ފައިސާގެ ބެކަޕެއް ނެތް ނަމަވެސް ވިޔަފާރިއެއް ފެށިދާނެ--

ލޯނެއް ނުލައި އާމްދަނީ ހޯދިދާނެ ގޮތްތަކެއް

ބުދަ 06 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

މާ ބޮޑު ސޭވިންއެއް ނުވަތަ އިންވެސްޓް ކުރާނެ މީހެއް ނުވި ނަމަވެސް ފަސޭހައިން ވިޔަފާރިއެއް ފަށައިގަނެވިދާނެއެވެ. ބޭނުންވަނީ ތިމާގެ ހުރި ތައުލީމާއި ހުނަރުގެ ބޭނުން ހިފާށެވެ. ތިމާ ގަޔާވާ ކަމަކީ ކޮބައިތޯ އާއި ތިމާގެ ގާބިލްކަން ތަންދެނީ ކޮން ކަމެއްތޯ ދެނެގަތުމެވެ. ބޭނުންވަނީ ހިތްވަރާއި އަޒުމެވެ.

Advertisement


ޕާރުސަލް ހެދުން

ހާއްސަ މުނާސަބަތުތަކާއި ގުޅިގެން ހަދިޔާ ދިނުމަކީ އާއްމުކަމެކެވެ. ކޮންމެ މީހަކުވެސް ހަދިޔާއެއްދޭއިރު، އެ ދޭ ހަދިޔާ ރީތި ގޮތަކަށް ޕާރސަލް ކޮށްލާފައި ދިނުމަށް އިސްކަންދެއެވެ. ރީތި ކަރުދާހަކުން ޕާރުސަލްކޮށްލުމަކުން މިހާރު ނުފެދެއެވެ. އޭގެ ބަދަލުގައި މިހާރު އެންމެން ބޭނުންވަނީ ރީތި ފޮއްޓެއްގައި، ރީތި ގޮތަކަށް ރިބަން ފަދަ ތަކެތި އައްސާލައިގެން ހަދިޔާ ދިނުމަށެވެ.

މިއީ އަލަށް ފަށައިގަންނަން ރަނގަޅު ވިޔަފާރިއެކެވެ. އެއްޗެހި ހުސްކޮށްފައި ހުންނަ ފޮށީގައި ތަފާތު އެކި ކުލަ ކުލައިގެ ކަރުދާސް ނުވަތަ ފޮތި ތަތް ކޮށްގެންވެސް ފޮށި ހަދާލެވިދާނެއެވެ. ނުވަތަ އަމިއްލައަށް ތަފާތު އެކި ކަހަލަ ފޮށި ތައްޔާރުކޮށް، ޕާރުސަލް ބަންދުކޮށްދިނުމުގެ މަސައްކަތް ފެށިދާނެއެވެ. އޭގެ އިތުރަށް ޕާރސަލް ފޮށި އެކި ސައިޒްތަކަށް ހަދައި ހުސް ފޮށިވެސް ވިއްކިދާނެއެވެ. ހަމަ އެއާއިއެކު ތަފާތު އެކި މުނާސަބަތު ތަކާއި ގުޅުވައިގެން ހަދިޔާ ޕެކްވެސް ތައްޔާރުކުރެވިދާނެއެވެ.

އޮންލައިންކޮށް ކިޔަވައިދިނުން

ކޮވިޑް 19ގެ ބަލިމަޑުކަމަށްފަހު އޮންލައިންކޮށް ތަފާތު އެކި ކަހަލަ ކޯސްތަކާއި ތަފާތު އެކި ކަހަލަ އެއްޗެހި ހަދަން ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުންވަނީ ވައިގައި ހިފައިފައެވެ. ޓިއުޝަން ދިނުމާއި ބަސް ދަސްކޮށްދިނުމުން ފެށިގެން ކައްކާ ކޯސްތަކާއި މާޖެހުން ތަފާތު އެކި ކަހަލަ ކްރާފްޓްސް ހަދަން ދަސްކޮށްދޭ ކޯސްތައް ފަސޭހައިން އޮންލައިންކޮށް ކުރިއަށް ގެންދެވޭނެއެވެ.

ކުދިން ބެލުން

ވަޒީފާތަކަށާއި ކިޔަވަންދާ މީހުންގެ ދަރިން ބެލުމަކީވެސް ގޭގައި އިދެގެން ކުރެވިދާނެ ކަމެކެވެ. މިއީ އަތުގައި އެއްވެސް ފައިސާއެއް ނެތިވެސް ކުރަން ފެށިދާނެ ކަމެކެވެ. ބައެއް މީހުންނަކީ ދެތިން ގަޑި އިރަށް ބޭރަށް ދާއިރުވެސް ކުދިން ޑޭ ކެއާއަށްލާން ބޭނުންވާ މީހުންނެވެ. އެފަދަ މީހުންގެ ކުދިންވެސް ގެއަށް ގެނެވިދާނެއެވެ. ނުވަތަ އެކުދިންގެ ގެއަށް ގޮސްވެސް ކުދިން ބެލިދާނެއެވެ.

ކެއްކުން

މީރު ކޮށް ކައްކަން އެނގޭ ހެއްޔެވެ؟ ކައްކަން ނޭނގުނަސް މީވެސް ކުރެވިދާނެ ކަމެކެވެ. ތަފާތު އެކި ރެސިޕީ ހޯދައިގެން އެ ބަލައިގެން ކެއްކި ދާނެ ނޫން ހެއްޔެވެ؟ ގޭގައި ކައްކައިގެން މީހުންނަށް ޑެލިވަރީ ކޮށްދޭން ފަށާށެވެ. މަދު މަދުން އޯޑަރތައް ލިބި ކުރިއަށްދެވޭ ގޮތްވާނެއެވެ. ރަހަ ރަނގަޅުކޮށް އެއް މިނެއްގައި ރަހަތައް ހިފެހެއްޓުމަށް އިސްކަންދޭށެވެ.

ކޭކު އެޅުން

ކޭކު އެޅުމަކީވެސް ވަރަށް ޑިމާންޑް ބޮޑު ކަމެކެވެ. ކޭކުގެ އިތުރަށް ކުކީސް އާއި ތަފާތު އެކި ކަހަލަ ޕޭސްޓްރީގެ ބާވަތްތައް ހަދާފައި ވިއްކި ދާނެއެވެ.

ޕްލޭނިން އެންޑް ޑިޒައިން

މި ޒަމާނަކީ ކޮންމެ ކަމެއްވެސް ފެށުމުގެ ކުރިންވެސް ކުރިއަށްދާނެ ގޮތުގެ ޕްލޭންތައް ހަދައި ޑިޒައިން ކުރާ ޒަމާނެވެ. އިންޓީރިއާ ޑިޒައިން، ފެޝަން ޑިޒައިން ފަދަ ކަންތައްތަކަކީ ފަސޭހައިން ގޭގައި އިނދެގެން ކުރެވިދާނެ، އަގު ބޮޑު މަސައްކަތެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.