ރައީސް ޔާމީން ގޭގައި ހުންނަވާ ހަރަކާތުގައި ބައިވެރިވަނީ: ފޮޓޯ-ސޯޞަލް މީޑިޔާ

ގޭބަންދުގައި ހުރެ ފެން ކުޅި ކުޅުމުގައި ބައިވެރިވުމާއި، ސިޔާސީ ހަރަކާތުގައި ބައިވެރިވުން އެއްވަރު!

ހޮނިހިރު 11 ސެޕްޓެމްބަރ 2021 | އައުޓްރީޗް

އިއްޔެ މީޑިޔާގެ ފަލަ ޞުރުޚީތަކުން ޖާގަ ހޯއްދެވީ ކުރީގެ ރައީސް އަބުދުالله ޔާމީން ގޭ ބަންދުގައި ހުންނަވައިގެން ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ދިދަ ހޫރުއްވުމެވެ. ދިވެހި ޤައުމީ ދިދައާއި، އެމަނިކުފާންގެ ޕާޓީގެ ދިދަ ސަޕޯޓަރުންނަށް ހޫރައްވަމުން ގެންދެވީ ހިނިތުންވުމާއެކުއެވެ. ޢާއްމުކޮށް އެމަނިކުފާންގެ މޫނުފުޅުމަތިން ނުފެންނަފަދަ ހިނިތުންވުމެއް ފާޅުވިއެވެ.

Advertisement


އެއާއެކު މީޑިޔާތަކުގެ ސުރުޚީތަކަށް އަރަމުން ދިޔައީ ގޭބަންދުގައި ހުންނަވާ އިދިކޮޅުގެ މުޒާހަރާގައި އެމނިކުފާން ބައިވެރިވިކަމުގެ ވާހަކައެވެ. ގޭނަބްދުގައި ހުންނަވާ ސިޔާސީ ހަރަކާތުގައި ބައިވެރިވި ވާހަކައެވެ. ސަރުކާރަށް ނިސްބަތްވާ އަދި ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް އެކަން ފާހަގަކުރައްވާ އެމަނިކުފާން އަނބުރާ ޖަލަށް ގެންދެވުމަށް ގޮވާލިއެވެ. އެދަނޑިވަޅު ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅުވެސް ޓްވީޓް ކުރައްވާ ރައީސް ޔާމީން އިޤްރާރާ ހިލާފްވެއްޖެކަމަށް ވިދާޅުވިއެވެ.




ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤުރާރާ ޚިލާފަށް. އެހެންކަމުން މިމައްސަލަ ބަލާ، ފިޔަވަޅު އަޅާނަން. ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުޙައްމަދުފުޅު ޓްވީޓްގައި ވިދާޅުވިއެވެ.

ނަމަވެސް ދިފާއުގައި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި، ވަކީލުން ވިދާޅުވީ އެމަނިކުފާން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވާކަމަށެވެ. އިޝާރާތްކޮށްލުމުގެ ހައްޤު، ހަނާ އަޅާލުމުގެ ހައްޤު ރައީސް ޔާމީނަށްވެސް ލިބިގެންވާކަމަށް ވިދާޅުވިއެވެ. އެއާއެކު ދެން ދައުރުކުރެއްވީ މިހާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުالله ގޭބަންދުގައި ހުންވަނިކޮށް އީދުގެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ފޮޓޯއެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޢިމްރާން ގޭންބަދުގައި ހުންނަވާ އީދުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް، ބެލްކަންޏަށް ނިކުންނަވާ ފެންކުޅި ކުޅުމުގައި ބައިވެރިވި ފޮޓޯއެކެވެ. އޭރު މީޑިޔާއިން އެޚަބަރު ކަވަރު ކުރެއްވި ޞުރުޚީތައް ދައުރުކުރިއެވެ. އެއްހަމަކުރެއްވީ ރައީސް ޔާމީންގެ ސިޔާސީ ބައިވެރިވުމާއެވެ. އެއާއެކު ދެން ދައުރުކުރެއްވީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ގޭބަންދުގައި ހުންނަވާ ސިޔާސީ ޕާޓީއަކަށް ސޮއިކުރެއްވި ފޮޓޯއެވެ. 

މިއީ ހަމަ ހަޤީޤަތުގައިވެސް އެއްހަމަ ކުރެވޭނެ ކަންކަން ހެއްޔެވެ؟ މިހާރުގެ ހޯމް މިނިސްޓަރ އޭރު ބައިވެރިވެވަޑައިގެންނެވީ ސިޔާސީ ހަރަކާތެއްގައި ތޯއެވެ؟ އެއީ ސިޔާސީ ހަރަކާތެއްކަމަށް މިނާނީ ކޮން ހަމައަކުން ތޯއެވެ؟ ހުރިހާ ސިސާފީ ފިކުރެއް ބައިވެރިވާ، ކޮންމެ މިސްލިމަކުވެ ބައިވެރިވާ އީދުގެ އުފަލުގައި ގޭގައި ހުންނަވާ ބައިވެރި ވުމާއި، ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިންނާއި، ސިޔާސީ ޕާޓީއެއްގެ ދިދަ ހިއްޕަވައިގެން ބައިވެރިވުމާއި އެއްހަމަކުރާނީ ކޮން ހަމައަކުން، އުޞޫލަކުންތޯއެވެ؟ ހަޤީޤަތަކީ ގޭބަންދުގައި ހުންނަވާ ސިޔާސީ ހަރަކާތުގައި ބައިވެރިނުވެވޭނެކަމެވެ. ބައިވެރިވެއްޖެނަމަ ފިޔަވަޅު އަޅަން ޖެހޭނެކަމެވެ. ފިޔަވަޅު އަޅުއްވާނެކަން ކަރެކްޝަނުން ވަނީ ހާމަކުރައްވާފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިޔާސީ ޕާޓީއަކަށް ސޮއިކުރެއްވުމަކީ އަދި މުޅިން ތަފާތު ކަމެކެވެ ސިޔާސީ ޕާޓީއަކަށް ސޮއިކުރެއްވުމުން ސިޔާސީ ކަމަކަށް ވެއެވެ. އެކަމަކު ސިޔާސީ ހަރަކާތެއްގައި ބައިވެރިވުންކަމުގައި ވާނެތޯ މިއީ ސުވާލެކެވެ. ސިޔާސީ ހަރަކާތުގައި ބައިވެރިވުންކަމުގައި ބެލެވިދާނެއެވެ. އެކަމަކު ޢިމްރާން ޢަބްދުالله އީދު އުފަލުގައި ބައިވެރިވުމަކީ ސިޔާސީ ކަމެއްކަމުގައި ބެލޭނެ އެއްވެސް ހަމައެއް އެބައޮތްތޯއެވެ؟

އިދިކޮޅުން ގެންދަވަނީ ސަރުކާރަށް ޗެލެންޖް ކުރައްވަމުންނެވެ. ކުރީގެ ރައީސް ޔާމީން ޖަލަށް ގެންގޮސްފިނަމަ ސަރުކާރަށް ނޭވާލިޔަ ނުދެއްވާނެކަމަށް ވިދާޅުވެއެވެ. ޖަލަށް އަނބުރާ ނުގެންދެވޭނެކަމަށް ވިދާޅުވެއެވެ. ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އިންޒާރު ނުވަތަ ޗެލެންޖްތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެއެވެ. އިޤުރާރާ ހިލާފްވެއްޖެ ނަމަ ފިޔަވަޅު އަޅުއްވަން ޖެހޭނެއެވެ. އެފިޔަވަޅު ރައްޔިތުންނަށް ހާމަކުރައްވަންވެސް ޖެހޭނެއެވެ. އިޤުރާރުގައި އޮތް އެއްޗެއް އަޅުގަނޑުމެންނަކަށް ސާފެއް ނޫނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.