނިވެރިޔަކާއި ޓީޗަރަކަށްވެސް ބޭނުންތެރިއެތައް މައުލޫމާތުތަކެއްވެއެވެ. ދުރާލާ ކުއްޖާއަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި މިފޮތުގައިމިވާ މައުލޫމާތުތަކަކީ ހަމަ ކޮންމެ ބެލެނިވެރިއަކަށްވެސް އެނގުން މުހިންމު މައުލޫމާތުތަކެވެ.




މި ފޮތުގައި އޯޓިޒަމްގެ އަލާމާތްތަކާއި ހާއްސަ ސިފަތައް ދެނެގަންނާނެ ގޮތާއި ފަރުވާ އަދި އެފަދަ ކުދިން ގެންގުޅުމުގައި ބޭނުންކުރާނެ ހިކުމަތްތައް ހިމަނާފައިވެއެވެ. ހާއްސަކޮށް މިފަދަ ކުއްޖެއް ގެންގުޅުމުގައި ގެވެށި މާހައުލު ތައްޔާރުކުރާނެގޮތާއި ގޭތެރެއިން އެފަދަ ކުއްޖަކަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އޯޓިޒަމްކުދިންނަށް ހުނަރެއް ދަސްކޮށްދޭއިރު އިސްކަންދޭންވީ ކަންކަމާއި ކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކޮށްދިނުމަށް ބާރުއަޅާނެގޮތްވެސް މި ފޮތުގައިވަނީ ހިމަނާފައެވެ.




"ދިރާސާތަކުން ދައްކާގޮތުގައި ގޭގެ މާހައުލުގައި ބެލެނިވެރިންގެ ބައިވެރިވުމާއިއެކު ފޯރުކޮށްދޭ ތެރަޕީތަކުން ކުދިންނަށް ލިބިދޭ ފައިދާ، ސުކޫލު މާހައުލުން ލިބޭ ފައިދާއަށްވުރެ ބޮޑެވެ. ތެރަޕީ ދިނުމުގައި ބޭނުންކުރާ އުކުޅުތައް ބެލެނިވެރިންނަށް ދަސްވުމުން، ކުދިންގެންގުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ."




ކޮންމެ ކުއްޖެއްގެ ފަރާތުންވެސް އެދެވޭ ކަންތައްތަކާއި ނޭދެވޭ ކަންތައްތައް ފެންނާނެއެވެ. ހާއްސަކޮށް އޯޓިޒަމްފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ފަރާތުންނެވެ. މި ގޮތުން މައިގަނޑުގޮތެއްގައި ކުދިން ބިހޭވިއާ ދައްކާ ހަތަރު ކަން ކަމަށްވާ ކަމަކުން ރެކެން ނުވަތަ ސަލާމަތްވުން، ސަމާލުކަން ހޯދުން، އެއްޗެއް ލިބިގަތުން އަދި ހިއްސުތަކާއި ގުޅުންހުރި ކަންތައްތަކާއި ގުޅިގެން ކުދިންގެ އުޅުން ހުންނާނެ ގޮތް މި ފޮތުގައިވަނީ ތަފްސީލުކޮށްދީފައެވެ. އޭގެ އިތުރުން ބޮޑާހޭކުމާއި ވިޔަރިއެރުން ހަމައިން ނެއްޓި އަތްފައި އުކާ، ހަޅޭލަވާ ރޮއި ހެދުމުން ފަދަ ނޭދެވޭ ކަންތައްތައް ކޮންޓްރޯލްކޮށް، ރަނގަޅު އާދަތައް ކުރިއަށްނެރި އަށަގެންނެވުމަށްޓަކައި ކުރަންޖެހޭނެ ކަންތައްތައްވެސްވަނީ ތަފްސީލްކޮށްދީފައެވެ.




މުއާމަލާތްކުރަން ނޭނގޭ ކުދިންނާއި ފޮޓޯ، މަންޒަރު ފަދަ ތަކެތި ބޭނުންކޮށްގެން މުއާމަލާތްކޮށް، އިޖުތިމާއީ ހުނަރުތަކާއި ބަސް ބޭނުންކުރުން އަދި ރަނގަޅު އާދަތައް އަށަގަންނުވާނެގޮތްތައްވެސް ވަރަށް ތަފްސީލްގޮތެއްގައި މިފޮތުގައިވަނީ ބަޔާންކޮށްދީފައެވެ. އަދި މޭޒެއް ކައިރީ އިށީންދެ އިނދެގެން މަސައްކަތްތައް ކުރުމަށް ދަސްކޮށްދޭނެ ގޮތް މިފޮތުގައިވެއެވެ. އޭގެ އިތުރުން އިޖުތިމާއީ ވާހަކައެއް ބޭނުންކޮށްގެން ހާއްސަ ހާލަތްތަކާއި ކަންތައްތަކުގައި އަމަލުކުރަންވީގޮތާއި، ބޭނުންވާ ކަމަކާއި ގުޅިގެން އިޖުތިމާއީ ވާހަކައެއް ތައްޔާރުކުރާނެ ގޮތްވެސްވަނީ ކިޔައިދީފައެވެ.




މި ފޮތުގައި މިވާ މައުލޫމާތުތަކުގެ އަލީގައި ކުއްޖާއަށް އަޅާލެވިއްޖެނަމަ، ކުއްޖާގެ ކިބައިން އެދެވޭ ހެޔޮ ބަދަލު ފެންނާނެއެވެ. ތެރެޕީ ސެޝަންތަކާއިއެކު ގޭގައި ކުއްޖާއަށް ދެވޭ އެއްބާރުލުމުން ކުއްޖާއަށް ހީވެސް ނުކުރާފަދަ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ. އަވަހަށް މި ފޮތް ކިޔާލާށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.