ކުނާ ވިޔަނީ--

ދެ އެކުވެރިންގެ ލޯބި ތުނޑު ކުނާ ވިޔުމަށް ހުސްވެފައި!

ހޯމަ 25 އޮކްޓޯބަރ 2021 | ލަޒީނާ ޢަބްދުالله


Advertisement


ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި "ހޯމް ވޯކާސް ޑޭ އައުޓް" އިވެންޓަށް ދިޔަ ގިނަ ބަޔެއްގެ ޝައުގުވެރިކަން ހުއްޓުނީ ތުޑު ކުނާ ވިޔަންތިބި ދެ އަންހެނުންނަށެވެ. ތުޑު ކުނާ ވިޔުމަށް ހާއްސަކޮށްހަދާފައި ހުންނަ ހަރު ހިފައިގެން އެތަނުގައި ކުނާ ވިޔަމުން އެމީހުން ދިޔައިރު އެންމެން ތިބީ އާޝޯހުވެފައެވެ.

މިއީ ގދ.ގައްދޫއަށް އުފަން ޒައީމާ ހުސެން މަނިކުއާއި މަރިޔަމް ފާއިޒާގެ ވާހަކައެވެ. އެކުވެރި ކަމުގެ ލާމަސީލު ނަމޫނާއެކެވެ. މިހާރު 50 މަތީގައިވާ މި ދެ އެކުވެރިންނަކީ ކުޑައިރުން ފެށިގެން ދެ ބެސްޓު ފުރެންޑުންނެވެ. މި ދެ އެކުވެރިންގެ އެކުވެރިކަން ގޮސް ހުއްޓެނީ އެމީހުންގެ ހިތުގައި ކުނާ ވިޔުމަށް އުފެދިފައިވާ ހާއްސަ ލޯތްބާއެވެ. ޒައީމާ ކުނާ ވިޔަން އިނުމުގެ ސަބަބުން މި ދެ އެކުވެރިންގެ ވާހަކަ ކިޔައިދިނީ ފާއިޒާއެވެ.

ފާއިޒާ ބުނާ ގޮތުން އޭނާ މި މަސައްކަތް ކުރާތާ 40 އަހަރު މިހާރު ވާނެއެވެ. ކުނާ ވިޔުމުގެ މަސައްކަޔް ފާއިޒާ މަންމަ ކައިރިން ދަސްކުރިއިރު، ޒައީމާ އެ މަސައްކަތް ކުރީ އޭނާގެ ދައްތަގެ ކައިރިން އުމުރުން 15 ވަރަކަށް އަހަރުގައެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން ޒައީމާގެ ދިރިއުޅުން މާލެ ބަދަލު ކުރިނަމަވެސް، އޭނާ މާލޭގައިވެސް އެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދިޔައެވެ. ފާއިޒާ އެ މަސައްކަތް ކުރިއަށް ގެންދިޔައީ ރަށުގައި ހުރެގެންނެވެ.

"ގާތްގަޑަކަށް 15 ވަރަކަށް އަހަރު ވެދާނެ. މިކޮޅަށް ބަދަލު ވީއްސުރެ އޭނަވެސް މަސައްކަތް ކުރަމުންދިޔައީ. ދެ މީހުންނަށް ލިބޭ އޯޑަރުތައް ޝެއަރ ކުރަމުންދަނީ. އެކަކު އަތުގައި ގިނައިން ހުރި ނަމަ އަނެކަކަށް ޝެއަރ ކޮށްލަނީ. ދެ މީހުން އެކުގައި މިކަން ކުރަމުން މިދަނީ،" ފާއިޒާ ބުންޏެވެ.

މި ދެ އެކުވެރިންވެސް މި ކަމަށް ބޭނުންވާ ހާ އަދި ވާ ހޯދަނީ ގައްދޫ ކައިރީ އޮންނަ ފަޅު ރަށަކުންނެވެ. ނަމަވެސް ހާ ރީތި ކަމަށް މަޝްހޫރު ފިޔޯރީންވެސް އެ މީހުން ހާ ގަނެއެވެ. ޒައީމާ ހާގައި ކަލު ކުލަ ޖައްސަނީ ރަށަށް ޗުއްޓީއަށް ގޮސްކަމުގައި ވީނަމަވެސް، ހާގައި ރީދޫ ކުލަ ޖައްސަނީ މާލޭގައެވެ.

"ގައްދުއަށް ޗުއްޓީއަށް އައިސް ކަޅު ކުލަ ޖައްސަނީ. އަހަރު ދެއަހަރަށް ވާވަރަށް ޖައްސައިގެން އަންނަނީ،"

ލިބޭ އާޢްމުދަނީއަށްވުރެ، މި ދެ އެކުވެރިން މި މަސައްކަތް ކުރަނީ އެކަމަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. ކާބަފައިންގެ ފަރާތުން ދަސްވި އެ މަސައްކަތް އާލާ ދިރުވުމަށެވެ. އެ މަސައްކަތް އުވުނަ ނުދިނުމަށެވެ. އަންނަން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމަށެވެ.

"މީ ކާބަފައިންގެ ޒަމާންވީ މަސައްކަތެއް. އަޅުގަނޑުމެން ކުރާހިތުން މި މަސައްކަތް ކުރަނީމި. ލިބޭ އާއްމުދަނީ އަކަށްނޫން މި ބަލަނީ.ވަރަށް ދެރަވޭ ގައްދޫގަވެސް މިކަން އުވިގެންގޮސްދާނެތީ. އަހަންނަށްވުރެ ހަގު އެންމެ މީހެއް މިކަން ކުރަނީ. ދެން ހަމަ ދުވްސްވީ މީހުން މަދުމަދުން މިކަން ކުރޭ،" 57 އަހަރުވެފައިވާ ފާއިޒާ ބުންޏެވެ.

ފާއިޒާގެ އުމުރުން 14 އަހަރުން ފެށިގެން މި މަސައްކަތް ކުރަމުން އަންނައިރު، އޭނާ މިހާރު އަންނަނީ ކުނާ ވިޔަން ދަސްކޮށްދޭ ކޯސްތައްވެސް ހިންގަމުންނެވެ. މި މަސައްކަތްކުރާގޮތް ރައްޖޭގެ ރިސޯޓްތަކުގައާއި ރާއްޖޭން ބޭރުގައި ބާއްވާ އެކި ކަހަލަ އިވެންޓްތަކުގައި ދައްކުވައިދެމުންނެވެ. މި މަސައްކަތް ދަސްކުރާ ކުދިން ގިނަ ނަމަވެސް މި މަސައްކަތުގައި ދެމިތިބޭ ކުދިން މަދުވުމަކީ ފާއިޒާ ހިތާމަކުރާ ކަމެކެވެ.

"މިކަން ދަސްކޮށްދިނުމަށް ކޯސްތައްވެސް ކުރިއަށްގެންދަން. ވަރަށް ގިނަ ކުދިން ދަސްކުރޭ. އެކަމް އަމަލީ ގޮތުން ކުދިން މަސައްކަތެއް ނުކުރޭ، އަޅުގަނޑަށް ހީވާގޮތުން ތަންކޮޅެއް އުނދަގުލީ މި މަސައްކަތް. ފަސޭހަ މަސައްކަތެއް ނޫން. ދެން އޯޑަރ ލިބޭލެއްވެސް މަދު. މާކެޓެއްވެސް ނޯވޭ"

ކުނަލާއި ކުނަލުގެ އުފެއްދުންތަކުގެ ބައިން ތަފާތު މައުރަޒުތަކުން ކާމިޔާބީތައް އެ ދެ އެކުވެރިން އަންނަނީ ހޯދަމުންނެވެ. ފާއިޒާގެ އެންމެބޮޑު ކާމިޔާބީ އަކީ އަތްތެރި މަސައްކަތްކުރުމާއި، ކުރިއެރުވުމުގެ ރޮނގުން 2016ވަނަ އަހަރު ލިބުނު ޤައުމީ އިނާމެވެ. މިގޮތައް ލިބޭ ވަނަތަކަކީ މި މަސައްކަތުގައި ދެމި ތިބުމަށް ލިބިގެންދާ ހިތްވަރެކެވެ. މި ދެއެކުވެރިންގެ އެކުވެރިކަން ބަދަހިވުމާއިވެސް ގުޅިފައިވަނީ ކުނާ ވިޔުމެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.