ޓީޗަރުން ދުވަސް ފާހަގަކުރުން--

ޓީޗަރުންގެ އަގުވަޒަން ކުރަންވީ ހަދިޔާއަކުން ނޫން، ހެޔޮ ހިތުން

އަންގާރަ 05 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ޓީޗަރުންގެ ދުވަސް އަންނައިރަށް ތަފާތު އެކި ކަހަލަ ހަދިޔާއާއި މާ ވިއްކާ ފިހާރަތަކަށް ބާރު ބޮޑުވެއެވެ. ކޭކު އަޅާ މީހުންތައް އެއްކޮށް ބިޒީވެއެވެ. ހުރިހާ ބެލެނިވެރިންވެސް އަވަސްވެ ގަންނަނީ ޓީޗަރުންގެ ދުވަސް އަންނަންވާއިރަށް، އެހެން ބެލެނިވެރިން ނުދޭފަދަ އަގު ބޮޑު ރީތި ހަދިޔާއެއް ޓީޗަރުންނަށް ދިނުމަށެވެ. އެއް ސުކޫލުގެ ޕީޓީ އޭ ނުވަތަ ބެލެނިވެރިން ޓީޗަރުންގެ ދުވަސް ފާހަގަކުރަން ކުރިއަށްގެންދާ ހަރަކާތަށްވުރެ، އަނެއް ސުކޫލްގެ ބެލެނިވެރިން ޓީޗަރުންގެ ދުވަސް ފާހަގަކުރަން ކުރިއަށް ގެންދާ ހަރަކާތްތައް ކުލަގަދަ ކުރެވޭތޯ ބަލައެވެ.

Advertisement


ޓީޗަރުންގެ ދުވަހު ހަދިޔާ ދިނުމުގެ ފޯރި ގަދަވެފައިވާއިރު، ޓީޗަރުން ބޭނުންވަނީ ހަމަ ހަގީގަތުގައިވެސް އަގު ބޮޑު ހަދިޔާ ހެއްޔެވެ؟ ފާހަގަކުރާ އެންމެ ދުވަހަކުން، އެންމެ ދުވަހަކު ދޭ ހަދިޔާއަކުން ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރެވޭނެ ހެއްޔެވެ؟ ޓީޗަރުން ހަނދާނުގައި ހުންނާނީ ލިބޭ އަގު ބޮޑު ހަދިޔާ ހެއްޔެވެ؟ ޓީޗަރުންގެ އަގުވަޒަންކޮށް، ބުނެލާ ހެޔޮ ބަސް ހެއްޔެވެ؟ ޓީޗަރުންނަށް ކުރާ އިޚްތިރާމާއި ލޯބި ހެއްޔެވެ؟

ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށް ސުކޫލް ހިންގުމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވި އަބްދުﷲ އިބްރާހީމް ދެކޭ ގޮތުގައި ޓީޗަރުންގެ ދުވަހު ލިބޭ ހަދިޔާތަކަށްވުރެ، ދަރިވަރުން ކުރާ އިޚްތިރާމާއި، ބުނެލާފައި ހުންނަ އަގުހުރި ބަސްތަކުގެ އަސަރު މާގަދައެވެ. ބުނާ ބަހުން ހިތައް ކުރާ އަސަރު މާ ފުންކަމަށް ބުނާ ފަދައިން، އެ ބުނެލާ ބަސްތައް ހިތުގެ އެންމެ ފުންމިނުގައި ނުފިލާ  ލިޔެވިފައި ހުންނަކަމަށް އަބްދުﷲ ބުންޏެވެ.

"މީގެ އެތައް އަހަރެއް ކުރިން ބެލެނިވެރިންނާއި ކުދިން ބުނެފައި ހުރި އެއްޗެހި ހަނދާނުގައި އެބަހުރި، ގްރޭޑް އެކެއް ދެއެއްގައި ކިޔަވައިދޭ ކުއްޖާ މިއަދު މަތީ މަގާމެއްގައި ހުންނައިރުވެސް، މަގުމަތިން ނުވަތަ އެ ނޫން ތަނަކުން ފެނުނަސް ގޮވާ އެ ބަހައްޓާ ގާތްކަމާއި ކުރާ އިހްތިރާމް މާ އަގުބޮޑު،"

ޓީޗަރުންގެ ދުވަހު ހަދިޔާއެއް ލިބުމުން އުފާނުވާނެ ޓީޗަރަކު ނުހުންނާނެއެވެ. ހަދިޔާއެއް ލިބުމުން ކޮންމެ ޓީޗަރަކަށްވެސް ފޮނި އުފާވެރި އިހްސާސެއް ކޮށްލެވޭނެއެވެ. ނަމަވެސް އެ އިހްސާސްއާއި އުފާވެރިކަން ހުންނާނީ ކިހާ ދުވަހަކު ހެއްޔެވެ؟ އެ ލިބޭ ހަދިޔާތައް ރައްކާކޮށްފައި ބެހެއްޓޭނީ، ކިހާ ދުވަހަކު ހެއްޔެވެ؟

"މިސާލަކަށް ކޮންމެ އަހަރަކު 20 އަކަ ކުދިން މަގެއް ނުވަތަ ޕެން ހޯލްޑާއެއް ފަދަ މާޖަހާ އެއްޗެއް ދިންނަމަވެސް ކިހާ ބައިވަރު އެއްޗެއްސެއް ހުންނާނޭ. ކިހާ ދުވަހެއް ވަންދެން އެ އެއްޗެހި ބެހެއްޓޭނޭ. ކިހިނެތް އެ ހުރިހާ އެއްޗެއް ބަހައްޓާނީ. އެކަމަކު ޓީޗަރުންގެ އަގުވަޒަންކޮށް ބުނެލާ އެންމެ ބަހެއްވެސް މުޅި އުމުރަށް ހަނދާނުގަ ހުންނާނެ،" މާލޭގެ ސުކޫލެއްގައި ކިޔަވައިދޭ ސީޒާ ބުންޏެވެ.

ސީޒާވެސް ފާހަގަކުރީ އަގުވަޒަންކޮށް، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އިހްތިރާމެވެ. ލޯބިވެތި ބަސްތަކެވެ. ތަފާތު އެކި ކަހަލަ މެސެޖްތަކެވެ. ލޯބިވެތި ބަސްތަކުން، ހެޔޮ ހިތުން ބުނެލާފައި ހުންނަ ޖުމްލަތަކެވެ. ކުދިން އަތުން ތައްޔާރުކޮށްފައިވާ ރީތި ކާޑުތަކެވެ.

"މިހާރުވެސް ހުންނާނެ ކިޔަވަން އުޅުން ދުވަސްވަރު، ޓީޗިން ޕްރެކްޓިސް ހެދިއިރު ކިޔަވައިދިން ކުދިން ދީފައި ހުރި ކާޑުތައް. ދޭތެރެއަކުން އެ އެއްޗެހި ބަލައިލައިން. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވެނީ އެ އެއްޗެހި ފެންނައިރަށް،" ސީޒާ ބުންޏެވެ


އުފާވެރި ބަސްތަކެކޭ އެއްފަދައިން އަހަން ބޭނުންނުވާ ހަނދާނުގައި ބަހައްޓަން ބޭނުންނުވާ ބަސްތައްވެސް ޓީޗަރުން ހަނދާނުގައި ހަރުލާފައި ހުރެއެވެ. ކުރިއާއި ހިލާފަށް މިހާރު އެފަދަ ހަނދާންތައް ޓީޗަރުންގެ ހަނދާނުގައި ގިނައެވެ. ސަބބަކީ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު ބުނެލަން ބޭނުން ކޮންމެ އެއްޗެއް ޓީޗަރުންނާއި ދިމާލަށް ބުނެލުމަކީ މިހާރު އާއްމު ކަމަކަށް ވެފައިވުމެވެ. މަދުން ނަމަވެސް ބެލެނިވެރިންނާއި، ދަރިވަރުން ޓީޗަރުންގެ ގަޔަށް ބޮލަށް އަރާ ހިސާބަށްވެސް މިހާރު ދެއެވެ. މިއީވެސް ޓީޗަރުންގެ ހިތުގައި ނުފިލާ ހުންނަ ހިތި ހަނދާންތަކެކެވެ. އެފަދަ ކަންތައްތައް ތަކުރާރުވަމުން ދިޔަނަމަވެސް، ހަމަ ޓީޗަރުންގެ ދުވަހު ހަދިޔާ ދިނުމުން ފުދޭނެ ހެއްޔެވެ؟

"ހިތް ހަމަނުޖެހޭ ކަންތަކުގެ ވާހަކަ ނުދައްކާށެކޭ ނޫން މިބުނަނީ. އެކަމަކު ހަމަ ކަމެއްވާއިރަށް ބޭނުން އެއްޗެއް ކިޔައިފަ އެޑިއުކޭޝަނަށް މައްސަލަ ޖެއްސީމަ އަޅުގަނޑުމެންވެސް ހިތްހަމައެއް ނުޖެހޭނެ ދޯ. ރީތި ގޮތުގައި މައްސަލަ ހައްލުކުރެވޭނެ،" ނަން ހާމަކުރަން ބޭނުންނުވާ ޓީޗަރަކު ބުންޏެވެ.

ޓީޗަރުން ބޭނުންވަނީ އަގު ބޮޑު ހަދިޔާތަކުން ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާކަށެއް ނޫނެވެ. ޓީޗަރުން ބޭނުންވަނީ އެމީހުންނަށް ހައްގުވާ ލޯތްބާއި އިޚްތިރާމެވެ. އެ މީހުންގެ މަސައްކަތް ބަލައިގަންނަކަން ބަހާއި އަމަލުން ދެއްކުމެވެ. އަގު ބޮޑު ހަދިޔާ އަށްވުރެ، ބުނެލާ އަގުހުރި ބަހުގެ އަގު މާ ބޮޑެވެ. މާ އުފާވެރިއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.