މަލްޓިމީޑިއާ ލައިބްރަރީ--- ފޮޓޯ: ޕީއެސްއެމް

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްލަރީ ބަންދު ނަމަވެސް، ކިޔުންތެރިކަމާއި ކުދިން ދުރުވިޔަކަ ނުދިން

އާދީއްތަ 12 ސެޕްޓެމްބަރ 2021 | ލަޒީނާ ޢަބްދުالله

އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ހިދުމަތްދޭ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ވަގުތީ ގޮތުން ބަންދުކުރުން ވެގެންދިޔައީ އެތަން ބޭނުން ކުރަމުން ދިޔަ ކުދިން މާޔޫސްކުރުވި ކަމަށެވެ. ނަމަވެސް ލައިބްރަރީއިން ވަނީ އެ މާޔޫސްކަމަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިމުމަކަށް ގެނެސްފައެވެ. ލައިބްރަރީ ބަންދު ނަމަވެސް، ސޯޝަލް މީޑިއާގެ ޒަރީއާއިން ވަނީ ކުދިންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދީފައެވެ.

Advertisement


ކިޔުންތެރިކަމާއި ކުދިންގެ ތަފާތު ހުނަރުތައް ތަރައްގީކުރުމަށް ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ފޭސްބުކުގައި ފެށި ޕްރޮގްރާމް ވެގެންދިޔައީ ކުދިންނާއި ލައިބްރަރީއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވި ކަމަކަށެވެ. ކޯވިޑް-19 ގެ ފުރަބަންދާއި ގުޅިގެން "އޮންލައިން ހޮނިހިރު ދުވަހުގެ ހަރަކާތް" ނަމުގައި ފެށި ޕްރޮގްރާމްވީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށެވެ. މުޅި ރާއްޖެއިން އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނާއިއެކު ގިނަ އަދަދެއްގެ ކުދިން ބައިވެރިވިއެވެ. ހިޓަކަށް ވެގެންދިޔަ އެ ޕްރޮގްރާމުގެ ދަށުން 50 ހަރަކާތް ކުރިއަށް ގެންދެވުނެވެ.

"ހަރަކާތްތަކުގައި ބައިވެރިވި ކުދިންނަށް ހަރަކާތުގައި ބައިވެރިވެ މަސައްކަތް ފުރިހަމަ ކުރުމުން ޑިގިޓަލް ބެޖެއް ދެވުނު. އަދި ހަރަކާތްތަކުގައި ބައިވެރިވި ކުދިންނަށް އިނާމް އަދި ސެޓްފިކެޓް ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން" ލައިބްރޭރިއަން ނަބާހާ އާމިރު ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގެ ދަށުން ވާހަކަ ލިޔުން، ވާހަކަ ހުށަހެޅުން، ކުރެހުމާއި ކުލަޖެއްސުން، ކްރާފްޓްސް ތައްޔާރުން، ކާބޯތަކެތިން މަންޒަރެއް ތައްޔާރުކުރުން، ޅެން ބައިތެއް ހެދުން، ބަސް ބާޒީ، މަދަހަ ކިޔުން އަދިވެސް ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހާއްސަ ދުވަސްތަކާއި ގުޅުވައިގެން އެދުވަސްތަކަށް ހާއްސަ ހަރަކާތްތައްވެސް ކުރިއަށް ގެންދިޔައެވެ.

" ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަސް، ތިމާވެށި ދުވަސް، ޑޮކްޓަރުންގެ ދުވަސް، ލޭ ހަދިޔާ ކުރާ ދުވަސް އަދިވެސް މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ހޮނިހިރު ދުވަހުގެ ހަރަކާތުގެ ދަށުން ހިންގުނު. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ފޮތުގެ ދުވަހާއި ގުޅުވައިގެން ކުޑަކުދިންގެ ކުރު ވާހަކަ ލިޔުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދެވުނު" ނަބާހާ ވިދާޅުވިއެވެ.

ހަތަރު އުމުރު ފުރާގެ ގިންތިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އިންސާފު ކޮށްފައިވަނީ ހާއްސަ ފަނޑިޔާރުންގެ ޕެނަލްއަކުންނެވެ. މި މުބާރާތުގައި 1 ވަނަ، 2 ވަނަ، 3 ވަނައިގެ އިތުރުން ކޮންމެ އުމުރު ފުރާއަކުންވެސް އެންމެ މޮޅު ފަސް ވާހަކަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ނަބާހާ ވިދާޅުވީ މިހާރު ވަނަ ހޮވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"މި ޕްރޮގްރާމްގައި ބައިވެރިކޮށްފައިވާ ވާހަކަތަކުން ފާހަގަކޮށްލެވޭ ވާހަކަތައް ޤައުމީ ކުތުބާޚާނާގެ ޔޫޓިއުބް ޗެނަލްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ވާހަކައަށި ޕްރޮގްރާމްގައި ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައި. ޔޫޓިއުބް ޗެނަލް ލައިބްރަރީ އެމްވީ އިން ވާހަކަ ބަލާލަން ބޭނުންވާ ކުދިންނަށް ބަލާލެވޭނެ އަދި މީގެ އިތުރުން މި ޕްރޮގްރާމްގައި ވާހަކަ ހުށަހަޅާދޭން ޝައުގުވެރިވާ ކުދިން ނުވަތަ ފަރާތްތަކުން ލައިބްރަރީއަށް ގުޅައިގެން ނުވަތަ ފޭސްބުކް މެދުވެރިކޮށް ނަން ނޯޓު ކުރުމުން ވާހަކަ ހުށަހަޅާ ދިނުމަށް ފުރުސަތު ލިބިގެންދާނެ." ނަބާހާ ފާހަގަކުރެއްވިއެވެ

ޤައުމީ ކުތުބުޚާނާ، އޭޝިއާ ފައުންޑޭޝަން އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ކުރައަށް ގެންދާ "ލެޓްސް ރީޑް ކިޔުމުގެ ހަރަކާތް" މިއީވެސް ކުދިންގެ ވަރަށް ތަރުހީބު ލިބޭ ހަރަކާތެކެވެ. ކޮންމެ މަހެއްގެ ވެސް އެންމެ ފުރަތަމަ ހޮނިހިރު ދުވަހުގައި ބޭއްވުމަށް ކަނޑައަޅައިގެން ކުރިއަށް ގެންދާ މި ހަރަކާތުގެ ކާމިޔާބު 4 ސެޝަނެއް މިހާރުވަނީ ކުރިއަށް ގެންދެވިފައެވެ. މި ހަރަކާތުގައި ދިވެހި އަދި އިނގިރޭސި ވާހަކަ ހުށަހަޅާ ދިނުމުގެ އިތުރުން ލެޓްސް ރީޑް އެޕްލިކޭޝަން އަދި ވެބްސައިޓް ބޭނުން ކުރާނެ ގޮތް ކުދިންނަށް ކިޔާދެވެއެވެ. ލެޓްސް ރީޑް އަކީ އޭޝިއާ ފައުންޑޭޝަންއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ބައިވަރު ތަފާތު ބަސްބަހުގެ ވާހަކަތައް ކުޑަކުދިންގެ އެކި ލެވަލް ތަކަށް ބަހާލައިގެން ކުޑަކުދިންގެ މެދުގައި ކިޔުންތެރިކަން އާލާ ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. އެގޮތުން ދިވެހި، އިނގިރޭސި، އަރަބި، ބަހާސާ، ހިންދީ އަދިވެސް ތަފާތު ބަސް ހިމެނެއެވެ. މިހާރު ދިވެހި ބަހުން 170 އަށް ވުރެން ގިނަ ވާހަކަ މި އެޕްލިކޭޝަން އަދި ވެބްސައިޓް މެދުވެރިކޮށް ކިޔާލެވޭނެއެވެ. ބޭނުމިއްޔާ ވާހަކަ ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިއީ ވާހަކަ ކިޔާ ހިތްވާ ކުދިންނަށް ރަނުގެ ފުރުސަތެކެވެ.

އޮންލައިން ހޮނިހިރު ދުވަހުގެ ހަރަކާތުގެ ކާމިޔާބީއާއެކު، ދާދިވަރު ހަރަކާތުގެ ނަމުގައި މިހާރު ވަނީ އާ ހަރަކާތެއް ފަށާފައެވެ. ލައިބްރަރީ ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު ކުދިންގެ ތާއީދު މި ހަރަކާތައް ދަނީ ލިބެމުންނުވެ. މި ޕްރޮގްރާމްގެ ދަށުންވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.

"ވަރަށް އުފާވޭ މި ކަހަލަ ހަރަކާތްތައް ހިންގާތީ. އަޅުގަނޑުމެން ފޫހިފިލައި ހުސްވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފޭ. އަދި އަޅުގަނޑުމެންގެ ހުނަރު ތަރައްގީ ކުރުމަށާއި އަޅުގަނޑުމެންގެ މަސައްކަތްތައް ދައްކާލުމަށް މިކަމުން އެބަ ފުރުސަތު ލިބޭ." މި ހަރަކާތްތަކުގައި ބައިވެރިވާ އަޒުމާ ބުންޏެވެ.

ފޭސްބުކު މެދުވެރިކޮށް ލައިބްރަރީއާއި ގުޅުން ބޭއްވުނު ނަމަވެސް، ކުދިން ތިބީ ލައިބްރަރީއަށް ގޮސް ހަރަކާތްތަކުގައި ބައިވެރިވުމަށް ކެތްމަދުވެފައެވެ. ލައިބްރަރީގެ އުފާވެރި މާހައުލުގައި ފޮތް ކިޔާލަން ބޭނުންވެފައެވެ. ހިތްހެޔޮ އެކުވެރި ލައިބްރޭރިއަނުންނާއި ބައްދަލުކޮށްލެވޭނެ އިރެއްގެ އިންތިޒާރުގައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.