ދިވެހި ޓީމްގެ ހިތްވަރަކީ ސަޕޯޓަރުން: ފޮޓޯ-އެފްއޭއެމް

އަށާރަ ގަޑިއިރު ކިޔުގައި ހުރެގެން ޓިކެޓް ނެގުން، އިންޑިޔާއާ ދެކޮޅަށް ނިކުންނައިރު ބޮޑު ހިތްވަރެއް!

ބުދަ 13 އޮކްޓޯބަރ 2021 | އައުޓްރީޗް

މިރޭ އިންޑިޔާއާ ދެކޮޅަށް ދިވެހި ޤައުމީ ޓީމް ކުޅޭ މުހިއްމު މެޗުގެ ފުރަތަމަ ޓިކެޓް ދިވެހި ސަޕޯޓަރަކު ނެގީ 18 ގަޑިއިރު ކިޔުގައި ހުރެގެންނެވެ. ހޭލާ ކިޔުގައި ހުރެގެން ޓިކެޓް ނެގުމުން އެކަން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ފާހަގަކުރެއްވީ ދިވެހި ޓީމަށް އޮތް ލޯތްބާއި، ޤައުމީ ޖޯޝް ދިވެހި ސަޕޯޓަރުންގެ މެދުގައި އުތުރި އަރަމުން ދިއުންކަމަށެވެ. ހަޤީޤަތުގައިވެސް އެއީ ދިވެހި ފުޓްބޯޅައަށް ދިވެހިންގެ މެދުގައި އޮތް ވަރުގަދަ ލޯތްބެވެ. ޓިކެޓް ވިއްކުމުގައި އޮތް އިންތިޒާމްތަކުގެ ވާހަކައަކީ އަދި މުޅިން އެހެން ވާހަކައެކެވެ.

Advertisement


ދިވެހި ޤައުމީ ޓީމްގެ ކޯޗު އަލީ ސުޒޭންވެސް ދިވެހި ޓީމްގެ ރޫހުގެ ރަނގަޅުވުމުގެ ސަބަބުތަކުގެ ވާހަކަދައްކަމުން މިސާލަކަށް ނެގީ 18 ގަޑިއިރު ކިޔުއެއްގައި ހުރެގެން ނެގި ޓިކެޓްގެ ވާހަކައެވެ. ކޯޗު ސުޒޭން ބުނީ މުޅި ޓީމަށްވެސް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބާރަވަނަ ކުޅުންތެރިޔާކަމަށެވެ.  އެކުޅުންތެރިޔާގެ ހިތްވަރު ޓީމަށް ފެނުނީމަ ހަޤީޤަތުގައިވެސް ވަރަށްބޮޑު މޯޓިވޭޝަނެއް ލިބޭކަން ފާހަގަކުރަމުން ދެން ބުނީ 18 ގަޑިއިރު ކިޔުގައި ހުރެ ޓިކެޓް ނެގުމުން އެލިބޭ ހިތްވަރުގެ ވާހަކައެވެ. އެއާއެކު ކޯޗު ސުޒޭން ދިވެހި ސަޕޯޓަރުންނަށް ދިނީ ޔަޤީންކަމެއް. އެ 18 ގަޑިއިރު ބޭކާރު ވަގުތުތަކަކަށް ވިޔަނުދޭނެކަމުގެ ޔަޤީންކަމެވެ.

 18 ވަރަކަށް ގަޑިއިރު ކިއުއެއްގައި ހުރެގެން އަޅުގަނޑުމެންނަށް ސަޕޯރޓްކުރުމަށް ޓިކެޓެއް ބައްލަވައިގަތުން މިއީ ޓީމަށް ކިހާވަރުގަދަ ހިތްވަރަކަށް ވާނެތޯ. އެ 18 ގަޑިއިރު ކިޔޫގައި ހޭދަކުރެއްވީ، އެނޫނަސް އަޅުގަނޑުމެންނާ އެއްކޮށް ތިބި ހުރިހާ ސަޕޯޓަރުން މާޔޫސްނުވާނެ ހުރިހާގޮތަކަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ޓީމްގެ ހުރިހާ ކުޅުންތެރިން އެހިތްވަރު ކުރާނެ.

އިންޑިޔާއާ އެއްވަރުކޮށްލައިގެން ހޯދާ އެއް ޕޮއިންޓުންވެސް ފައިނަލަށް ދިއުމުގެ ފުރުޞަތު ދިވެހި ޓީމަށް އެބައޮތެވެ. އެކަމަކު ކޯޗު ސުޒޭންގެ ވިސްނުމަކީ އަދި މުޅި ޓީމްވެސް ވިސްނުމަކީ ޞަރަހައްދުގެ ގަދަ ބާރު ބަލިކޮށްގެން ފައިނަލްގައި ކުޅުމެވެ. މިއަހަރު މާލޭގައި ރާއްޖޭގައި ކުޅުނު އޭއެފްސީކަޕްގެ މެޗުތައް ދިޔަގޮތަށް ބަލާ އެ އުއްމީދު އެބައޮތްކަންވެސް ކޯޗު ފާހަގަކުރިއެވެ. 

ކޯޗު ސުޒޭން ބުނީ މިރޭވެސް މެޗަށް ނިކުންނަނީ ޤައުމަށްޓަކައި ކޮންމެސްކަމެއް ކޮށްދެވޭތޯކަމަށެވެ. އެކަން ކުރެވެން އޮތީ މިޞަރަހައްދުގައި އަދިވެސް އެންމެ ނުފޫޒުގަދަ އިންޑިޔާ ބަލިކޮށްގެން ކަން ކޯޗު ފާހަގަކުރިއެވެ.

 އިންޑިޔާ ކުޅޭ ސްޓައިލާ، ކުޅުންތެރިންނާ، ނިންމާލުމުގައި ސުނިލް ޗެތްރީ ފެންނަނީ އަދިވެސް ނުރައްކާކޮށްކަން ފާހަގަކުރަމުން ސުޒޭން ބުނީ މިޞަރަހައްދުގެ އަދިވެސް އެންމެ ނުފޫޒުގަދަ ޤައުމަކީ އިންޑިޔާ ކަމަށެވެ. އިންޑިޔާއަށް ލިބިފައި އޮތް ޕޮއިންޓްގެ އަދަދަކީ އިންޑިޔާގެ ސްޓްރެންތްކަމުގައި ނުބަލާނެކަމަށް ކޯޗު ބުންޏެވެ. 

މެޗުގެ ޕްރެޝަރާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ ސާފްޗެމްޕިއަންޝިޕަކީ ރާއްޖެއަށް އަބަދުވެސް ޕްރެޝަރެއްކަމަށެވެ. ޕްރެޝަރަކަށް ވަނީ ދިވެހިންގެ އުއްމީދުތައް އެމުބާރާތާގު ތަށްޓާ ގުޅިފައި އޮންނާތީ ކަމަށާއި، އެއީ ހިތްހަމަޖެހުމެއްކަމަށް ކޯޗު ބުންޏެވެ. 

ދިވެހި ކުޅުންތެރިން އެކަން ކުރާނެކަން ޤަބޫލުކޮށްގެން އުއްމީދުކުރަނީ ސަޕޯޓަރުން. ޕްރެޝަރ ނަގާނީ ހިތްހަމަޖެހުމެއްގެ ގޮތުގައި. ކޯޗު ބުންޏެވެ.

ރާއްޖެއާއި އިންޑިޔާ ވާދަކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 09:00 ގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.