މިނިސްޓަރ ދެއްވި ކޭކު ފަޅަނީ-- ފޮޓޯ: މަޑުއްވަރީ ސުކޫޅް

ހުރިހާ ޓީޗަރުންނާއި ބައްދަލުކޮށް، މިނިސްޓަރުގެ ފަރާތުން ހާއްސަ ކޭކެއް

އަންގާރަ 05 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ކޭކު ފެޅުމަކީ އާއްމު ކަމެކެވެ. ކޮންމެ އަހަރަކުވެސް ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ދަރިވަރުންނާއި، ބެލެނިވެރިންނާއި ސުކޫލް މެނޭޖްމެންޓުގެ ފަރާތުން ދޭ ތަފާތު އެކި ކަހަލަ ކޭކުތައް ފަޅައެވެ. މިއަދުވެސް އެތައް ކޭކެއް ސުކޫލުތަކުގައި ފެޅި ނަމަވެސް، މިއަދު ސަރުކާރު ސުކޫލުތަކުގައިވަނީ ވަރަށް ޚާއްސަ ކޭކެއް ފަޅާފައެވެ. އެ ކޭކަކީ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީގެ ފަރާތުން ޓީޗަރުންނަށް ލިބުނު ޚާއްސަ ކޭކެކެވެ.

Advertisement


ޓީޗަރުންގެ ދުވަހާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރެއްގެ ފަރާތުން ޓީޗަރުންނަށް ފުރަތަމަ ފަހަރަށް ކޭކެއް ލިބިގެން ދިޔައިރު، މިކަން ވެގެން ދިޔައީ ޓީޗަރުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލަކަށެވެ. މިކަމަށްޓަކައި ޓީޗަރުންނާއި ސުކޫލުތަކުންވަނީ، މިނިސްޓަރ ޑރ. އާއިޝަތު އަލީއަށް ޝުކުރު އަދާކޮށްފައެވެ. 

"ސަޕްރައިޒަކަށްވީ. ވަރަށް އުފާވި އަސްލު. ޓީޗަރުންގެ އަގުވަޒަންކޮށް އަހަރެމެން ކުރާ ބުރަ މަސައްކަތް ބަލައިގަންނަ ކަމާއި، ޓީޗަރުންނާއިމެދު މިނިސްޓަރ ބަހައްޓަވައި ގާތްކަން އެނގިގެން ދިޔައީ،" ހއ. އަތޮޅުގައި މަސައްކަތްކުރާ ޓީޗަރެއް ބުންޏެވެ.

ހުރިހާ ސުކޫލަކަށް ކޭކު ފޮނުވުމުގެ އިތުރުން މިއަދުގެ މުނާސަބަތާއި ގުޅިގެން މިނިސްޓަރ ވަނީ، ރާއްޖޭގެ ސުކޫލްތަކުގެ ހުރިހާ ޓީޗަރުންނާއި ބައްދަލުކުރައްވާ ދުވަހުގެ ތަހްނިޔާ އަރިސްކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރވަނީ، ކިޔަވައިދިނުން އިހު އޮތްގޮތަށް އިއާދަކުރުމުގެ ބުރަ މަސައްކަތުގައި ޓީޗަރުންގެ ދައުރާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މިއަދުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ޚިތާބުގައިވެސް މިނިސްޓަރ ވަނީ، ކުދީންގެ ތައުލީމު އިހު އޮތްގޮތަށް އިއާދަކުރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

"ކަމެއް އިހު އޮތްގޮތަށް އިއާދަކުރަން ޖެހޭނީ، އެކަމަކަށް ހީނަރުކަމެއް އައުމުން. ބަލިކަށިކަމެއް ލިބުމުން. ކޮވިޑް ރޯގާގެ ސަބަބުން ކިޔަވައިދިނުން އެތައް ދުވަހަކަށް މެދުކެނޑިފައިވޭ. އިންޓަރނެޓާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައިނުވާކަން މުދައްރިސުން ފާހަގަކުރޭ. މި މައްސަލަ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް މެދުވެރިވެފައިވޭ." މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ ހިތަކީ މުދައްރިސުން“ މިއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.