އެމްޓީސީސީގެ ސީއީއޯގެ މަޤާމުގައި އޭރު ހުރި އިބްރާޙިމް ޒިޔާތު. ފޮޓޯ:ސޯޝަލް މީޑިއާ

ބިދޭސީން ރެކްރޫޓްކުރުމަށް ޖޮބް އޯޑަރ ހެދި މައްސަލާގައި ޒިޔާތުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

ބުރާސްފަތި 14 އޮކްޓޯބަރ 2021 | ހަމްޒާ

އެމް.ޓީ.ސީ.ސީއަށް ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ޙަވާލުކުރި ގޮތާގުޅޭ މައްސަލާގައި އެމްޓީސީސީގެ ސީއީއޯގެ މަޤާމުގައި އޭރު ހުރި އިބްރާޙިމް ޒިޔާތުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

Advertisement


އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ޒިޔަތުގެ މައްޗަށް ދައުވާކުރުމަށް ފޮނުވީ އެމް.ޓީ.ސީ.ސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި، 53 ބިދޭސީން ގެނައުމަށް‎‏ ޖޮބް އޯޑަރ (24 ޖުލައި 2017) ހެދި މައްސަލާގައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވީ، އެ މަސައްކަތް ޙަވާލުކުރުމަށްފަހު، އެ މަސައްކަތް ޙަވާލުކުރިގޮތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަން ފެށުމާ ގުޅިގެން އެ އޯޑަރު ކެންސަލް ކުރުމަށްފަހު، އަލުން އެ ޖޮބް އޯޑަރގައިވާ 53 ބިދޭސީން ނެގުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހު ކަމަށް އޭސީސީން ބުނެއެވެ.

ޒިޔާތުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލާގެ ތަހްގީގަށްފަހު އޭސީސީން ބުނީ، އެމް.ޓީ.ސީ.ސީއަށް ބިދޭސީން ރެކްރޫޓްކުރުމަށް 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އަދި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެމް.ޓީ.ސީ.ސީން ޢަމަލުކުރަންޖެހޭ އުޞޫލު އެ އެއްބަސްވުމުގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވި އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ޚާއްޞަ ޖޮބް އޯޑަރއެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެމް.ޓީ.ސީ.ސީން ވަނީ ފޮނުވާފައެވެ. އަދި އެ ޖޮބް އޯޑަރ އަށް ހުއްދަ ދީފައިވަނީ، އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތު ކަަމަށް އޭސީސީން ބުނެއެވެ.

އެ ޖޮބް އޯޑަރއަކީ، 15 އެޖެންސީއަކާއެކު އެއްބަސްވުން ޤާއިމްކުރުމަށްފަހު، އެމް.ޓީ.ސީ.ސީން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާ ގުޅިގެން އެ އޯޑަރ ކެންސަލްކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރެވެ. އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު އެމް.ޓީ.ސީ.ސީން ވި އެއްބަސްވުމާ ޚިލާފަށް، އެ ދެ އެޖެންސީން ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ޚާއްޞަ އޯޑަރއެއްކަން ފާހަގަކުރެވޭ ކަމަށްވެސް އޭސީސީން ބުނެއެވެ. ހަމައެއާއެކު، އެ 02 އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑަރ ފޮނުވާފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އޭސީސީން ބުނީ، ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމް.ޓީ.ސީ.ސީން ފުރަތަމަ އޯޑަރ އީމެއިލްކުރިނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މަޢުލޫމާތުތަކަށް ބިނާކޮށް އެމް.ޓީ.ސީ.ސީން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވި އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސްއާއި، ކަންޓްރީ މޯލްޑިވްސްއަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށެވެ.

އެގޮތުން ދެވަނަ އޯޑަރަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުޞޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމް.ޓީ.ސީ.ސީއާއެކު އެއްބަސްވުން ހެދި ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ ޢަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެ ކަމަށާއި، ނަމަވެސް އެސް.ކޭ މޯލްޑިވްސްއާއި، ކަންޓްރީ މޯލްޑިވްސްއަށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، އެމް.ޓީ.ސީ.ސީން ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ތަހުގީގުން ބެލިބެލުމުން، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ޚާއްސަ ލުއިފަސޭހައެއް ދީފައިނުވާކަން އެނގެ ކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، ސްޕެޝަލް ޖޮބް އޯޑަރއާ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް 30 އޮގަސްޓު 2017 ގައި އެކޮމިޝަނުން އެމް.ޓީ.ސީ.ސީއަށް އެންގިނަމަވެސް، އޭގެފަހުންވެސް ސްޕެޝަލް ޖޮބް އޯޑަރގެ ދަށުން އެމް.ޓީ.ސީ.ސީން އެ ދެ އެޖެންސީ މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަޙުޤީޤުން އެނގޭ ކަމަށެވެ.

އަދި ސްޕެޝަލް ޖޮބް އޯޑަރއަކީ، އެކުންފުނީގެ ސީ.އީ.އޯގެ މަޤާމުގައި އޭރު ހުރި ޒިޔާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތާއި ލިޔެކިޔުންތަކުން އެނގޭ ކަމަށްވެސް އޭސީސީން ބުނެއެވެ. ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.