ކޮރެއާ އަންހެނެއް--

ކޮރެއާ އަންހެނުން ފަލަ ނުވަނީ ކީއްވެކަން އެނގޭތަ؟

އާދީއްތަ 24 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله


Advertisement


ކޮރެއަން ފިލްމުތަކާއި ސީރީޒްތައް ބަލާއިރު އެންމެ އަޅައިގަންނަ އެއް ކަމަކީ ކޮރެއާ އަންހެނުން ތިބޭލެއް ފިޓް ކަމެވެ. ފިލްމުތައް އެކަންޏެއް ނޫނެވެ. ކޮރެއާ މަގެއްގެ މަތިން ހިނގާލިނަމަވެސް މާ ބޮޑަށް ފަލަ ނުވަތަ ފިޓް ނޫން މީހެއް ނުފެންނާނެއެވެ. ފުރާވަރު ކުދިންނުން ފަށައިގެން ދުވަސްވީ މީހުންވެސް ފެނިގެންދާނީ ސިއްހަތު ރަނގަޅުކޮށް ތިބި ފިޓް ބަޔެއްގެ ގޮތުގައެވެ. ލޫޅާފަތި ބަނިޔާދަން ރީތި ބައެއްގެ ގޮތުގައެވެ. ގިނަ ބަޔަކު މިކަމުގެ ފަހަތުގައި ސިއްރު ދެނެގަތުމަށް ބޭނުންވެއެވެ.

މިންހެޔޮ ކެއުން

ކޮރެއާ އަންހެނުންނަކީ ފަލަވެދާނެތީ ވަކި އެއްޗެއް ނުކައި ތިބޭ ބައެއް ނޫނެވެ. ހުރިހާ އެއްޗެއްވެސް ކެއުމުގައި އެމީހުން ބޭނުންކުރެއެވެ. ޕްރޮޓީންސް، ކާބްސް، ފެޓްސް ހިމެނޭ އެއްޗެހި ބޭނުންކުރި ނަމަވެސް އެ ހުރިހާ އެއްޗެއް ބޭނުންކުރަނީ މިން ހަމަ، ދުޅަ ހެޔޮކޮށެވެ. ހަމަ އެއާއިއެކު އެމީހުންނަކީ މާ ގިނައިން ކާ ބަޔެއް ނޫނެވެ. ކޮންމެ އެއްޗެއް ކޭ ނަމަވެސް، މަދުން ކެއުމަށް އެމީހުން އިސްކަންދެއެވެ. ހަމަ އެއާއިއެކު ދުވާލުގެ އެކި ވަގުތުގައި ތަފާތު އެކި ހަރަކާތްތަކުގައި ބައިވެރިވުމަށްވެސް އެމީހުން އިސްކަންދެއެވެ.

ތަރުކާރީ ގިނައިން ކެއުން

ކޮރެއާގެ ކެއުންތައް ކައި، ނުވަތަ ކާން ބޭނުންވާ މީހުންނަށް އެންމެ ފުރަތަމަވެސް އަޅައިގަންނާނީ އެމީހުން ކެއުމުގައި ބޭނުންކުރާ ތަރުކާރީގެ އެކި ބާވަތްތަކެވެ. ކޮރެއާ މީހުންނަކީ ތަރުކާރީ ކެއުމަށް ލޯބިކުރާ ބަޔަކަށްވުމީ އެމީހުން ސިއްހަތު ރަނގަޅުވެފައި ހިކިކޮށް ތިބޭ މައިގަނޑު ސަބަބެވެ. އަދި އެމީހުން ކެއުމުގައި ބޭނުންކުރާ ގިނަ ތަރުކާރީއަކީ ހަށިގަނޑަށް ފައިދާހުރި ކެލޮރީސް މަދު ތަރުކާރީއެވެ. އެކަމުގެ ސަބަބުން ބަރުދަން ލުއި ކުރުމަށް އެހީތެރިވެދެއެވެ.

ފަރމެންޓެޑް ކާނާ ކެއުމުގައި ބޭނުންކުރުން

ކޮރެއާގެ ގިނަ ކެއުންތައް ކާއިރު ސައިޑް ޑިޝްއެއްގެ ގޮތުގައި ތަފާތު އެކި ކަހަލަ ފަރމެންޓެޑް ކާނާ ބޭނުންކުރާނެއެވެ. ކިމްޗީ ފަދަ އެފަދަ ފަރމެންޓެޑް ކާނާއަކީ ހަޖަމު ކުރުމުގެ ނިޒާމާއީ ދިފާއީ ނިޒާމް ރަނގަޅުކޮށްދޭ ކާނާއެވެ. އަދި އެފަދަ ކާނާއަކީ ބަރުދަން ލުއިކުރުމަށްވެސް އެހީވެދޭ ކާނާއެވެ.

ތައްޔާރީ ކާނާގެ ބަދަލުގައި ގޭގައި ތައްޔާރުކޮށްގެން ކެއުން

ބައްޓަން ރީތިކޮށް ތިބުމަށް ކެއުމުގައި ބޭނުންކުރާ ތަކެތި މުހިންމު ރޯލެއް އަދާކުރާއިރު، ކޮރެއާ އަންހެނުން ކެއުމުގައި ބޭނުންކުރާ ގިނަ އެއްޗެއްސަކީ ސިއްހަތައް ފައިދާހުރި ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗެއްސެވެ. ގޭގައި ތައްޔާރުކޮށްގެން ކާ އެއްޗެއްސަށްވުރެ ބަރުދަން ލުއިކުރުމަށް ކާން ރަނގަޅު އެއްޗެއް ވަކި ނުހުންނާނެއެވެ.

ތަފާތު އެކި ކަހަލަ ތައްޔާރީ ކާނާގެ ބާވަތްތަކާއި، ސިއްހަތައް ގެއްލުންހުރި ލުއި ކާނާގެ ބާވަތްތަކަކީ ބަރުދަންއިތުރުވެ ފަލަވުމަށް މަގުފަހި ކުރުވާ ކާނާގެ ބާވަތްތަކެވެ. ހަމައެއާއެކު އެފަދަ ކާނާއަކީ ހިތުގެ ބަލިފަދަ ތަފާތު އެކި ކަހަލަ ނުރައްކާތެރި ބަލިތައް ޖެހުމަށްވެސް މަގުފަހި ކުރުވާ ކާ އެއްޗެއްސެވެ. ކޮރެއާ އަންހެނުންނަކީ ތައްޔާރީ ކެއުންތައް ކެއުމުގެ ބަދަލުގައި ގޭގައި ތައްޔާރުކޮށްގެން އެއްޗެހި ކެއުމަށް ލޯބިކުރާ ބައެކެވެ.

ސީވީޑް ކެއުމުގައި ބޭނުންކުރުން

ސީވީޑަކީ ކޮރެއާ މީހުންގެ ކެއުމުގައި އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ. ސިއްހަތައް ފައިދާހުރި ސީވީޑް އެމީހުންގެ މައިގަނޑު ކެއުންތައް ހެދުމުގައާއި ސޫޕް ހެދުމުގައިވެސް ބޭނުންކުރެއެވެ. ވިޓަމިންސް އާއި މިނަރެލްސްއިން މުއްސަދިވެފައިވާ ސީވީޑަކީ ފައިބަރވެސް ގިނަ އަދަދަކަށް އެކުލެވޭ އެއްޗެކެވެ. އެކަމުގެ ސަބަބުން ހަޖަމްކުރުން ރަނގަޅުކޮށްދީ ބަނޑުހައިވުމުންވެސް ދުރުކޮށްދެއެވެ.

ހިނގުމަށް ލޯބިކުރުން

ތަންތަނަށް ހިނގާފައި ދިއުމަށް އަބަދުވެސް އެމީހުން އިސްކަންދެއެވެ. އެމީހުން ސައިކަލް ކާރު ފަދަ އެއްޗެއް ބޭނުން ކުރުމަށްވުރެ ހިނގާފައި އުޅުމަށް އިސްކަންދެނީވެސް ހިނގުމަކީ ހަށިގަނޑަށް ކަސްރަތު ލިބިދޭނެ ކަމަކަށްވާތީއެވެ. ހިނގާފައި އުޅުމަކީ އެމީހުން ހަށިގަނޑު އެއް ހަމައެއްގައި ހިފަހައްޓާލުމަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދޭ ކަންތަކެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.