މާބުދުގެ ސަރަހައްދު---

ލަންދޫ އައުޓްޑޯ މިއުޒިމާއެކު ރަށަށް ބޮޑު ބަދަލެއް ގެނުވާނެ

ހޯމަ 13 ސެޕްޓެމްބަރ 2021 | ލަޒީނާ ޢަބްދުالله

ނ.ލަންދޫ "މާބަދިގެ" ނުވަތަ "މާބުދުގެ" ނުވަތަ ކުރީގައި ކިޔާ އުޅުން ގޮތުންނަމަ "ހަތްކަ" ނުވަތަ "ހައިކަ" ހުންނަ ސަރަހައްދަކީ ތާރީހީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ސަރަހައްދެކެވެ. "މާބަދިގެ ހަތްކެއި ހައިތަ" އޭވެސް ކިޔައި އުޅޭ އެ ތަނުން ދިވެހިންގެ ދިގު ތާރީހު ފެނިގެންދެއެވެ. ރާއްޖޭގެ އެންމެ ގަދީމީ އެއް ބިނާ އެ ސަރަހައްދުގައި ހުރިއިރު، ރާއްޖޭގެ އެންމެ ދުވަސްވީ ލިޔުންވެސް ފެނިގެންދިޔައީ އެ ސަރަހައްދުންނެވެ. އެ ސަރަހައްދުގައި ސައިޓް މިއުޒިއަމެއް އެޅުމަށް ނިންމާ ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިކަން ވެގެންދާނީ ތާރީހާ ސަގާފަތް ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތައް އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ކަމަކަށެވެ.

Advertisement


މާބުދުގެ އަކީ ކޮބައި؟

ލަންދޫ މާބުދުގެ ފުޅާމިނުގައި 292 ފޫޓު އަދި އުސްމިނުގައި 28 ފޫޓު ހުންނާނެކަމަށް ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް ދުވަސްވެ ވީރާނާވުމުގެ ސަބަބުން މިހާރު އެތަނުގެ ސައިޒު ކުޑަވެފައިވާއިރު، އެތަނުގައި ފައްޅިއަކާއި އިތުރު ކުޑަ ފަސް އިސްތޫޕާވެސް ހުރިކަމަށް ތާރީހީ ލިޔުންތަކުގައިވެއެވެ. މާބުދުގެއަކީ ބުޑިސްޓު ދީނުގެ އެކުވެންޏެއް (މޮނާސްޓްރީއެއް) ކަމަށް "އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ" އިން ރާއްޖެ ފޮނުއްވި ޓީމަކުން 1987 ވަނައަހަރު ސާރވޭ ކޮށްބެލުމަށްފަހު ބުނެފައިވާކަމަށް އަބްދުﷲ ސައީދު ވަނީ ހާމަކުރައްވާފައެވެ.

އޭގެ އިތުރުން މާބުދުގެ ސަރަހައްދު ހާއްސަވާ އަނެއް ކަމަކީ ރާއްޖެއިން ފެނުނު އެންމެ ދުވަސްވީ ލިޔުން ފެނިފައިވަނީވެސް އެ ސަރަހައްދުން ފެނުނު ގަލަކުން ކަމަށްވުމެވެ. އަބްދުﷲ ސައީދު ހާމަކުރައްވާފައިވާ ގޮތުގައި ލަންދޫން ފެނުނު ގަލަކީ މީލާދީން 6 ވަނަ ގަރުނުގެ ލިޔުމެކެވެ. އެއީ ރާއްޖޭގައި ލިޔަންކިޔަން ފެށުނު ދުވަސްވަރު ބުނެދޭ ތާރީހީ ގަލެކެވެ.

އެ ގަލުގައި ބޭނުން ކޮށްފައިވާ އަކުރަކީ މީލާދީން 6 ވަނަ ގަރުނުގައި ބޭނުންކުރި ދެކުނު ބްރަހުމީ ނުވަތަ "ފަހުގެ ބްރަހުމީ" އަކުރެވެ. ރާއްޖެ އިސްލާމީ ގައުމަކަށް ވުމުގެވެސް ކުރީގެ، އެ ލިޔުން ފެނިފައިވާ ގާ ދާރުލް އާސާރުގައި ބާއްވާފައި ވާއިރު، އޭގެ ދެވަނަ ގާ އޮތީ ލަންދޫ ކައުންސިލް އިދާރާގައެވެ.

މާބުދުގެ ސަރަހައްދުގައި ތަރައްގީކުރާ އައުޓްޑޯ މިއުޒިމް

މާބުދުގެ ސަރަހައްދުގައި ސައިޓް މިއުޒިއަމްއެއް ތަރައްގީކުރުމަށް ބޭނުންވާ ޑިޒައިންކޮށް ތަފްސީލީ ކުރެހުން ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާން ކޮށްފައިވާއިރު، މީ މިފަދަ މިއުޒިއަމެއް ރާއްޖޭގައި ހަދަން ނިންމި ފުރަތަމަ ފަހަރެވެ. 

މިއުޒިއަމް ތަރައްގީކުރާއިރު،އެތަނާއި ގުޅޭ މައުލޫމާތުތަކާއި، އެތަނާއި ގުޅުން ހުރި ތަކެތި ޑިސްޕްލޭ ކުރެވިފައި ހުންނާނެ، އަދި އަންނަ މީހުންނަށް ތަނާ ގުޅޭ މައުލުމާތު ފޯރުކޮށްދިނުމަށް ޕްރެޒެންޓޭޝަން އެޅުވޭނެ އިންތިޒާމް ހަމަޖެހިފައިވާނެ، އޭގެ އިތުރުން އެތަން ބަލައިލުމަށް ވަންނަ މީހުންނަށް ފަސޭހައިން ހިނގާފައި ވަދެވޭނެގޮތައް ވޯކްވޭއާއި، ފޮޓޯ ނަގަން ރަނގަޅު ސެޓަޕްތައްވެސް ހެދިގެންދާނެ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުހައްމަދު ތޯރިގް ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތް ރައްކާތެރި ކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މިފަދަ މަޝްރޫއުތަކުން އެ ތަނެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނަށް މާލީ ގޮތުން މަންފާއެއް ލިބޭނެފަދަ ގޮތަކަށް މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއެވެ. އެގޮތުން ލަންދޫ މާބުދުގެ ތަރައްގީ ކުރުމުގައިވެސް ރަށަށް މާލީ މަންފާ ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ވަނީ ދީފައެވެ. އެ ބޭނުމުގައި މިތަން ތަރައްގީކުރުމަށް ނިންމާފައިވަނީ ސުވެނިއަރ ޝޮޕަކާއި ކެފޭއެއްވެސް އެތަނުގައި ހިމެނޭ ގޮތަށެވެ.

ވަރަށް އިސްކަން ދެން ކޮންމެސް ވަރެއްގެ އާއްމުދަނީއެއް ޖެނެރޭޓްވާނެ ފަދަ ގޮތަކަށް މިފަދަ ތަންތަން ތަރައްގީކުރަން. އޭރުންތާ ދެމެހެއްޓެނިވި ގޮތަކަށް މި ތަންތަން ބެލެހެއްޓޭނީ. ކެފޭ އާއި ސުވެނިއަރ ޝޮޕެއްވެސް މިތަނުގައި ހުޅުވިގެންދާނެ. އަދި ތަން ބެލުމަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޓިކެޓް ކަނޑައިގެން ވަދެވޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސޭތޯ މި ވިސްނަނީ. ތޯރިގު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތް ނުވަތަ އާކިއުލޮޖީގެ ދާއިރާއިން ތަމްރީންވާ ދަރިވަރުން ވަރަށް މަދެވެ. މިކަމުގެ ސަބަބުން ތަރީހާއި ގުޅޭ މުހިއްމު ދިރާސާތައް ރާއްޖޭގައި އެދެވޭ މިންވަރަކަށް ނުކުރެވެއެވެ. މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތާރީހާއި މެދު އަދުގެ ޒުވާނުންގެ ލޯ ހުޅުވި ޝައުގުވެރިކަންވެސް އިތުރުވެގެންދާނެއެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުގެ ތާރީހާއި ގުޅޭ ކަންތައްތައް ދިރާސާތައް ކުރާ މީހުންނަށްވެސް މިތަންތަނުގެ މައުލޫމާތު ލިބި، އެ މީހުންގެ ޝައުގުވެރިކަން މިފަދަ ތަންތަނަށް ހުއްޓިގެންދާނެއެވެ.

ތާރީހާއި މެދު ކުދިންގެ ޝައުގުވެރިކަން އުފެދި މިދާއިރާއިން ކުދިން މަތީ ތައުލީމް ހޯދުމަށް ޝައުގުވެރިވާނެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ޝައުގުގަ މިފަދަ ތަންތަނާއި ގުޅޭ ގޮތުން އިލްމީ ދިރާސާތައް ކުރާނެ ކުދިންވާނެ. ހަމަ އެއާއިއެކު ރާއްޖޭން ބޭރުގެ އާރކިއުލޮޖިސްޓުންވެސް މިތަންތަނާއި ގުޅޭ މައުލޫމާތު ހޯދުމަށް ޝައުގުވެރިވާނެ. ތާރީހާ ސަގާފަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ އެ މަޝްރޫއުއަށް ހިނގާނެ ހަރަދު އިގޭނީ ޑިޒައިންކޮށް ތަފްސީލީ ކުރެހުން ނިމުމުންކަމަށެވެ.

މީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމެއް. ކަމަކަށް ކަމެއް ކުރާކަށް ނޫން ބޭނުންވަނީ. ބަޖެޓް ހަމަޖެހޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދާއިއެކު މިކަން މިކުރަނީ. އިރާދުކުރެއްވިއްޔާ އަންނަ އަހަރު މަސައްކަތް ފެށިގެންދާނެ. ނިމޭނެ ވަކި ތާރީހެއް ސީދާ ހާމަކުރަން ދަތިކަން ފާހަގަކޮށް ތޯރިގް ވިދާޅުވިއެވެ.

ސައިޓް މިއުޒިއަމް ލަންދުއަށް މުހިންމުތަ؟

ރާއްޖޭގައި ފާހަގަކޮށްލެވޭ ކަނޑޫ ފަލާއި ގިނަ ޗަކަ ބިންތަކެއްވެސް ހިމެނޭ ލަންދޫ ރާއްޖެއަށް މިއަހަރު މަޝްހޫރުވެގެންދިޔައީ އެރަށުގައި ތައްޔާރުކުރި ނޭޗަރ ޕާކުންނެވެ. ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހަދާފައިވާ ހިތްގައިމު ފާކު ނޭނގޭ މީހެއް މަދުވާނެއެވެ. އެތަން ބެލުމަށް މިއަހަރުގެ މިހާތަނަށްވެސް 2000އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާއިރު، ލަންދޫގައި ތަރައްގީކުރާ މިއުޒިއަމްގެ ސަބަބުން އެއަދަދު އެތައްތަނެއް އިތުރުވެގެންދާނެކަން ޔަގީނެވެ.

ލަންދުއަށް ވަރަށް މުހިންމުކަމެއް މިއީ. ތަރިކައިގެ އެންމެ މުހިންމު އެއް ރަށް މިއީ. ރާއްޖޭގެ އެންމެ ފުރަތަމަ މީހުން އުޅެންފެށި އެއްރަށް މިއީ. އެންމެ ދުވަސްވީ ލިޔުންވެސް ފެނުނީ މާބުދުގެ ސަރަހައްދުން. މިރަށުގެ ދުވަސްވީ މީހުންދެކޭ ގޮތުގައިވެސް މާބުދުގެ އެއީ ރަށުގެ އެންމެ މުހިންމު ތަރިކަ. އެރަށު ކައުންސިލްގެ ރައީސް އަޒީޒު ވިދާޅުވިއެވެ.

ލަންދޫ ނޭޗަރ ޕާކު ބެލުމަށް އަންނަ މީހުން މިހާރުވެސް މާބުދުގެ ސަރަހައްދު ބަލައިލުމަށް ޒިޔާރަތްކުރާކަން ފާހަގަ ކުރައްވާ އަޒީޒު ވިދާޅުވީ މިއުޒިމްއާއިއެކު އެސަރަހައްދަށް ޒިޔާރަތްކުރާ މީހުން އިތުރުވެގެންދާނެކަމަށެވެ. 

ލަންދޫ މާބުދުގެ ސަރަހައްދުގައި ތަރައްގީ ކުރާ އައުޓްޑޯ މިއުޒިމް ވެގެންދާނީ ދިވެހީންގެ ދިގު ތާރީހާއި މަސައްކަތްތެރިކަމާއި، ވައްޓަފާޅި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެވިގެންދާ މަސައްކަތައް އެޅޭ މުހިންމު ފިޔަވަޅަކަށެވެ. މުޅިން އައު ހަރުފަތެއް ގިރާގޮށް، ތާރީހާއި ސަގާފަތް ރައްކާކުރުން އާ އުސްމިނަކަށް ގެންގޮސްދޭނެކަމަކަށެވެ. އެހެން ރަށްރަށުގައި ހުރި މިފަދަ ތަންތަން ތަރައްގީކުރުމަށްވެސް އެޅޭ މުހިންމު ބިންގަލަކަށެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.