ޔުނައިޓެޑް ބަލިކުރުމަށްފަހު ޔަންގްބޯއީސް ކުޅުންތެރިން: ފޮޓޯ-ޗެމްޕިއަންސްލީގު ޓްވީޓަރ

ރޮނަލްޑޯ ލަނޑު ޖެހިޔަސް، ރަތްކާޑަކާއެކު ޗެމްޕިއަންސްލީގު ފުރަތަމަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލި

ބުދަ 15 ސެޕްޓެމްބަރ 2021 | އައުޓްރީޗް

ޗެމްޕިއަންސްލީގު "ހީރޯ' ރޮނަލްޑޯ ލަނޑު ޖަހާ ލީޑް ހޯދައިދިނަސް، ޗެމްޕިއަންސް ލީގުގައި މިސީޒަންގައި ކުޅުނު ފުރަތަމަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ. މެންޗެސްޓަރ ޔުނައިޓެޑް ބަލިވީ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށް، ސްވިޒަރލެންޑްގެ ޔަންގް ބޯއީސް އަތުން 2-1 ނެވެ.

Advertisement


މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ޔުނައިޓެޑަށް ކުރި ހޯދައިދިނީ ޕޯޗްގަލްގެ މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ރޮނަލްޑޯއެވެ. މިމެޗާއެކު ރޮނަލްޑޯ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ދެ ކުޅުންތެރިން ތެރެއިންނެވެ. އަނެއް ކުޅުންތެރިއަކީ ރެއާލްގެ ކުރީގެ ސްޕެއިން ކީޕަރ ކަސިޔަސްއެވެ. ނަމަވެސް މެންޗެސްޓަރ ޔުނައިޓެޑަށް މައްސަލަ ދިމާވީ 35 ވަނަ މިނިޓްގައި ވެން ބިސާކާއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑް ދެއްކީ ޔަންގް ބޯއީސްގެ ކްރިސްޓަފަރ މާޓިންސްއަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

ޔަންގް ބޯއީސްއަށް 66 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްދިނީ ކެމަރޫންގެ ވިންގަރ މޯމީ އެންގަމަލޭއުއެވެ. ޔަންގް ބޯއީސް މެޗުން މޮޅުވީ އިތުރުވަގުތުގެވެސް އެންމެ ފަހުވަގުތުކޮޅުގެ ތެރޭގައި ޖޯޑަން ސިއަބެޗޭއުއެވެ. އޭނާ ލަނޑު ޖެހީ މެޗުގެ ފަހު 18 މިނިޓްގައި ރޮނަލްޑޯގެ ބަދަލުގައި ކުޅެން ނިކުއިން ލިންގާޑް ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

މިމެޗުން ބަލިވުމުގެ އިތުރުން، މިއީ 2003-2004 ގެ ސީޒަންގެ ފަހުން ޗެމްޕިއަންސް ލީގުގެ މެޗެއްގައި މެންޗެސްޓަރ ޔުނައިޓެޑުން އިދިކޮޅު ގޯލަށް އަމާޒުކޮށް އެންމެ މަދުން ޝޮޓް ފޮނުވާލެވުނު މެޗެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ޗެމްޕިއަންސްލީގުގައި ކުރިއަށް އޮތީ ވިޔަރެއާލްއާ ވާދަކުރާ މެޗެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.