ދަގަނޑޭގެ ލަނޑަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-އެފްއޭއެމް

ތަނަވަސްކުރި ގިނަ ފުރުޞަތުތަކުން، އެއް ފުރުޞަތު ކާމިޔާބުކޮށް ރާއްޖެއިން ލަންކާ ބަލިކޮށްފި

އާދީއްތަ 10 އޮކްޓޯބަރ 2021 | އައުޓްރީޗް

އުރީދޫ ސާފްޗެމްޕިއަންޝިޕްގައި މިއަދު ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށް، ކާމިޔާބުކުރެވުނު އެންމެ ފުރުޞަތަކުން ސްރީލަންކާ ބަލިކޮށް ރާއްޖެއިން ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

Advertisement


ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން މިއަދު ކާމިޔާބުކުރީ 6 ވަނަ މިނިޓްގައި އަލީ އަޝްފާޤު (ދަގަނޑޭ) ކާމިޔާބުކުރި ހަމައެކަނި ލަނޑުންނެވެ. އޭނާއަށް ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިނީ ޓީމްގައި ހިމެނޭ އެންމެ ޒުވާން އެއް ކުޅުންތެރިޔާ ހައިޝަމްއެވެ. ފުރަތަމަ ހާފްގައި ރާއްޖެއިން ލަނޑު ޖަހާފައި ވަނިކޮށް، 28 ވަނަ މިނިޓްގައި ކީޕަރު ފައިސަލަށް އަނިޔާވެ، ބަދަލުކުރަން ޖެހުނެވެ. ބަދަލުގައި ނިކުތީ އަހުމަދު ޝަފީއު (ޗެކް)އެވެ. އޭނާ ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗު ނަމަވެސް ފެނުނީ ޔަޤީންކަމާއެކު ކުޅުނު ތަނެވެ.

މުޅި މެޗުގައި ރާއްޖެއިން ގިނަ އެޓޭކްތަކެއް ކުރިއެވެ. ހަމްޒާ ފޮނުވާލި ބާރު ބޯޅައެއް ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ. ދެވަނަ ހާފްގައި ސެންޓޭ ފޮނުވާލި ބޯޅައެއްވެސް އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ. މީގެއިތުރުން ފުރަތަމަ ހާފްގައި ސެންޓޭ ފޮނުވާލި ބޯޅައެއްވެސް ދަނޑިއަށް އަމާޒުވިއެވެ. އިބްރާހީމް މަހުދީއާއި، ދެވަނަ ހާފްގައި ނިކުއިން ހަސަން ރާއިފްއަށްވެސް ލަނޑުޖަހަން ފުރުޞަތު ލިބުނެވެ. ފުރަތަމަ ހާފްގައި ދަގަނޑޭއަށްވެސް އިތުރު ލަނޑެއް ޖަހަން ފުރުޞަތު ލިބުނެވެ. ރާއްޖޭގެ ކުރިއަށް ބަދަލުތަކެއް ގެނައިފަހުން މެޗުގެ ފަހު 10 ވަރަކަށް މިނިޓް ސްރީލަންކާއިންވެސް ވަނީ ރާއްޖޭގެ ގޯލަށް ބާރުބޮޑުކޮށްފައެވެ.

މިމޮޅާއެކު ރާއްޖެ އޮތީ ތިން މެޗުން 6 ޕޮއިންޓާއެކު ދެވަނާގައެވެ. އެއްވަނާގައި އޮތީ މިރޭ އިންޑިޔާއާ ވާދަކުރާ ނޭޕާލެވެ. އިންޑިޔާ ބަލިކޮށްގެން ފައިނަލުގެ ޖާގަ ނޭޕާލަށް ޔަޤީން ކުރެވޭނެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.