ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް. ފޮޓޯ:ރައީސްއޮފީސް

ރައްޔިތުންނަށް މުހިންމުވާ ކިތަންމެ ކުޑަކަމެއްވިޔަސް ސަރުކާރުން ނުކޮށް ދޫކޮށްނުލާނެ - ނައިބުރައީސް

އަންގާރަ 26 އޮކްޓޯބަރ 2021 | ހަމްޒާ

ރައްޔިތުންނަށް މުހިންމުވާ ކިތަންމެ ކުޑަކަމެއްވިޔަސް މި ސަރުކާރުން ނުކޮށް ދޫކޮށްނުލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. 

Advertisement


ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ރައްޔިތުންގެ އަޑު އަހަން މި ސަރުކާރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ތައްޔާރު ކަމަށް ވިދާޅުވިއެވެ. މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އުތުރާއި ދެކުނުގައި ހިމެނޭ ހުރިހާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ހުރިހާ ރައްޔިތުންގެ ރާއްޖެއެއް ކަމަށާއި އެގޮތުން ޚިދުމަތްތަކުގެ ފަސޭހަކަން ލިބެންޖެހޭނީ މުޅިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، މިއަދު ފެންނަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހިންގުން ހަރުދަނާ ވެގެންދާއިރު ސަރުކާރުން ހުރިހާ ރައްޔިތުންނާއި ހަމައަށް ޚިދުމަތްތައް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ތައުލީމީ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ކްލާސްރޫމްތައް އެޅުމާއި، އައު ސްކޫލްތައް އެޅުމާއި އަދި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމާއި، މިހެންގޮސް ތަފާތު އެކި މަސައްކަތްތައް މުޅި ރާއްޖެއިން މިއަދު ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވާފައެވެ. ފުވައްމުލައް ސިޓީގެ އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެ ސިޓީގައި މިދިޔަ ޖަނަވަރީ މަހު ހިނގާދިޔަ ހިތާމަވެރި ހާދިސާއެއްގައި މީހެއްގެ ފުރާނަ ގެއްލިދިއުމާ ގުޅިގެން އެ ސިޓީގެ ރައްޔިތުންގެ އެދުމާއެކު ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްދެއްވުމަށް އެއްބަސްވެ ވަޑައިގަތުމުންނެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ.)ގެ ސީ.އެސް.އާރުގެ ތެރޭގައި ހިމެނިގެންނެވެ.

މި ރަސްމިއްޔާތުގައި ވަނީ، ލަފާފުރުމާއި ނެރު ބޭނުންކުރުމުގައި ހިނގާފައިވާ މިފަދަ އެހެނިހެން ހާދިސާތަކުގައި ފުރާނަ ގެއްލި ގޮސްފައިވާ ފަރާތްތަކުގެ ހަނދާނުގައި 30 ސިކުންތުގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ.

މި ރަސްމިއްޔާތައްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިހާރު ފުވައްމުލައް ސިޓީއަށާއި އައްޑޫސިޓީއަށް ފަށްޓަވާފައިވާ 4 ދުވަހުގެ ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.