ކުޑަކުދިންނަށް ފޯނު ދިނުމުގެ ކުރިން ސަމާލުވާންޖެހޭ--

ދަރިފުޅަށް ފޯނެއް ދިނުމުގެ ކުރިން ވިސްނާލުން މުހިންމު ކަންތައްތައް

ބުދަ 20 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله

ރާއްޖެއަށް ބަލާނަމަވެސް އާއްމުގޮތެއްގައި ގްރޭޑް 8ގައި އުޅޭ ގިނަ ކުދިން ފޯނު ގެންގުޚެން ފަށައެވެ. 12، 13 އަހަރުގައި ފޯނެއް ނެތް ކުއްޖެއް މަދުވާނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަހަރަކުން އަހަރެއް ދަނީ ފޯނު ގެންގުޅޭ އުމުރުފުރާ ހަނގުވަމުންނެވެ. ނަމަވެސް ފޯނު ޅައުމުރުގައި ފޯނު ގެންގުޅުމާއި މެދު ގިނަ ބެލެނިވެރިން ކަން ބޮޑުވެއެވެ. ބެލެނިވެރިން ބުނާ ގޮތުންނަމަ ކުދިންނަށް ފޯނު ދެނީ، ދަރިފުޅާއި އެކު ކިޔަވަން އުޅޭ އެހެން ކުދިން ފޯނު ގެންގުޅޭތީ، ކުއްޖާވެސް ބޭނުންވެގެން ފޯނަށް ކިޔާވަރުންނެވެ.

Advertisement


"ފޯނު ދޭކަށް ބޭނުމެއް ނުވޭ. ގްރޭޑް އަށެއް ނިމެންދެން ނުދީ ހިފަހައްޓާލިން. އޭރުވެސް އެ ކުލާހުގަ ފޯނު ނެތް ދެތިން ކުއްޖެއް އުޅެނީ. ދެން ނުވަޔެއްގައި އުޅުން އަހަރު ފޯނު ދިނީ އިތުރު ގޮތެއް ނެތިގެން. އަބަދު ކިޔަނީ އޭނަ އަތުގައި އެކަންޏޭ ފޯނު ނޯންނަނީ. އެންމެން ފޯނުންނޭ ކިޔަވަނީ،" ހަތަރު ކުދިންގެ މަންމައަކު ބުންޏެވެ.

ނަމަވެސް ބައެއް ބެލެނިވެރިންނަކީ ހިފަހައްޓާލާ އެއް ގޮތެއްގައި ތިބޭ ބަޔެކެވެ. ބައެއް ބެލެނިވެރިން ކުދިންނަށް ފޯނުދެނީ އޯލެވެލް ނިންމުމުންނެވެ. ބިލް ގޭޓް ބުނެފައިވާ ގޮތުގައި އޭނާގެ ދަރިންނަށްވެސް ފޯނު ދީފައިވަނީ އެކުދިން ހައި ސުކޫލަށް ދާން ފެށިފަހުންނެވެ.

ފޯނު މުހިންމުތަ؟

ތެދެކެވެ. ފޯނަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ އެތައް ފައިދާއެއް ލިބިދޭ އެއްޗެކެވެ. ޒަމާނަށް އައި ބަދަލާއެކު ހާއްސަކޮށް ކޮވިޑްގެ ބަލި މަޑުކަމާއި ގުޅިގެން ކިޔެވުމާއި ބައްދަލުވުންތައް މިހާރު ގިނައިން އޮންނަނީ އޮންލައިންކޮށެވެ. އެހެން ކަމުން ފޯނުވެފައިވަނީ ކިޔެވުމުގައިވެސް ވަރަށް މުހިންމު އެއްޗަކަށެވެ.

ކުޑަކުދިންނަކީ ޓެކޮލޮޖީއަށް ލޯބި ކުރާ ބަޔަކަށްވާއިރު، ފޮތައްވުރެ ބައެއް ކުދިން ސްކްރީނުން ކިޔަން ލޯބިކުރެއެވެ. އެޑިއުކޭޝަނަލް އެޕްތަކާއި އެޑިއުކޭޝަނަލް ގޭމް އަދި އިންޓަރނެޓްގެ ޒަރީއާއިން ބޭނުންވާ މައުލޫމާތެއް ފަސޭހައިން ލިބޭއިރު، ފޯނު ގެންގުޅުމަކީ ކުދިންނަށް ކިޔެވުމުގައި ލިބޭ އިތުރު ފަސޭހައެކެވެ. ޓީޗަރުންނާއި ކުލާސް ކުދިންނާއި ވާހަކަ ދައްކާލުމަށް ހާއްސަ ގުރޫޕްތައް ހަދައިގެން ގޭގައި ތިބެގެންވެސް ގުރޫޕް ސުޓަޑީޒް ހަދާލެވެއެވެ.

ފޯނު ދިނުމުގެ ކުރިން ވިސްނާލުން މުހިންމު

ކުއްޖާއަށް ފޯނުދޭން އެންމެ ރަނގަޅު އުމުރަކީ ކޮބައިކަން ނިންމާނީ ބެލެނިވެރިޔާއެވެ. ތިމާއަށް ދަރިފުޅާއިމެދު ޔަގީންކަން އޮންނަނަމަ ފޯނު ދޭންވީއެވެ. ނަމަވެސް ކުއްޖާއަށް ފޯނު ދިނުމުގައި އުމުރަށްވުރެ ވިސްނަންވީ ކުއްޖާގެ ޒިންމާދާރު ކަމާއި ހޭލުންތެރިކަމާއި އަމިއްލައަށް ގޮތް ނިންމުމަށް ކުއްޖާއަށް އެނގޭ މިންވަރާ މެދުގައެވެ. ރައްކާތެރިކަމާއިއެކު ފޯނު ބޭނުން ކުރަން ދަސްކޮށްދޭށެވެ. ދަރިފުޅު ފޯނު ބޭނުންކުރާ އުމުރަށް އަރައިފިތޯއާޢި ފޯނު ކުއްޖާއަށް ކިހާ މުހިންމުކަން ދެނެގަންނާށެވެ. މި ސުވާލުތަކުގެ ޖަވާބު ލިބިގަންނާށެވެ.

-ކަންތައްތައް ދަރިފުޅު ޝެއާ ކުރޭތަ؟

-ކަމެއް ކުރުމުގެ ކުރިން ހުއްދަ ހޯދާތަ؟

-ކަމެއް ކުރުމުގެ ކުރިން ލަފާ ހޯދާތަ؟

-ދަރިފުޅުގެ އަތުން އެއްޗެހި ގެއްލޭތަ؟

-ފޯނު ބޭނުންކުރާނީ ޒިންމާދާރުކަމާއެކުތަ؟

-ފޯނު ހަމަ ކޮންމެހެންވެސް މުހިންމުތަ؟

ފޯނު ބޭނުން ކުރަން ވަކި ވަގުތެއް ކަނޑައެޅުން


ފޯނަކީ އަބަދު ކުއްޖާގެ އަތުގައި އޮންނަ އެއްޗަކަށް ވިޔަ ނުދޭށެވެ. ފޯނު ކުއްޖާއަށް ދޭނެ ވަކި ވަގުތުތަކެއް ކަނޑައަޅާށެވެ. އެގޮތުން ރޭގަނޑު އަށެއްގެ ފަހުން ނުވަތަ ކުއްޖާ ނިދަން ކޮޓަރިއަށް ވަންނަ ވަގުތަކީ މަންމައާއި ފޯނު ހަވާލުކުރަންޖެހޭ ގަޑި ކަމަށް ހަދާށެވެ. ދުވާލު ގަޑީގައިވެސް މާ ގިނައިން ފޯނު ބޭނުން ކުރާނަމަ، ފޯނު ކުއްޖާއަށް ދިނުމުގައި ލިމިޓް ތަކެއް ކަނޑައަޅާށެވެ. ކުއްޖާގެ ކޮޓަރިއަށް ފޮނު ހިފައިގެން ވަނުމުގެ ހުއްދަނުދޭށެވެ.

ދަރިފުޅު ވާހަކަ ދައްކާ މީހުން ދެނެގަތުން

ފޯނުން ދަރިފުޅު ވާހަކަ ދައްކަނީ ކޮންބަޔަކާއިތޯ ޗެކް ކުރާށެވެ. ގަވައިދުން ދަރިފުޅު ވާހަކަ ދައްކަނީ ކޮން ބަޔަކާ ކޮން ކަހަލަ ވާހަކަތަކެއްކަން ދެނެގަންނާށެވެ. ދަރިފުޅު ކުރާ ވީޑިއޯ އާއި ނަގާ ވީޑިއޯތައް ބަލާށެވެ. ހަމަ އެއާއެކު ދަރިފުޅުގެ އެކުވެރިން ފޮނުވާ އެއްޗެހިވެސް ބަލާށެވެ.

ބޭނުންކުރާ އެޕްތަކާއިމެދު ސަމާލުވުން

ދަރިފުޅުގެ ފޯނުގައި ހުންނަ އެޕްތަކަކީ ދަރިފުޅުގެ އުމުރާއި ގުޅޭ އެޕްތަކެއްކަން ކަށަވަރުކުރާށެވެ. ކުދިންނާއި ވާހަކަ ދެއްކުމަށް ބޭނުންކުރާ އެޕްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކަކީ ތިމާއަށްވެސް ކޮންޓްރޯލް ލިބިގެންވާ އެއްޗަކަށް ހަދާށެވެ. މެސެންޖަރ އިންސްޓަރގްރާމް ފަދަ ވަސީލަތްތަކުގެ ޕާސްވޯޑް ތިމާއަށް އެނގޭ އެއްޗެއްކަށް ހަނދާށެވެ.

އިންޓަރނެޓްގެ ނުރައްކާ

ދަރިފުޅަށް އޮރިޔާމަކީ ކޮބައިކަމާއި އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ގޮތައް ފޮޓޯ އާއި ބަސްތައް ބޭނުންކުރަން ހަނދާން ކޮށްދޭށެވެ. އިންޓަރނެޓަށް ދޫކޮށްލެވޭ ފޮޓޯއެއްގެ ބޭނުން މީހުން ނާޖާއިޒް ގޮތުގައި ބޭނުން ހިފައިފާނެ ގޮތްތައް ކިޔައިދޭށެވެ. ގުރޫމް ކުރުމާއި ޖިންސީ ފުރައްސާރަ އަކީ ކޮބައިކަން ބުނެދޭށެވެ. ސައިބަރ ބުލީއަކީ ކޮބައިކަން ބުނެދޭށެވެ.

ދަރިފުޅުގެ މިނިވަންކަމަށް ސަމާލުކަންދިނުން

ދަރިފުޅު ފޯނު ޗެކް ކުރުމަކީ ދަރިފުޅުގެ މިނިވަންކަމަށް އަރައިގަތުން ނޫންކަން ދަރިފުޅަށް ވިސްނައިދޭށެވެ. އެއީ ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާކަމެއްކަން އަންގައިދޭށެވެ. ތަފާތު އެކި ކަހަލަ މިސާލުތައް ނަގައިގެން ދަރިފުޅުގެ އުމުރާއި ގުޅޭ ގޮތުން ކަންތައްތައް ކިޔައިދޭށެވެ. ދަރިން މައިންނަށް ސިއްރުކުރަންޖެހޭ ކަމެއް ނޯންނާނެކަން ދަރިފުޅަށް ވިސްނައިދޭށެވެ.

މާ ބޮޑަށް ނުހިފެހެއްޓުން

ހަނދާނުގައި ބަހައްޓާށެވެ. މާ ބޮޑަށް ދަރިފުޅު ކޮންޓްރޯލް ކުރަން އުޅޭނަމަ ކުއްޖާ ސިއްރުން ކަންތައްތައް ކުރަން ފަށާފާނެއެވެ. އެހެންވީމަ ދަރިފުޅުގެ އިހްސާސްތަކާއި ދަރިފުޅުގެ ބޭނުންތަކަށް އިޖާބަދޭށެވެ. ދަރިފުޅަށް އިތުބާރު ކުރާށެވެ. އަދި ދަރިފުޅަށް ކުރާ އިތުބާރު ގެއްލޭފަދަ ކަމެއް ދަރިފުޅު ކިބައިން ނުފެންނާނެކަމަށް ޔަގީން ކުރާކަން ދަރިފުޅު ގާތު ބުނާށެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.