ބަނގްލަދޭޝްއާއި ލަންކާ މިއަދު ވާދަކުރަނީ: ފޮޓޯ-އެފްއޭއެމް

ޕެނަލްޓީއަކުން ބަނގްލަދޭޝްގެ ފެށުން މޮޅަކުން

ހުކުރު 01 އޮކްޓޯބަރ 2021 | އައުޓްރީޗް

މިއަދު މާލޭގައި ފެށި ޞަރަހައްދީ ފުޓްބޯޅަ މުބާރާތް، އުރީދޫ ސާފްޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަނގްލަދޭޝްއިން ކާމިޔާބުކޮށްފިއެވެ. ބަނގްލަދޭޝް މެޗު ކާމިޔާބުކުރީ ސްރީލަންކާއާ ވާދަކޮށް، 1-0 ނެވެ.

Advertisement


މެޗުގެ ހަމައެކަނި ލަނޑު ބަނގްލަދޭޝްއިން ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު، ދަނޑަށް ވަދެތިބި ބަނގްލަދޭޝްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް އުފާވެރިކަން ލިބުނީ 56 ވަނަ މިނިޓްގައި ބަނގްލަދޭޝްއަށް ޕެނަލްޓީއެއް ލިބުމުންނެވެ. ސްރީލަންކާގެ ޑިފެންޑަރ ޑަކްސަން ޕުސްލަސް އޭރިޔާ ތެރެއިން ބޯޅާގައި އަތްލުމުން ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީ ދިނުމުގެ ކުރިން ރެފްރީ ވަނީ އޭނާއަށް ރަތްކާޑްވެސް ދައްކާފައެވެ. 

ޕެނަލްޓީ ކާމިޔާބުކުރީ ބަނގްލަދޭޝްގެ ޑިފެންޑަރ ޓޮޕޫ ބަރްމަންއެވެ. މެޗުގެ ފުރަތަމަ ހާފްގައިވެސް ލަނޑެއް ނުޖެހުނަސް ރަނގަޅަށް ކުޅުނީ ބަނގްލަދޭޝްއިންނެވެ. އެކަމަކު ސްރީލަންކާގެ އެއް ކުޅުންތެރިއަކު މަދުވިފަހުން، އެޓީމުން ވަނީ ކުރިއަށްޖެހި ކުޅުން ރަނގަޅުކޮށްފައެވެ. ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ބަނގްލަދޭޝްއަށް ނުނެގުނު ނަމަވެސް، ނަތީޖާ ހިފަހައްޓާ މުހިއްމު ތިން ޕޮއިންޓް ހޯދިއެވެ.

މުބާރާތުގައި ބަނގްލަދޭޝްއަށް އިރުޝާދުދެނީ ކުރިން ނިއުރޭޑިއަންޓަށް ކާމިޔާބު ހޯދައިދން އޮސްކާއެވެ. އޭނާއަކީ ބަނގްލަދޭޝްގެ ބަޝުންދުރަ ކިންގްސްގެ ކޯޗެވެ. މިމުބާރާތުގައި ޤައުމީ ޓީމަށް އިރުޝާދުދެނީ އެކްލަބާ ފެޑެރޭޝަނާއެކު ވީ އެއްބަސްވުމެއްގެ ދަށުންނެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ ދިވެހިރާއްޖެއާއި ނޭޕާލެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.