ބީ.އެމް.އެލްގެ އޭޖެންޓް ފިހާރައެއް. ފޮޓޯ:ބީ.އެމް.އެލް

ބީއެމްއެލްއިން 75 ރަށެއްގައި ފައިސާ ޖަމާކުރުމާއި ޕޭމަންޓް ޚިދުމަތް ދޭން ފަށައިފި

އަންގާރަ 26 އޮކްޓޯބަރ 2021 | ހަމްޒާ

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބ.މާޅޮހުގައި ކޭޝް އޭޖެންޓް ބޭންކިންގ ތައާރަފްކޮށް، 75 ރަށަކުން ފައިސާ ޖަމާކުރުމުުގެ ޚިދުމަތް ލިބޭގޮތް ހަމަޖައްސައިފިއެވެ.

Advertisement


ބީ.އެމް.އެލްއިން ބުނީ، އޭޖަންޓް ބޭންކިންގގެ ޚިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމްއެއް ނެތް ރަށްރަށުގައި އޭޖަންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި، ޖަމާކުރުމަށް ތައާރަފްކޮށްފައިވާ ޚިދުމަތެއް ކަމަށެވެ. އަދި 2015 ވަނަ އަހަރު މި ޚިދުމަތް ފެށީ، ހަމައެކަނި ފައިސާ ނެގުމަށް ކަމުގައި ވީނަމަވެސް އޭޖަންޓުން މެދުވެރިކޮށް، އަތޮޅުތެރޭގައި އެއްވެސް ފީއަކާނުލާ މިހާރު ފައިސާ ނެގުމާއި، ޖާމާކުރުމާއި ކްރެޑިޓް ކާޑާއި، ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން ކޭޝް އޭޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާއި ހަމަޔަށް ފައިސާ ނެގޭނެ ކަމަށާއި، އަދި ކަސްޓަމަރަކަށް ދުވާލަކު 10،000 ރުފިޔާއާ ހަމަޔަށް ފައިސާ ޖަމާކުރެވޭނެ ކަމަށްވެސް ބީ.އެމް.އެލްއިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، އެބޭންކުން މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިޔަށް އޮތް މަސްތަކުގައި މި ޚިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

" މިއަދު މި ފާހަގަ ކުރެވެނީ އަޅުގަނޑުމެންގެ އޭޖަންޓް ބޭންކިންގ ޚިދުމަތް 75 ވަނަ ރަށަށް ތައާރަފްކުރާ މުހިންމު މުނާސަބާ. މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކުރިޔަށް އޮތް މަސްތަކުގައި މި ހިދުމަތް މީހުން ދިރިއުޅޭ 100 ރަށަށް ފޯރުކޮށްދިނުމަށް." ޓިމް ސޯޔަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އިއުލާން ކުރި ފިޔަވަޅުތަކާއެކުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ކަސްޓަމަރުންނަށް މެދުނުކެނޑި ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ބީ.އެމް.އެލްއިން ބުނީ، އެކުންފުނީގެ އަމާޒަކީ އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު މިހާރު 20 އަތޮޅުގައި ބީ.އެމް.އެލްގެ 35 ބްރާންޗާއި، 73 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއި، 134 އޭޓީއެމްއާއި، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން ހަރަކާތްތެރިވެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.