ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މީގެކުރިން މަޖިލީހުގައި ވާހަކަދައްކަވަނީ

އިގްތިސާދު އަލުން އިއާދަވާނެކަމަށް ލަފާކުރެވެނީ 2023 ގައި: މިނިސްޓަރ އަމީރު

އަންގާރަ 28 ސެޕްޓެމްބަރ 2021 | އުލާ

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތުން ކުރީގެ ހާލަތަށް ރުޖޫއަވާނެކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުގައިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

Advertisement


ކޯވިޑާ ގުޅިގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިން ކަނޑާލި އެލަވަންސް ދެވޭނެ ތާރީހެއް ސާފުކުރުމަށް ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގު ލިޔުމުން ޖަވާބު ހޯދުމަށް ދެންނެވުނު ސުވާލުގައި މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19އާއެކު ދިމާވި އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރިމަތިވި ހާލަތާއި، ދައުލަތުގެ ކޭޝްފްލޯ ބެލެހެއްޓުމަށްޓަކައި ހަރަދުތައް ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.


މިނިސްޓަރ އަމީރު ވިދާޅުވީ ކޯވިޑް-19ގެ ކުރިން ހުރި މިންވަރަށް ދައުލަތުގެ އާމްދަނީ އިއާދަވާނެ ކަމަށް ލަފާކުރެވެނީ 2023 ވަނަ އަހަރުކަމަށެވެ. 

އެއަހަރާ ހަމައަށް މިހާރު އަޅާފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓައިގެން ނޫނީ ދައުލަތުގެ ކޭޝްފްލޯ އަދި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެ ކަމަށާއި، ފިސްކަލް ސްޓްރެޓެޖީއާއި ބަޖެޓުގެ ހިސާބުތައް ތައްޔާރުކުރުމުގައި ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


މުވައްޒަފުންގެ ޕްރޮމޯޝަން އަކީ ކޯވިޑް-19އާއެކު ހަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ވަގުތީގޮތުން މުވައްޒަފުންނަށް ދިނުން ހުއްޓާލާފައިވާ އެލަވަންސެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެހެން ދާއިރާތަކެކޭ އެއްގޮތަށް، ތައުލީމީ ދާއިރާއިން ޕްރޮމޯޝަންއާއެކު ދެވޭ ސެޓްފިކެޓް އެލަވަންސް އާއި ޕަރފޯމަންސް އެލަވަންސް ދިނުންވެސް ވަގުތީގޮތުން މެދުކަޑާލެވުނުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ ވަޒީފާގެ ގޮތުން އެއްހަމަ މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްތަކުގެ ހަމަހަމަކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައްވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށެވެ.
ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.