ހއ.އުތީމް، މިއީ ސާފްތާހިރު ރަށެއް: ފޮޓޯ-އައުޓްރީޗް

ޤައުމީ ދުވަހާ ގުޅިފައިވާ އުތީމްގެ ޚާއްޞަ ސިފައެއް

ބުރާސްފަތި 07 އޮކްޓޯބަރ 2021 | އައުޓްރީޗް

ދިވެހިންނަކީ ހަޤީޤަތުގައިވެސް ސާފްތާހިރު ބައެއްކެވެ. ސާފް ތާހިރުކަމަށް ލޯބިކުރާ ބައެކެވެ. ޖުމްލަގޮތެއްގައި ރާއްޖޭގެ ރަށްތަކަކީވެސް ސާފްތާހިރު ރަށްތަކެވެ. އެކަމަކު ބައެއް ރަށްތަކުގެ މަގުތަކުގެ ސާފްތާހިރުކަން ދެމެހެއްޓިޔަސް، މީހުން ދިރިނޫޅޭ ހިސާބުތަކުން ފެންނަނީ އެމަންޒަރެއް ނޫނެވެ. ނުސާފްކަމާއި، ފަރުވާކުޑަކަންވެސް ފެނެއެވެ. ހއ.އުތީމަކީ އެފަދަ މަންޒަރެއް ފެންނަން ނެތް ރަށެކެވެ.

Advertisement


އުތީމްގައި ބަލާލި ކޮންމެ ދިމާއަކުންމެ ފެންނަނީ ސާފްތާހިރުކަމެވެ. މަގުތަކުގެ ސާފްތާހިރުކަމެވެ. ސިނާއީ ސަރަހައްދުތަކުގައިވެސް ސާފްތާހިރުކަމެވެ. މީހުން ދިރިނޫޅޭ ހިސާބުތަކާއި، އެހިސާބުތަކާއި ގުޅިފައިވާ މަގުތަކުންވެސް ފެންނަނީ ސާފްތާހިރުކަމެވެ. ކުޅިވަރު މައިދާންތަކާއި، އެމައިދާންތަކާއި ގުޅިފައިވާ ސަރަހައްދުގައި ކުޅިވަރު ނުކުޅުނަސް ތަން ސާފްތާހިރުކަމާއެކު ބަލަހައްޓައެވެ.

އުތީމަކީ ބޮޑު ތުނޑިއެއް އޮންނަ ރަށެކެވެ. ރަށުގެ ވަށައިގެން ވަރަށް ބޮޑުބައެއްގައި ތުނޑި އޮވެއެވެ. އަދި އޭގެ އެއްގަމަށް ރުށްގަސް ހިމެނޭ ހިތްފަސޭހަ ޞަރަހައްދެވެ. އެއިން ކޮންމެ ދިމާއަކުންވެސް ފެންނަނީ ސާތާހިރުކަމާއި، ނަލަކަމާއި ހިތްގައުމުކަމެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަގުތަކުގެ ސާފްތާހިރުކަން ގުޅިފައިވަނީ އެމަގުތަކުގެ ދެފަރާތުގައިވާ ގެތަކުގެ މުރާލި އަންހެން ކަނބަލުންނާއެވެ. ފަތިހު ތެދުވެ މަގުތައް ކުނިކަހާ ސާފްކުރެއެވެ. ހެނދުނަށް އަލިވިލޭއިރު ފެންނަނީ ސާފް މަގުތަކެވެ. މީހުން ދިރިނޫޅޭ ހިސާބުތަކާއި، އެހިސާބުތަކާއި ގުޅިފައިވާ މަގުތަކާއި، ތުނޑިއާއި، މައިދާންތަކުގެ ސާފްތާހިރުކަން ބަލަހައްޓަނީ ކިހިނެއް ހެއްޔެވެ؟

ކައުންސިލުން ކޮންޓްރެކްޓަށް ނަގާފަ ތިބޭނެ ކުނިކަހާ ސާފްކުރަން 18 އަންހެނުން. ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު އެމީހުން ނިކުމެ އެޞަރަހައްދުތައް ކުނިކަހާ ސާފްކުރާނެ. ޚާއްޞަ ދުވަސްތަކަށް ހިކުރެއް ހޮނިހިރެއް، އަދި ވަގުތެއް ބެލުމެއްނެތި ކުނިކަހާ ރީތި ކުރާނެ. ކައުންސިލް މެންބަރު ހުސެއިން ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހުން ދިރިނޫޅޭ ކުނިކަހާ ބަލަހައްޓަންޖެހޭ ހިސާބުތައް އުތީމަށްވުރެ ބޮޑު އެހެން ރަށެއް އަތޮޅުގައިވެސް ނޯންނާނެކަމަށެވެ. އެކަމަކު އަބަދުވެސް އުތީމް ފެންނާނީ ސާފްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. ކުނި ނައްތާލުމަށް ކުނި ގޮނޑު ބަލަހައްޓަންވެސް ކައުންސިލުން ވަނީ ދެ މުވައްޒަފުން ނަގާފައެވެ. އަދި ދާދި އަވަހަށް ޕިކަޕެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސަރުކާރުގެ އެހީގައި އެކަން ހަމަޖެހޭނެކަމުގެ ޚަބަރު ލިބިފައިވާކަމަށް ވިދާޅުވިއެވެ.

މިއީ ޤައުމީ ދުވަހުގެ ބަތަލު މުޙައްމަދު ތަކުރުފާނު ނިސްބަތްވާ އުތީމެވެ. މުޙައްމަދު ތަކުރުފާނުގެ ގަނޑުވަރު ހުރި އުތީމެވެ. ސާފްތާހިރު، ހިތްގައިމު އުތީމެވެ. އާބާދީގައި އަދި ހާހެއް ހަމައެއް ނުވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.