ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީ އެކްސްޕޯގައި: ފޮޓޯ-ރައީސް އޮފީސް

މެޑަމް ފަޒުނާގެ ނޫ ލިބާސް: ހިތްތިރިކަމުގެ ނަމޫނާއެއް

ބުދަ 27 އޮކްޓޯބަރ 2021 | އައުޓްރީޗް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު (ފަޒޫ) ތުރުކުރައްވާ ހެދުންކޮޅުތަކައް އަބަދުވެސް މީހުންގެ ސަމާލުކަން ލިބެއެވެ. ތަފާތު އެކި މުނާސަބަތުތަކާއި ހަފްލާތަކަށް އެކަމަނާ ތުރުކުރައްވާ ހެދުންކޮޅު ރީތިވެގެން އެވާހަކަދެކެވެއެވެ. އެގޮތުން މިފަހަރު ގިނަ ބައެއްގެ ސަމާލުކަން ލިބުނީ "ދުބާއީ އެކްސްޕޯ 2020"ގައި އެކި ގައުމުތަކުން ތައްޔާރުކޮށްފައިވާ ޕެވީލިއަންތައް ބައްލަވައިލައްވަން ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވި ލިބާސްކޮޅެވެ.

Advertisement


ދިވެހި އަންހެނުންގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބާސް ލުމުން ގެނެސްދޭއިރު، މެޑަމް ފަޒުނާ ތުރުކުރައްވައިގެން ހުންނެވީ ދިވެހި އަންހެނުން އާއްމުކޮށް ރަސްމިއްޔާތުތަކުގައި ލައިއުޅޭ ރަތް ލިބާހެއް ނޫނެވެ. އެއާ ހިލާފަށް މެޑަމް ފަޒުނާ ތުރުކުރައްވައިގެން ހުންނެވީ ކަސަބުން ޖަރީކޮށްފައިވާ ނޫކުލައިގެ ލިބާސްކޮޅެކެވެ. ވަރަށްވެސް ރީއްޗެވެ. މިއަދު ސޯޝަލް މީޑިއާގައި އެކަމާނެ ލިބާސްކޮޅު ރީތިވެގެން އެވާހަކަ ދައްކާއިރު، އެކަމަނާވަނީ ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ލިބާސްކޮޅުގެ ވާހަކަ ހިއްސާކުރައްވާފައެވެ.

މެޑަމް ފަޒުނާ ވިދާޅުވިގޮތުގައި ލިބާސްކޮޅާއި އެއާއެކުގައި ބޭނުންކުރެއްވި ހުރިހާ އެއްޗެއްސަކީވެސް އެކި މީހުން އަތުން ހޯދައިގެން ބޭނުންކުރެއްވި ތަކެއްޗެވެ. ބޭނުންކޮށްލާފައި ދޭގޮތައް ގެނަ ތަކެއްޗެވެ. އެގޮތުން ލިބާސް، އުޅާ އަދި ރުމާފަޅިއަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ކުރީގެ ނައިބު ރައީސްކަމާއި ސަރުކާރުގެ އެކި އެކި މަތީ މަގާމްތައް ފުރުއްވި ޖަމީލާ އަލީ ހާލިދުގެ އެއްޗެހިކަން ފާހަގަ ކުރައްވާ މެޑަމް ފަޒުނާ ވަނީ ޖަމީލާއަށް ޝުކުރު އަދާކުރައްވާފައެވެ.

އޭގެ އިތުރުން މެޑަމް ފަޒުނާ ބޭނުންކުރެއްވި ފޭލިއަކީ މަދީހާ މުހައްމަދުގެ އެއްޗެއްކަން ފާހަގަ ކުރައްވާ މެޑަމް ފަޒުނާ ވަނީ ފޭލި އަންނަންވީ ގޮތް ދަސްކޮށްދިނުމުގެ އިތުރުން އެކަމަނާއާއި ގުޅޭ ގޮތައް އިސްތަށިގަނޑުގައި ހުޅި ޖައްސަވައިދިނުމަށް އެހީތެރިވެދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ހެއާ ސުޕްރޭއަކާއި ނުލައި އިސްތަށިގަނޑު ރީއްޗައް ބެހެއްޓުމަށް އައިޝަތު ޝާން ކުރެއްވި މަސައްކަތް ފާހަގަކޮށް އެކަމާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން އެކަމަނާއަޅުއްވާފައި ހުރި ފައްޓަރުބަޔަކީ އެކަމަނާގެ ތިމާގެ ކުއްޖެއްކަމުގައިވާ މުނާގެ ފިރިމީހާގެ އާއިލީ އެއްޗެއްކަން ފާހަގަކޮށް، އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ހަފްލާތަކާއި މުނާސަބަތުތަކަށް މީހުން އަތުން ހޯދައިގެން އެއްޗެހި ބޭނުން ކުރުމަކީ އާއްމު ކަމެއް ނަމަވެސް، ބައެއް މީހުންނަށް މީ ހަޑިކަމެކެވެ. ނަމަވެސް ރާއްޖޭގެ ފަސްޓް ލޭޑީ ކަމުގެ މަގާމުގައި ހުންނެވި ފަރާތެއް، މިފަދައިން ކަންތައްކުރުމުން ގިނަ ބަޔަކު ވަނީ އެކަމަށް ތައުރީފްކޮށްފައެވެ. ގިނަ ބަޔަކު މިކަން ސިފަކުރެއްވީ އެއީ އެކަމަނާއަކީ މަޑުމައިތިރި ސާދާ ދިރިއުޅުމަކަށް ލޯބި ކުރައްވާ ހިތްތިރި ބޭކަނބަލެއްކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައެވެ. އެހެން މީހުން އަތުން ހޯދައިގެން އެއްޗެހި ބޭނުންކުރުމަކީ ހަޑި، ދަށުދަރަޖައިގެ ކަމެއް ނޫންކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައެވެ. ތިމާގެ ކިބައިގައި ކޮންމެ ހަފްލާއަކަށް އައު ހެދުމެއް ހޯދޭނެފަދަ ތަނަވަސްކަން ހުރި ނަމަވެސް ކޮންމެ ހަފްލާއަކަށް އައު ހެދުމެއް ނުހޯދާ، މީހުން އަތުން އެއްޗެހި ހޯދައިގެން ބޭނުން ކޮށްލުމަކީ އެއްވެސް މައްސަލައެއް ނޫންކަމެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.