ގެމަނަފުށީ ސްކޫލު ދަރިވަރުންތަކެއް -- ފޮޓޯ: ގެމަނަފުށީ ސްކޫލް

ޓެކްސްޓް ފޮތްތަކުގެ ކުށްތައް، ސިޔާސީ ކަމެއްތަ؟ ނުވަތަ އިހުމާލެއްތަ؟

އަންގާރަ 07 ސެޕްޓެމްބަރ 2021 | މޫސަ

ދިވެހިރާއްޖެގެ ތައުލީމީ ދާއިރާ ކުރިއަރަމުން އައި ދުވެއްޔާއި ބަލާއިރު، އަދިވެސް ގޮންޖެހުންތައް ގިނައެވެ. ކިޔަވައިދިނުމަށް ބޭނުންވާ ޓެކްސްޓް ފޮތްތަކާއި މެޓީރިއަލް އުފެއްދުމުގައި ދަތިތައް އެބަހުއްޓެވެ. އެހެން ނަމަވެސް އެހުރިހާ ދަތިތަކާއި އެކުވެސް ރާއްޖޭގެ ތައުލީމީ ދާއިރާ ދަނީ ދުވަހެއް ދުވަހަށް ކުރިއަރަމުންނެވެ.

Advertisement


ދަރިވަރުންނަށް ދޫކުރާ ޓެކްސްޓް ފޮތްތަކުގައި ކުށްހުރުމަކީ އަލަށް ދިމާވި ކަމެއް ނޫނެވެ. ނުވަތަ އަލަށް ފާހަގަވި ކަމެއްވެސް ނޫނެވެ. ކިޔަވައިދިނުމަށް ކުލާހަށް ވެދެވަޑައިގަންނަވާ ކޮންމެ ޓީޗަރަކީވެސް އެގްރޭޑެއްގެ ޓެކްސްޓް ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް ބައްލަވައި، ސްކީމް އޮފް ވޯކާއި ލެސަން ޕްލޭނާއި ވޯކްޝީޓްތައް ހައްދަވައިގެން ކްލާހަށް ވެދެވަދައިގަންނަވާ ބޭފުޅުންނެވެ. އެހެންކަމުން އުފެދޭ ސުވާލަކީ ޓެކްސްޓް ފޮތްތަކުގައި، ބޮޑެތިކުށްތަކެއް މިހާ ދުވަހު ހުރީ ކީއްވެތޯއެވެ.

" ގްރޭޑް 2 ގެ ފޮތުން އަޅުގަނޑުމެންނަށް ކުށް ފާހަގަ ކުރެވުނުތާ ކިތަންމެ އަހަރެއް. އެކުށް ކަނޑާލައިގެން ކިޔަވައިދެނީވެސް. ބައެއް ފަހަރު އެހެން ކުށްހުރީމާ އިސްލާހްކޮށްފައި އަލުން ހުންނާނެ އެސަފްޙާއެއްގެ މަތީގައި ގަނޑުތަތްކޮށްދީފައިވެސް." ދެކުނުގެ އަތޮޅެއްގެ ސްކޫލެއްގެ ލީޑިންގ ޓީޗަރަކު ވިދާޅުވިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ ވިދާޅުވީ، ފޮތްތަކުގައި ކުށްހުރެގެން އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަން މިހާރު ފައްޓަވާފައިވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އެއީ އެންއައިއީން ބައްލަވާފައި، އިސްލާމިކް މިނިސްޓްރީން ފާސްކޮށްގެން ނެރެވިފައިވާ ފޮތްތަކެއް. އިތުރަށް ކުށް ހުރިކަމަށް މިފާހަގަވެފައި ހުރި ފޮތްތަކަށް ބަލާއިރު، މިފޮތްތަކަކީ، މިސާލަކަށް ގްރޭޑް 2 ގެ ފޮތް އެއީ 2015 އިން ފެށިގެން ދަރިވަރުން ބޭނުންކުރަމުން ގެންދާ ފޮތް." މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވީ، ޤުރުއާނުގެ އާޔަތެއް ނުބައިކޮށް އޮތުމަކީ އެއީ ވަރަށް ބޮޑުކުށެއް ކަމަށާއި އެކަން އެގޮތަށް ހިނގައިގެންވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނޭ ގޮތްބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަޤީންކަން އެކަމަނާދެއްވިއެވެ.

މިހާތަނުން އެތައް ފަރާތަކުން އުފައްދާ ސުވާލަކީ، އައު މަންހަޖާއިއެކު ޗާޕްކުރަންފެށި ފޮތްތަކުގައި ކުށްހުރިކަން ހަމައެއްވެސް ބަޔަކަށް ނޭނގި 5 އަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔައީ ކީއްވެގެންތޯއެވެ. އެސުވާލަށް ޖަވާބުދޭ ބަޔަކީ ޓީޗަރުންނެވެ.

"އަޅުގަނޑުމެން 2015 ވަނަ އަހަރުވެސް އެންއައިއީ އަށާއި، އެޑިޔުކޭޝަން މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާނެ ފޮތްތަކުގައި ކުށްހުރިކަން. ދެން އެކަހަލަކަންކަން މުދައްރިސުންގެ ފަރާތުން ކަރިކިއުލަމާއި ފޮތްތައް ތައްޔާރު ކުރާ ފަރާތްތަކަށް ހުށައެޅޭނެ ރަނގަޅު ނިޒާމެއް ނެތީމަ އަސްލުގައި މިމައްސަލަ މިދިމާވަނީ." ރާއްޖޭގެ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވިއެވެ.

މުދައްރިސުންގެ ވާހަކަ ތަކުން އެނގިފައިވާ ގޮތުގައި ފޮތްތަކުގައި ކުށްހުރިކަން އެތައް އަހަރަކުން ފެށިގެންވެސް މުދައްރިސުންނަށް އެނގެއެވެ. އެކަން ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނައިސްއޮތީއެވެ. އަދި ކޮންމެ އަހަރަކުވެސް ފޮތްތައް އަލުން ޗާޕްކުރަމުން އައިއިރު، ފޮތްތަކުން ކުށްކަނޑައި ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައި ނެތީއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެންއައިއީގެ ފަރާތުންވެސް ބުނެފައި ވަނީ، ފޮތްތަކުގައި ކުށްހުރުމަކީ ވެގެން ވާނެ ކަމެއްކަމަށް ޤަބޫލު ނުކުރާ ކަމަށާއި، އެކަން އެހެން ހިނގާފައި އޮތީ ބަލަންވާވަރަށް ނުބެލުމުންކަމުގައި ޤަބޫލު ކުރައްވާކަމަށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންވެސް ވަނީ ފޮތްތައް ފާސްކުރުމުގައި ބަލަންވީވަރަށް ބެލިފައި ނެތުމަކީ، ދެރަކަމެއް ކަމަށާއި އެފަދަ ކަމެއް ދެވަނަފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުގެ ތެރެއިން 4 ގުރޭޑެއްގެ ފޮތްތަކުން ކުށްފާހަގަ ވެފައި ވާއިރު، ޚާއްސަ ޕެނަލެއް އެކުލަވާލައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިހާރުވަނީ ހުރިހާ ފޮތްތަކެއް އަލުން ޕްރޫފްރީޑްކޮށް ޗެކު ކުރުމަށް ނިންމާފައެވެ.

މިފަހަރު މިމައްސަލަ ފެންމަތިކުރީ ސިޔާސީ އިދިކޮޅު ވިސްނުމުގެ މީހުންނެވެ. ސަރުކާރުން ތައުލީމީ ނިޒާމުގެ ތެރެއިން ހަރުކަށި ފިކުރު ފެތުރިގެން ދިޔުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވުމާއިވެސް އެކުގައެވެ.

ފޮތްތަކުގައި ހުރި އެތައް އަހަރެއްވީ ކުށްތައް ސިޔާސީ ކޮށްލުމުގެ ބޭނުމަކީވެސް، ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ކިލަނބުކަން އުފައްދައި ނަފުރަތު އުފެއްދުމެވެ. 2015 ވަނަ އަހަރާއި ހަމައަށް ފޮތްތަކުގެ ކުށްތައް މިހާތަނަށް ޓްރޭސް ކުރެވިފައި ވާއިރު އެއަށްވުރެ ދުރަށްވެސް މިކުށްތައް ނުދާނެކަން އަދި ނޭނގެއެވެ.

އެހެން ނަމަވެސް މިހާރުވެސް ބައެއް ފަރާތްތަކުން ވަނީ މިނިސްޓަރ އައިޝަތު އަލީގެ އިސްތިއުފާއަށް ގޮވަން ފަށާފައެވެ. މައްސަލަ އޮތް ގޮތާއި މައްސަލަ ފެށިފައި އޮތް ހިސާބާއި އަދި މައްސަލަ ހައްލުކުރަން ކުރާ މަސައްކަތް އެމީހުން ބަލާކަށް ބޭނުމެއް ނޫނެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.