ރައީސުލްޖުމްހޫރިއްޔާ ފުނަދޫ ކައުންސިލާ ބައްދަލުކުރައްވަނީ: ފޮޓޯ-ރައީސް އޮފީސް

ފުނަދޫ ތަރައްޤީ ކުރަނީ ށ.އަތޮޅުގެ ތަރައްޤީގެ މަރުކަޒުގެ ގޮތުގައި- ރައީސުލްޖުމްހޫރިއްޔާ

އަންގާރަ 07 ސެޕްޓެމްބަރ 2021 | އައުޓްރީޗް

ފުނަދޫ ތަރައްޤީ ކުރަނީ އެއަތޮޅުގެ ތަރައްޤީގެ މަރުކަޒުގެ ގޮތުގައި ބައްލަވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ށ. އަތޮޅާއި، ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުނަދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެރަށުގައި އެކިއެކި ޚިދުމަތްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްޤީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކުރުންކަމަށެވެ. 

Advertisement


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުނަދޫގައި އެއަރޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްޤީގެ މަރުކަޒުގެ ގޮތުގައިކަމުގައެވެ. ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށަކީ ރަށު ކައުންސިލުގެ އިހްތިޞާސްގެ ތެރޭގައި މިހާރުވެސް ހިމެނޭ ރަށެއްކަން ފާހަގަކުރައްވާފައެވެ.  

ކޯވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. 

މިބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ގެދޮރުގެ ދަތިކަމާއި ރަށްގިރުންފަދަ ރައްޔިތުންނަށް މުހިންމު މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފުނަދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.