ބަނގުލަދޭޝްގެ ސަޕޯޓަރެއް -- ފޮޓޯ: އަދަދު

ހިތް ބަނގުލަދޭޝްއަށް، ދުޢާއަކީ ރާއްޖެ މޮޅުވުން

ހުކުރު 08 އޮކްޓޯބަރ 2021 | މޫސަ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެއްޤައުމެއްގެ އެންމެ ގިނަ މީހުންނަކީ، ބަނގުލަދޭޝް މީހުންނެވެ. ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކާއި، މާރުކޭޓްތަކާއި، ފިހާރަތަކާއި، ބޯކޮށާ ތަންތަނާއި އެނޫންވެސް އާއްމު ޚިދުމަތްދޭ ހުރިހާ ތަނަކާއި، ކޮންސްޓްރަކްޝަން ސައިޓްތަކުން ފެންނަނީ އެމީހުންނެވެ. ރާއްޖޭގައި އެންމެ ދަތިހާލުގައި ދިރިއުޅޭ ބިދޭސީ މަސައްކަތު މީހުންގެ އާބާދީގެ ތެރޭގައިވެސް ހިމެނެނީ އެމީހުންނެވެ. ރަސްމީ ތަފާސް ހިސާބުތަކުން ދައްކަނީ، ރާއްޖޭގައި އުޅޭ ބަނގުލަދޭޝް މަސައްކަތު މީހުންގެ އަދަދަކީ، 63000 ކަމަށް ވީނަމަވެސް އެއަދަދު 1 ލައްކަ އަށްވުރެ މަތިވާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement


ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ދިވެހިންގެ ތެރެއިން ގިނަ މީހުން އެންމެ ނަފުރަތު ކުރާ ބަޔަކީވެސް ބަނގުލަދޭޝް މީހުންނެވެ. އެމީހުން ދަށްކޮށްލައި ދެރަކޮށްލުމަށް ވަނަން ކިޔާއިރު، އެމީހުންނަށް އިހާނެތިކޮށް ހިތުމުގެ އަމަލުތައްވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަނގުލަދޭޝް ބައްދަލުކުރާ މެޗަށް ޓިކެޓް ވިއްކަން ފެށި ހިސާބުންވެސް ދިވެހިން ބަނގުލަދޭޝް މީހުންނާއި މެދު ދެކޭ ގޮތް އޮތީ ފެންނާށެވެ. އެފްއޭއެމް ކަނޑައެޅި ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ޓްރާންސްޕޭރެންސީ މޯލްޑިވުސްއިން އެއީ ތަފާތު ކުރުމެއް ކަމަށްބުނެ ޓްވީޓްވެސް ކުރިއެވެ. އެކަމާއި މެދުވެސް ބައެއް ދިވެހިން ހިތްހަމަނުޖެހުނެވެ.

ގަލޮޅު ދަނޑު ކިތަންމެ ބޮޑަސް އަދި ރާއްޖޭގައި އޮތް ބަނގުލަދޭޝްގެ އާބާދީ ކިތަންމެ ބޮޑަސް ދަނޑަށް ވަނުމުގެ ނަސީބު ލިބުނީ، ދެތިން ސަތޭކަ މީހުންނަށެވެ. ދެން ބާކީ ތިބި މީހުންނަށް ޖެހުނީ، ފިހާރަތަކާއި، ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ ބޭރުގައި ކޮޅަށް ތިބެ މެޗު ބަލައިލާށެވެ. އެހެން ތިބިއިރު، ބައެއް ތަންތަނުގެ ވެރިން އެމީހުންނަށް އެއްޗެހި ކިޔައި ފައްސައިލި މަންޒަރުވެސް ފެނުނެވެ. އެހެންނަމަވެސް ރާއްޖޭގައި ހޯލްސޭލް ވިޔަފާރި ކުރާ މަޝްހޫރު ލޮޓަސް ފިހާރައިން، ފަރީދީމަގަށް ވާގޮތަށް ބޮޑު ސްކްރީނެއް ބަހައްޓައިގެން އެތަނަށް މެޗު ބަލަން އައުމަށް ބިދޭސީ މަސައްކަތު މީހުންނަށް ދައުވަތު ދިނެވެ. ހަމަ ޔަޤީނުންވެސް ގަލޮޅު ދަނޑަށް މެޗު ބަލަން ވަތް ބަނގުލަދޭޝްގެ ރައްޔިތުންނަށްވުރެ، މެޗު ބަލަން ލޮޓަސް ފިހާރަ ދޮށަށް އެއްވި މީހުން ގިނައެވެ.

ރާއްޖެއާއި ބަނގުލަދޭޝްގެ މެޗް ފެށުމުގެ ކުރިން، މާލެ ތެރެއިންނާއި ރެސްޓޯރެންޓްތަކުން ބައްދަލުވި ބަނގުލަދޭޝްގެ ބައެއް މީހުންނާއި މެޗާއި ބެހޭގޮތުން ސުވާލުކޮށްލުމުން ބައެއް މީހުން ދިން ޖަވާބުން ހައިރާންވިއެވެ.

"ހިތް އޮތީ ބަނގުލަދޭޝްއަށް. އެކަމަކު ދުޢާކުރަނީ ރާއްޖެ މޮޅުވޭތޯ." ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާތާ 2 އަހަރުވީ ބަނގުލަދޭޝްގެ ވެއިޓަރަކު ބުންޏެވެ.

އެހެން ވެއިޓަރަކާއި ސުވާލުކޮށްލުމުން އޭނާ ބުނީ، އޭނާވެސް އެދެނީ ރާއްޖެ މޮޅުވާން ކަމަށާއި ރާއްޖެއަކީ އެމީހުން ދިރިއުޅޭ އެތަނަކަށް ހެޔޮގޮތްވާން އެދޭ ފަސްގަނޑު ކަމަށެވެ. ބަނގުލަދޭޝްއަށް އޮތް ލޯބި ރާއްޖެއަށްވެސް އޮތް ކަމަށެވެ.

މެޗުގެ ސަޕޯޓަރުންގެ ތެރެއިންވެސް އެމަންޒަރު ފެނުނެވެ. ބަނގުލަދޭޝް ދިދައިގެ ބޭންޑެއް ބޮލުގައި އައްސައި އެއިގެ ތެރެއަށް ދިވެހި ދިދަ ޖަހައިގެން ހުރި ބަނގުލަދޭޝްގެ ސަޕޯޓަރެއްގެ ފޮޓޯ، "އަދަދު" ނޫހުގެ ނޫސްވެރިޔާ ދޫކޮށްލުމުން ސޯޝަލް މީޑިއާގައި އެފޮޓޯއަށް ޚާއްސަ ސަމާލުކަމެއް ލިބިގެން ދިޔައެވެ. އެހެން ފޮޓޯއެއްގައި ބަނގުލަދޭޝްގެ ސަޕޯޓަރަކު ހުރީ، އެމީހުން ބަނގުލަދޭޝް ދެކެ ލޯބިވާ ކަމަށާއި، ރާއްޖެއަށް އިޚްތިރާމް ކުރާކަމަށް ލިޔެފައި އޮތް ބެނާއެއް ހިފައިގެންނެވެ.




2009 ވަނަ އަހަރު، ބަނގުލަދޭޝްގައި ކުޅުނު ސާފް ޗެޕްޕިއަންޝިޕްގައި ރާއްޖެ ކުޅުނު މެޗުތަކުގައި ޑާކާގެ ސްޓޭޑިއަމް ފުރާލީ، ރާއްޖެއަށް ސަޕޯޓްކުރާ ބަނގުލަދޭޝްގެ ރައްޔިތުންނެވެ. އެ މުބާރާތް ކަވަރކުރި، ޓީވީއެމްގެ އޭރުގެ ކުޅިވަރު ނޫސްވެރިޔާ ހަމްޒާ ރަޝީދު އެކަން ދިވެހިންނަށް ހަނދާންކޮށްދީ ޓްވީޓެއްވެސް ކޮށްފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ބަލިވި ނަމަވެސް ބަނގުލަދޭޝް ސަޕޯޓަރުން ނުކުތީ، އެމީހުންގެ ދެވަނަ ޓީމަކީ ރާއްޖެ ކަމުގައި ބުނެ ރާއްޖެއަށް ތަރުހީބު ދެމުން ކަމުގައި ގަލޮޅުދަނޑުގައި ކުޅިބަލަށް ވަދެ ހުރި އެހެން ދިވެހި ސަޕޯޓަރަކު ބުނެފައިވެއެވެ.

ތަފާތު އެކި ސަބަބުތަކާއި ހެދި ބައެއް ދިވެހިންގެ ހިތުގައި ބިދޭސީ މަސައްކަތު މީހުންނަށް ޚާއްސަކޮށް ބަނގުލަދޭޝް މީހުންނަށް ނަފުރަތާއި، ރުޅިވެރިކަމުގެ ޝުއޫރުތައް އޮވެއެވެ. އެމީހުންނަށް ރައްދުކުރާ ބަދު ބަސްތައް ގިނައެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަނގުލަދޭޝް ރާއްޖެ ބައްދަލުކުރި މެޗުގައި ރާއްޖެ ބަލިވިނަމަ، ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް ބައެއް މީހުން އަންދާޒާވެސް ކުރިއެވެ. އެކަމަކު ފެނުނު މަންޒަރުތައް ބުނެދިނީ، މުޅިން އެހެން ވާހަކައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތު މީހުންނަށް އިޚްތިރާމް ކުރުމުގެ ރޫހެއް ދިވެހިންގެ ކިބައިގައި އަށަގަންނުވަން ޖެހެއެވެ. ރާއްޖެ އަންނަ ބައެއް ބިދޭސީން ޤަވާއިދާއި ޚިލާފަށް އުޅެނީ، ދައުލަތުގެ އިހުމާލުންނެވެ. ދިވެހިންގެ ތެރެއިން ބައެއް މީހުންގެ އިޚްލާސްތެރިކަން ނެތުމުންނެވެ. ވީމާ މިއަދު ދިވެހިން ކުރަން އޮތް ކަމަކީ، ލޯތްބާއި، އަޅާއިލުމާއި، އޯގާތެރިކަމާއި، އެކުވެރިކަން އަދި ޤާނޫނުތަކާއި، ޤަވާއިދުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކޮށްދޭނެ މުޖުތަމައެއް ބިނާކުރުމެވެ. އެއީ ކުޅިވަރުގެ މައިދާނުގައި ނަމަވެސް ނުވަތަ އެހެން މައިދާނެއްގައި ނަމަވެސްމެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.