ޝެއަރ ކުރުމަކީވެސް ދަސްކޮށްދޭން ޖެހޭ ކަމެއް--

ޝެއަރ ކުރަން މަޖުބޫރު ނުކޮށް، ޝެއަރ ކުރަން ދަސްކޮށްދީ

އާދީއްތަ 10 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

"އެކަމަކު މަންމާ" މީ އަހަރެންގެ އެއްޗެއް. ނުދޭނަން ކޮއްކޮއަކަށް،"

Advertisement


"ދަރިފުޅު ތިއީ ބޮޑު ކުއްޖެއްނު. ކޮއްކޮ ބުނީމަ ދޭން ވާނެ. ދެކުދިން ޝެއަރކޮށްގެން ކުޅޭނީ،"

"ނޫން ނުދޭނަން."

މިއީ ވަރަށް ގިނައިން އަޑުއިވޭ، އަޑު އަހަން ޖެހިފައިވާ ޖުމްލަތަކެކެވެ. ދެ ދަރިންގެ މެދުގައެވެ. ނުވަތަ ދަރިފުޅު އެހެން ކުދިންނާއިއެކު ކުޅެން އުޅޭ އުޅުމުގެ ތެރޭގައެވެ. ދަރިފުޅު ކިތަންމެ ޝެއަރ ކުރަން ބޭނުންނަމަވެސް، އަހަރެމެންނަށް ޝެއަރ ކުރަން ބާރުއެޅެވެ. އެކަމުގެ ސަބަބުން ދަރިފުޅު ރުޅިގަދަވެ ބޮޑާ ހާކާއިރުވެސް، އަހަރެމެން ބޭނުންވަނީ ކުއްޖާ ލައްވާ އެ އެއްޗެއް ޝެއަރ ކުރުވާށެވެ. ބައެއް ފަހަރު ދަރިފުޅު ރޮއްވާލުމަށްފަހު، އެ އެއްޗެއް އަތުލާފައިވެސް އަނެއް ކުއްޖާއަށް ދިނުމަކީ ބެލެނިވެރިން އާންމުކޮށް ކޮށް އުޅޭ ކަމެކެވެ.

ދަރިފުޅަށް ޝެއަރ ކުރަން ބާރުއަޅާއިރު، އަހަރެމެންނަށް ވިސްނައި ނުލެވެނީ، އެ އެއްޗެއް ބޭނުންވެގެން އެ އުޅޭ ކުއްޖަކަށް ވިސްނައިދިނުމުގެ މުހިންމުކަމެވެ. އެ ކުއްޖާ އެ އެއްޗެއް ބޭނުންވެގެން އުޅޭއިރު، އެއީ އެ ކުއްޖާގެ އެއްޗެއް ނޫންކަން ވިސްނައިދިނުމުގެ މުހިންމު ކަމެވެ. އެ އެއްޗެއް އެ ގަޑީ ބޭނުން ކުރަމުންދާ ކުއްޖާ ބޭނުންކޮށް ނިމުމުން އެ އެއްޗެއް އެ ކުއްޖާއަށް ލިބޭނެކަން އަންގައިދީ ކެތްތެރިކަން އިސްކުރަން ދަސްކޮށްދޭން ޖެހޭނެއެވެ. ގަދަ ބާރުން ޝެއަރ ކުރަން އުޅެގެން ނިކުންނަ ނޭދެވޭ ނަތީޖާއާއި މެދު ވިސްނާލިން ހެއްޔެވެ؟

ޝެއަރ ކުރުވަން ބެލެނިވެރިން ބޭނުންވަނީ ކީއްވެ؟

ގިނަ ބެލެނިވެރިން ދަރިފުޅު ލައްވާ ޝެއަރ ކުރުވަން ބޭނުންވަނީ ދަރިންގެ މެދުގައި ނުވަތަ އެކުވެރިންގެ މެދުގައި އެއްޗެއް ބޭނުންވެގެން މައްސަލައެއް ޖެހުނަ ދިނުމަށް ބޭނުން ނުވާތީއެވެ. އެހެން ކުދިންނާއިމެދު ރަނގަޅަށް ކަންތައް ކުރުވަން ބޭނުންވާތީއެވެ. އެހެން ކުދިންނާއިއެކު އުޅޭއިރު ނުވަތަ ސުކޫލް މަގުމަތި ފަދަ ތަނެއްގައިވެސް ކުދިން ޝެއަރ ކުރަން ބޭނުން ނުވެގެން ބޮޑާ ހާކާފާނެތީއެވެ. ޝެއަރ ކުރާނީ ރަނގަޅު ބަސް އަހާކުދިންކަމަށް ދެކޭތީއެވެ. ނަމަވެސް ވިސްނައި ނުލެވެނީ ޝެއަރ ކުރުވުމަކީ ގަދަ ބާރުން ކުރެވޭނެ ކަމެއް ނޫން ކަމެވެ. އެއީވެސް ދަސްކޮށްދޭން ޖެހޭ ކަމެއް ކަމެވެ.

ޝެއަރ ކުރަން ދަސްކޮށްދޭނީ ކިހިނެތް؟

ބެލެނިވެރިންނަށް ހެދޭ އެންމެ ބޮޑު ގޯހަކީ ޝެއަރ ކުރަން ކުއްޖާ ރެޑީ ނުވަނީހެން ކުއްޖާއަށް މާ ބޮޑަށް ޝެއަރ ކުރަން ބާރު އެޅުމެވެ. ކުއްޖާއަށް ޝެއަރ ކުރުމަކީ މުހިއްމުކަމެއްކަން ނުވިސްނޭއިރު، ކުއްޖާ ރޮއްވާލާފަވެސް ގަދަ ކަމުން ޝެއަރ ކުރުވުމެވެ. ޝެއަރ ކުރުމަކީ ކުއްޖާ އަމިއްލައަށް ބޭނުންވެގެން ކުރާ ކަމެއްގެ ބަދަލުގައި ބެލެނިވެރިން ބޭނުންވެގެން ކުރުވާ ކަމަކަށް ހެދުމެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ހިތުގައި އުފެދެނީ ނަފްރަތެވެ. ބޭނުން ނުވާ ކަމެއް ގަދަ ބާރުން ކުރުވުމުން ކުއްޖާއަށް ދަސްކޮށްދޭން ބޭނުންވާ ކަންތައްތައް ކުއްޖާގެ ގައިގައި އަށަގަންނުވަން ބޭނުންވާ ކަންތައް އަށަގެންނެވުމަށް ހުރަސް އަޅައެވެ.

ކުދިންނަށް ދަސްކޮށްދޭން ޖެހެނީ އެހެން މީހުންނާއިމެދު އަޅާލާ އޯގާތެރިވުމުގެ މުހިންމު ކަމެކެވެ. ދުނިޔޭގައި އެކަކު އަނެކަކުގެ އެހީއާއި މަދަދަށް އެދެން ޖެހޭނެކަމެވެ. މާދަމާ އެހެން ކުއްޖެއްގެ އެއްޗެއް ބޭނުންވުމުން، އެ އެއްޗެއް ލިބޭނީ މިއަދު ދަރިފުޅު އެ ކުއްޖާއާއި އެއްޗެހި ޝެއަރ ކުރާ ކަމަށްވާނަމަކަމެވެ. ޝެއާކުރި ނަމަވެސް އަލުން އެ ކުއްޖާއަށް ލިބޭނެ ކަމެވެ.

ދަރިފުޅު އެހެން ކުދިންނާއި ޝެއަރ ކުރަން ބޭނުން ނުވާ ސަބަބުވެސް ދެނެގަނުމަކީ މުހިންމު ކަމެކެވެ. ކުއްޖާ މާ ގަޔާވާ ނުވަތަ އަލަށް ލިބިގެން އުޅޭ އެއްޗެއް އެހެން ކުދިންނާއި ޝެއަރ ކުރަން ބޭނުން ނުވުމަކީ އާއްމުކަމެކެވެ. އެފަދަ ހާލަތްތަކުގައި ކުއްޖާގެ އިހްސާސްތަކަށް ގަދަރު ކުރާށެވެ. "ދަރިފުޅުގެ ފެވަރިޓް ދޯ ތީ. ދެން އެހެން އެއްޗެއް ދޭންވީނު ކޮއްކޮއަށް،" މި ފަދަ ގޮތަކަށް ވެސް ޝެއަރ ކުރަން ދަސްކޮށްދެވިދާނެއެވެ. އެ އެއްޗެއް ބޭނުންވެގެން އުޅޭ ކުއްޖާއަށްވެސް އެހެން އެއްޗެއް ލިބުމުން ހަމަޖެހުމެއް ލިބިގެންދާނެއެވެ.

ބެލެނިވެރިންނަކީ އަބަދުވެސް ކުދިންގެ ރޯލް މޮޑެލެއިންނެވެ. ޝެއަރ ކުރުމުގައިވެސް ތިމާއަކީ އެ ކުދިންގެ ރޯލް މޮޑެލުންކަން ދަންނާށެވެ. ކުއްޖާއަށް ރަނގަޅު ނަމޫނާއެއް ކަމުގައި ތިމާވާށެވެ. ތިމާއަކީވެސް އެހެން މީހުންނާއި އެއްޗެހި ޝެއަރ ކުރާ މީހެއް ކަން ދަރިފުޅަށް އެނގޭނަމަ ދަރިފުޅުވެސް ޝެއަރ ކުރުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައިދެކި އެކަން ކުރަން ފަށާނެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.