ޝައުފާ ކައުންސިލް މެންބަރެއްގެ ހުވާ ކުރުމަށްފަހު

ޝައުފާ ވޮލީ ކޯޓުން, ރަށު ކައުންސިލް އިދާރާއަށް، ކުޅިވަރު ކޯޓުން ދަސްވި ފިލާވަޅުތަކުން ތަޖުރިބާ ލިބޭ

ބުރާސްފަތި 21 އޮކްޓޯބަރ 2021 | އައުޓްރީޗް

ޤައުމީ ވޮލީބޯޅަ ޓީމް މިދިޔަ އަހަރުތަކުގައި ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރިއެވެ. ކްލަބް ވޮލީބޯޅައިގައި ރަންވަތަނަތައް ހޯދިއެވެ. ޤައުމީ ޖަރޒީގައި ހޭދަކުރި 7 އަހަރަށްފަހު މިއަދު އުފަން ރަށް މަހިބަދޫގައި ރައްޔިތުންނާ ގާތުން ސީދާ ރައްޔިތުންނަށް ޚިދުމަތްކުރަން ފެށިނަމަވެސް މިއަދުވެސް އޭނާގެ މަސައްކަތުގެ ދާއިރާގެ އެންމެބޮޑު އެހީތެރިއަކީ ކުޅިވަރު ކޯޓްގައި ލިބުނު ތަޖުރިބާއެވެ. ފިލާވަޅުތަކެވެ. މިއީ ޝައުފާ އާދަމްގެ ވާހަކައެވެ.

Advertisement


ޤައުމީ ވޮލީ އަންހެންޓީމްގައި އޭނާގެ ވިދުން ގަދައެވެ. ކްލަބް ވޮލީގައިވެސް އެކަން އޮތީ އެހެނެވެ. އެކަމަކު މިހާރު އޭނާއަކީ އދ.މަހިބަދޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ އެރަށުގެ ކައުންސިލް މެންބަރެކެވެ. އެންމެގިނަ ވޯޓުން ރަށުގެ ރައްޔިތުން އެރައްޔިތުންނަށް ޚިދުމަތްކުރަން އިންތިޚާބުކުރި އަންހެން މެންބަރެވެ. ޝައުފާގެ ހުރިހާވެސް ވިސްނުމެއް ހުރީ ރަށަށް ޚިދުމަތްކުރުމެވެ. ރަތާއި ފެއްސާ ހުދުގެ ޤައުމީ ޖަރޒީގައި ޖެހި ކޮންމެ ބޯޅައަކާއި، އޮހޮރި ކޮންމެ ދާތިއްކަކުން ލިބުނު ފިލާވަޅުތަކާއި، ތަޖުރިބާތަކުން އޭނާގެ އުފަން ރަށަށް އުފާވެރިކަން ގެނެސްދިނުމެވެ. އެރައްޔިތުންގެ އިތުބާރު ދެމެހެއްޓުމެވެ.

ވޮލީބޯޅައިގައި އެލެވެލްގައި ކުޅެފަހުރީމަ ލިބިފައި ހުރި ތަޖުރިބާ މިކަމުގައިވެސް އަޅުގަނޑަށް ޙިއްޞާކުރެވޭ. އޭރުވެސް ޓީމެއްގެ ގޮތުގައި ވަކި ޓާގެޓްތަކެއް ވަކި ކަންތައްތަކެއް އެޗީވްކުރަން ވަކި ގޯލްސްތަކެއް ކަނޑައަޅައިގެން މަސައްކަތްކުރަނީ. ހަމައެގޮތަށް ރަށުގައި މިމުޖުތަމައުގައިވެސް އަޅުގަނޑުމެން ރަށަށް ވަކި ޓާގެޓެއް، ވަކި ގޯލްއެއް ކަނޑައަޅައިގެން މަސައްކަތްކުރަމުން މިދަނީ. ވޮލީގެ ތެރޭގައި އެހާފުޅާކޮށް އުޅެވިފަހުރީމަ މިދާއިރާގައިވެސް އޭގެ ތަޖުރިބާގެ ބޭނުންކުރެވޭ. 

އަހަރުތަކެއް ޖަރޒީގައި ހޭދަކުރުމަށްފަހު ރަސްމީ ހެދުމުގައި ހެނދުނު އޮފީހަސް ނިކުމެ މަސައްކަތްކުރުމުގައި އަދިވެސް ކޮންމެވެސް ވަރެއްގެ ދަތިކަމެއް އޭނާއަށް ކުރިމަތިވެއެވެ. އެކަމަކު އެއީ މަސައްކަތުގެ ގަޑި ބަދަލުވެގެން ވާ އުނދަގުލެއް ނޫނެވެ. ޖަރޒީއަކާއި، ސްޕޯރޓްސް ބުރުގާއަކުން ރަސްމީ ހެދުމަކަށް ބަދަލުވުމުން ވާ ކުޑަކުޑަ އުނދަގުލެކެވެ. ކުޅިވަރުގެ ތެރެއިން ދަސްވި ގަޑިއަށް ފަރުވާތެރިވުމުގެ ސިފަ މިއަދުވެސް މަސައްކަތުގެ ދާއިރާގައި އެދަނީ ބޭނުންކުރަމުންނެވެ.

މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިން ޝައުފާއާ ބައްދަލުވީ އޭނާގެ އުފަން ރަށުންނެވެ. އެރަށުގެ ބަނދަރުމަތީގައި ހުރި ހިތްގައިމު ޕާކުތެރެއިންނެވެ. އެތަނުގައި ހޭދަކުރި ވަގުތުކޮޅުގެ ތެރޭގައިވެސް ޝައުފާ ދެއްކީ އެތަން ތަރައްޤީކުރުމަށް އޮތް ޕްލޭންގެ ވާހަކައެވެ. އެތަނަސް ގެންނަން ވިސްނާ ބަދަލުތަކުގެ ވާހަކައެވެ.

އިރާދަކުރެއްވިއްޔާ ދެން އަންނައިރު މިތަން މިއަށްވުރެވެސް ރީތިވާނެ. އެތަނަށް ގެންންނަން ވިސްނާ ބަދަލުތަކުގެ ކޮންމެވެސް ވަރެއްގެ ތަފްޞީލްތަކަކަކާއެކު ޝައުފާ އެދުވަހުވެސް ދިނީ ޔަޤީންކަމެވެ.

މަސައްކަތުގެ ދާއިރާއާއެކު ރަށަށް ދިރިއުޅުން ބަދަލުކޮށްގެން ހުރި ޝައުފާ އަދިވެސް ޤައުމީ ވޮލީ މުބާރާތުގައި ކުޅުމަށް އުއްމީދުކުރެއެވެ. އެކަމަށް މިވަގުތު އޮތް ހުރަހަކީ އަނިޔާއެވެ. ރަށަށް ބަދަލުވިއިރުވެސް ހުރީ އަނިޔާގައެވެ. އެއީ ޤައުމީ ޚިދުމަތުގައި ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ލިބުނު އަނިޔާއެކެވެ. އެކަމަށް އެސޯސިއޭޝަނުން އަޅާނުލުމުގެ ކަންބޮޑުވުން އޭނާގެ އެބައޮތެވެ އެއާއެކުވެސް އަނިޔާއިން ރަނގަޅުވެ އަލުން ޤައުމީ މުބާރާތް ކުޅުމަކީ އުއްމީދެވެ. މިހާރު ޝައުފާވަނީ އޮޕަރޭޝަންކޮސް ފަރުވާ ފަށާފައެވެ. އޭނާ ޔަޤީންކުރަނީ އަންނަ އަހަރުގެ ޤައުމީ މުބާރާތުގައި ކޮންމެވެސް ޓީމަކުން ފެންނާނެކަމަށެވެ. އެކަމަކު އެއަށްވުރެ ބޮޑު އެހެން އުއްމީދެއް އޭނާގެ އެބައޮތެވެ.

އަޅުގަނޑުގެ ޓާގެޓަކަށް މިހާރު މިއޮތީ ރަށުން ވޮލީ ޓީމެއް ނެރިގެން މާލޭގައި ކުޅުން. މާލޭގައި ޗެލެންޖް ކުރެވޭނެކަމަށް އަޅުގަނދު ދެކެނީ.

އެއަމާޒަށް ވާޞިލްވުމަށް ޝައުފާއަށް ވަރަށްބޮޑު ޔަޤީންކަމަކާއި، އުއްމީދެއް އެބައޮތެވެ. އެއްސަބަބަކީ މަހިބަދޫއަކީ ކުޅިވަރުގެ ރަށަކަށް ވުމެވެ. ނެޓްބޯޅައާއި، ހޭންޑްބޯޅަ މިހާރުވެސް ޤަވާއިދުން ކުޅުމެވެ. އަދި އެކުޅުންތެރިންނަކީ އެވްރެޖް އިސްކޮޅުން ދިގު ކުޅުންތެރިންނަށްވުމެވެ. ފުޓްބޯޅައިގައި މަހިބަދޫން ކުރި ތަޖުރިބާއަކީވެސް ޝައުފާއަށް އޮތް ހިތްހަމަޖެހުމެކެވެ. އިތުބާރެކެވެ. އެހެންކަމުން ޝައުފާގެ ލީޑަރޝިޕްގެ ދަށުން މަހިބަދޫއަކީ ވޮލީބޯޅައިގެ ރަށަކަށް ނުހެދޭންވީ ސަބަބެއް ނެތެވެ.

މިވަގުތު ޝައުފާގެ އެންމެބޮޑު ފޯކަސްއަކީ އަނިޔާއިން އެނބުރި އައުމެވެ. ކުޑަ ދަރިފުޅާއެކު ވަގުތު ހޭދަކުރުމެވެ. ރަށުގައިހުރެ ރަށަށް ޚިދުމަތްކުރުމެވެ. ތަފާތެއް ދެއްކުމެވެ. އޭގެ ފަހުން ރަށު ވޮލީ ޓީމް ގޮވައިގެން ނިކުމެ ޗެލެންޖް ކުރުމެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.