ރައްޔިތުންގެ މަޖިލިސް

އަސްލަމްގެ މަރުގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

އަންގާރަ 14 ސެޕްޓެމްބަރ 2021 | އުލާ

ހުޅުމާލޭ ޖަލުގައި 3 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ނިޔާވި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހުޤީގު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

Advertisement


މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. 

މި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ޢުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ރޭ ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު، މުޙައްމަދު އަސްލަމްގެ މަރުގެ ވާހަކަ އާއިލާއަށް ނާންގާ ސިއްރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް އާއިލާއިން ބުނަމުންދާކަމަށެވެ.

މި މައްސަލާގައި ބުނެފައިވަނީ ހުޅުމާލޭ ޖަލުގައި އޭނާ ހުއްޓާ ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް އިއްޔެ ހަވީރު 5:30 ހާއިރު މުޙައްމަދު އަސްލަމް ގެންދެވިފައިވާ ކަމަށެވެ. އެހެންނަމަވެސް އާއިލާއަށް މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ އަސްލަމް ނިޔާވެއްޖެ ކަމަށްބުނެ އެހެން ފަރާތަކުން ގުޅާފައި ދިން މައުލޫމާތަކުން އިރުއޮއްސި ހަތެއްޖެހިފަހުން ކަމަށް ބުނެފައިވެއެވެ.

ކަރެކްޝަނުން ބުނެފައިވަނީ ނިޔާވެފައިވަނީ ހުޅުމާލެ ޖަލުގައި 3 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ، އުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ކަމަށެވެ. 

އަސްލަމް ރޭ ގާތްގަނޑަކަށް 6:00 ޖަހާ އެހާކަށްހާއިރު ޔާޑު ސަރަހައްދުގައި އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އިމަރޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ނިޔާވެފައިވާ ކަމަށް ރޭ 20:23 ގައި މައުލޫމާތު ދީފައިވާކަމަށް ކަރެކްޝަނުން ބުނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.