ފަސްޓްލޭޑީ މަމްސް ޖަމްއިއްޔާ އިފްތިތާހްކުރެއްވުން. ފޮޓޯ:ރައީސްއޮފީސް

ރައީސްގެ އަނބިކަނބަލުން މޮމްސް ޖަމްޢިއްޔާގެ "ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާޙްކޮށްދެއްވައިފި

ބުރާސްފަތި 14 އޮކްޓޯބަރ 2021 | ހަމްޒާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މޮމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާޙްކޮށްދެއްވައިފިއެވެ. 

Advertisement


މި ޙަފްލާ ކުރިއަށް ގެންގޮސްފައިވަނީ، އިއްޔެ މެންދުރުފަހު މާގިރި ހޮޓަލުގައެވެ.

"ސުޕަރ ކިޑްސް ޗެލެންޖް"އަކީ، ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މޮމްސް ޖަމްޢިއްޔާއިން ހާޞިލުކުރުމަށް ކަނޑައަޅާފައިވާ މަޤްސަދުތަކުގެ ތެރޭގައި، ޤައުމީ ފެންވަރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ 3 ކަމެއް ކަމުގައިވާ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް އަޑު އުފުލުން ހިމެނޭކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ، އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ދިރިއުޅުން ފަސޭހަކުރުމަށް މޮމްސް ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމަނާ ވަނީ، ކޮވިޑް-19ގެ ފުރަބަންދުގެ ޙާލަތުގައި ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށްޓަކައި ނިމިދިޔަ ރަމަޟާން މަހު ސުޕަރ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮޤްރާމް ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި ތަޢުރީފުކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އޯގާތެރިކަމާއި، ލޯބިވުމާއި، އެހެން މީހުންގެ އިހްސާތަކަށް އިހްތިރާމްކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއްކަމުގައި ފާހަގަކުރައްވައި، މިފަހަރުގެ ޕްރޮޤްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، މި ޕްރޮޤްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކުދިންނަށް ބޮޑަށް ފުރުޞަތުދީގެން ބެލެނިވެރިން އެހީތެރިންގެ ދައުރު އަދާކުރުމަށް ބާރުއަޅުއްވާފައެވެ.

މިޙަފްލާގައި ކުދިންނަށް ހުސްވަގުތު ދިނުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ކުދިން ކުރުމަށްޓަކައި ހަވާލުކުރާ މަސައްކަތްތަކާއި، ހުސްވަގުތު ދިނުމުގައި ބެލެންސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ، މިކަމުގެ ސަބަބުން ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް އެދުވަހު ހިނގިކަންކަމާމެދު ވިސްނާލުމަށް ފުރުޞަތު ލިބި، އެކުދިންގެ މުޞްތަޤްބަލާމެދު ވިސްނުމަށް މަގުފަހިވެގެންދާނެ ކަމުގައި ވިދާޅުވެފައެވެ.

ހަމަ އެއާއެކު އެކަމަނާ މުދައްރިސްކަން ކުރެއްވި ދުވަސްވަރުގެ ކަންކަމާއި، އަދި މަންމައެއްގެ ދައުރު އަދާކުރައްވާ ފަރާތެއްގެ ހައިސިއްޔަތުން މި ޙަފްލާގައި ވަނީ ބައެއްކަންކަން ޙިއްޞާކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ، ކުދިން އަމިއްލައަށް ގޮތް ނިންމަން ދަސްކޮށްދިނުމަށް އެހީތެރިވުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެލައްވާފައެވެ. އަދި މިކަން ހާސިލުވާނީ ކުދިންނަށް އެކުދިން ކުރުން މުހިންމު ކަންކަން ދެނެގަތުމަށް ފުރުޞަތު ފަހިކޮށްދީގެން ކަމަށާއި، އެކުދިންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ފުރުޞަތު ފަހިކޮށްދީގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މިއަދުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ބެލެނިވެރިން ކުދިންނާއިއެކު ވަގުތު ހޭދަކުރުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެކަމަނާ ވަނީ، ކުދިންގެ ހުސްވަގުތުތައް ފުރާނެ ގޮތްތައް ރޭވުމުގައި އެކުދިންނާއިއެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޚްލޫފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މޮމްސް ޖަމްޢިއްޔާއަކީ، 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއަކީ، މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގައި 100 ރަށުން ޖުމްލަ 37،000 މެންބަރުން ތިބެއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.