ގަވް ޑޮޓްއެމްވީ މެސެޖް ޚިދުމަތް އިފްތިތާހު ކުރުމުގެ ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ ރައީސް އޮފީސް

ދެއަހަރުގެ ތެރޭގައި ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމް ކުރެވޭނެ: ރައީސް

އަންގާރަ 14 ސެޕްޓެމްބަރ 2021 | މޫސަ

ކުރިއަށް ދެއަހަރުގެ ތެރޭގައި ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ޤާއިމް ކުރެވޭނެ ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Advertisement


އެމަނިކުފާނު މިހެން ވިދާޅުވީ، ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނިގެން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ތަޢާރުފްކުރުމުން، ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ތަޢާރުފްވެގެން އަންނައިރު، ޤާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ. އެކަމަށް ދުރާލައި ޙައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުޢާމަލާތްތަކާ ބެހޭ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި." ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ޑިޖިޓަލް ޚިދުމަތް ތަޢާރުފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައްކަމަށެވެ. އަދި އިންޓަރނެޓްގެ ޒަރީޢާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ޙިމާޔަތްކޮށްދިނުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޙިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުން. އަދި ރާއްޖޭގެ އިންޓަރނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުން." ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޯވިޑް-19ގެ ދަތިކަމުގައި އަޅުގަނޑުމެން މި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ޑިޖިޓަލްކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ޚިދުމަތް ލިބިގަތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގި ކަށަވަރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައި ކަމަށާއި ވިޔަފާރިއާއި އިޤްތިޞާދީ ކިތަންމެ މުޢާމަލާތެއް ހިންގީ ޑިޖިޓަލް ވަސީލަތްތަކުންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ވަރަށް ގިނަ ޚިދުމަތްތައް ދެމުން އައީ އޮންލައިންކޮށްކަންވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އައިޑީ ކާޑެއްގެ ގޮތުގައި ބޭނުން ކުރީ، ކަރުދާހުގައި އަތުން ލިޔެ ލެމިނޭޓްކޮށްފައި އޮތް ކާޑެކެވެ. އަދި 2003 ވަނަ އަހަރު އައިޑީ ކާޑް ކޮމްޕިޓަރައިޒް އިލެކްޓްރޯނިކް ކާޑެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރު ކުރި ނަމަވެސް މިހާތަނަށްވެސް އައިޑީކާޑު ބޭނުން ކުރަމުން އައީ ހަމަ ލެމިނޭޓް އައިޑީކާޑު ބޭނުން ކުރަމުން އައި ގޮތަށެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.