ހުޅުމާލެ ޖަލުން ސާމްޕަލް ނަގަނީ، ފޮޓޯ: ކަރެކްޝަން

ރޭ ހުޅުމާލެ ޖަލުގައި ނިޔާވި އަސްލަމަށް އަނިޔާކުރި ކަމަށް ބުނެ، ފަތުރަނީ ދޮގު ޚަބަރެއް - ކަރެކްޝަން

އަންގާރަ 14 ސެޕްޓެމްބަރ 2021 | ހަމްޒާ

ހުޅުމާލެ ޖަލުގައި 3 އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ރޭ ނިޔާވި، ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ، އާއިލާއާ ހަވާލާދީ ފަތުރާ ޚަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

Advertisement


ކަރެކްޝަންއިން މިހެން ބުނެފައިވަނީ، އަސްލަމްއާ ގުޅޭގޮތުން އާއިލާއާ ޙަވާލާދީ ބައެއް ނޫސްތަކުން ކަރެކްޝަންއިން އޭނާ ގަސްތުގައި މަރާލީކަމަށް ދޭހަވާ ގޮތަށް ލިޔެފައިވާ ޚަބަރުތަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

ކަރެކްޝަންސްއިން ބުނީ، ރޭ ގާތްގަނޑަކަށް 18:00 ހާއިރު، އަސްލަމް ޔާޑު ސަރަަހައްދުގައި އިށީނދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން 8 މިނެޓް ތެރޭ އެމަރޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށެވެ. އަދި އާއިލާއަށް 18:30 ގައި ގުޅުމަށް މަސައްކަތްކޮށް، ގުޅުނީ 18:42 ހާއިރު ކަމަށެވެ.

މީގެއިތުރުން އަސްލަމަކީ، އެއްވެސް ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުން ދިޔަ މީހެއް ނޫން ކަމަށާއި، އަސްލަމްގެ ބޮލަށް ގެއްލުން ލިބުނީ އޭނާ އިށީނދެ އިންދައި ވެއްޓުމާއި ގުޅިގެން ކަމަށްވެސް ކަރެކްޝަންސްއިން ބުނެފައިވެއެވެ. އަދި މިމަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެންނަ ކަމަށްވެސް އެސަރވިސްއިން ބުނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން އަސްލަމަށް ފަރުވާ ދިނުމަށްފަހު، އޭނާ ނިޔާވި ކަމަށް އެންގީ 20:23 ގައެވެ. ކަރެކްޝަނުން ބުނީ، މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބު ދެނެގަނެފައިނުވާ ކަމަށާއި، ނިޔާވި ވަގުތަކީ 18:55 ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެސަރވިސްއިން އިސްވެ، ރޭ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް އަންގާފައިވާ ކަމަށާއި، އެ ފަރާތްތަކުން ހޯދުމަށް އެދޭ އެންމެހާ މައުލޫމާތު ފޯރުކޮށްދެމުންދިނުމުގެ އިތުރުން އިންޓަރނަލް ތަހުގީގެއްވެސް ފަށާފައިވާ ކަމަށްވެސް ކަރެކްޝަންއިން ބުނެއެވެ.

އެހެންކަމުން މިހާދިސާއާ ގުޅިގެން ފަތުރާ ޚަބަރަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި، ހަގީގަތް އޮޅޭފަދަ ގޮތްގޮތަށް މިފަދަ ޚަބަރުތައް ފަތުރަމުންދާތީ އެކަމާމެދު ކަންބޮޑުވާ ކަމަށްވެސް ކަރެކްޝަންއިން ބުނެފައިވެއެވެ.

މުޙައްމަދު އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މީހެކެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.