އަޑޭއަށް ރަތްކާޑް ދެއްކި މެޗުގެ ތެރެއިން

ކެޓުމަށްވުރެވެސް ލަދުވެތި ރަތްކާޑް!

އަންގާރަ 16 ނޮވެމްބަރ 2021 | އައުޓްރީޗް

ސްރީލަންކާގެ ބޮޑުވަޒީރުގެ ދައުވަތަކަށް އެޤައުމުގައި ކުރިއަށްދާ 4 ޤައުމު ވާދަކުރާ ފުޓްބޯޅަ މުބާރާތުން ރާއްޖެ ކެޓީއެވެ. ފޯ ނޭޝަންސް ކަޕުން ރާއްޖެ ކެޓީ މެޗަކުން މޮޅުނުވެއެވެ. މުބާރާތުގައި ވާދަކުރި އަނެއް ތިން ޓީމަކީވެސް ރޭންކިންގައި ރާއްޖެއަށްވުރެ ފަހަތުގައި އޮތް ތިން ޤައުމެވެ.

Advertisement


ސްރީލަންކާ ރާއްޖެ އަތުން މޮޅުވި ދުވަހެއް ހަނދާނެއް ނެތެވެ. އެކަމަކު މިމުބާރާތުގައި ރާއްޖެ 4 ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ އެއްވަރުކޮށްފިއެވެ. ބަނގްލަދޭޝް މިމުބާރާތުގެ ކުރިން ރާއްޖެ އަތުން މޮޅުވީ 18 އަހަރު ކުރިންނެވެ. އެކަމަކު ރާއްޖެ ފޯނޭޝަންސްކަޕުން ކެޓީ ބަނގްލަދޭޝް އަތުންވެސް ބަލިވެގެންނެވެ. މިއަދު ޝީސެލްސްއާ ވާދަކުރުމުގެ ކުރިން އެޤައުމާ ވާދަކުރި މެޗުން ރާއްޖެ މޮޅުވިއެވެ. އެކަމަކު މިއަދު އެޤައުމު ބަލިކޮށްގެން ފައިނަލުން ޖާގަ ލިބެން އޮތް މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއީ މުޅިންވެސް ލަދުވެތި ނަތީޖާތަކެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ މެދު ސުވާލު އުފެދޭ ނަތީޖާތަކެވެ. ވިދިވިދިގެން ދެ ޞަރަހައްދީ ދެ މުބާރާތެއްގެ ފައިނަލަށްވެސް ނުގޮސް ކެޓުމުން ދިވެހި ސަޕޯޓަރުން ހަޤީޤަތުގައިވެސް ތިބީ މާޔޫސްވެފައެވެ. އެކަން ސޯޝަލް މީޑިޔާގެ ވަޞީލަތްތަކުގައި އެދަނީ ފާޅުކުރަމުންނެވެ. އެނަތީޖާތަކަށްވުރެ މިއަދު ފާޑުކިއުމާއި، މާޔޫސްކަމާއި، ނުތަނަވަސްކަން ބޮޑު އެހެންކަމެއްވެސް އެބައޮތެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑްގައި 34 އަހަރުގެ އައްސަދު އަލީ (އަޑުބަރޭ) ހިމެނުމުން ދިވެހި ސަޕޯޓަރުންގެ ތެރެއިން ފާޑުކިއުން އަމާޒުވިއެވެ. އޭނާއަށް ފުރަތަމަ އެގާރައިން ޖާގަ ދިނުމުން ފާޑުކިއުން ތަކުރާރުވިއެވެ. އޭނާގެ އުމުރާއި، ލޯކަލް ސީޒަންގައި ކުޅުނު މެޗުތަކުގެ އަދަދާއި، އަނިޔާގައި ހޭދަކުރި މުއްދަތުވީ ފާޑުކިޔަން ލިބުނު ސަބަބުތަކަށެވެ. އެކަންވެސް ނިމުނީއެވެ.

އަޑޭ މެދުގައި، ޓީމްގެ އެހެން ކުޅުންތެރިންނާއެކު ޕްރެކްޓިސްގައި: ފޮޓޯ-އެފްއޭއެމް

ފޯނޭޝަންސްކަޕަށްވެސް ޤައުމީ ޓީމް ދިޔައީ އަޑުބަރޭ ގޮވައިގެންނެވެ. އެކަމަކު އާކޯޗު މޮރިއޭރޯގެ ފުރަތަމަ އެގާރައިން ޖާގައެއް ނުދެއެވެ. މޮޅުވާން މަޖުބޫރު މެޗު ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް، ދެއްކި އިތުރު ވަގުތުގެ ފަސް މިނިޓަށް ކޯޗު ގެނައި ބަދަލުތަކުގެ ތެރޭގައި އަޑުބަރޭ ހިމެނިއެވެ. ފިޒިކަލް ވަރުގަދަ އަޑުބަރޭގެ ފަރާތުން ޓީމަށް ފައިދާއެއް ކޮށްފާނެކަމަށް ކޯޗު ނިންމިއެވެ. އެއުއްމިދުގައި ފުރުޞަތު ދިނުމުން ކުޅެން ނިކުމެ ރަނގަޅު ބޯޅައެއް އަލީ އަޝްފާޤަށް ކުރިއަށް ދިނެވެ. އެކަމަކު އެބޯޅަ އެހެން ކުޅުންތެރިއަކަށް ފުރުޞަތަކަށްވާ ގޮތަށް ފަހިކޮށްދޭނެ ފުރުޞަތެއް އަޝްފާޤަކަށް ނުލިބުނެވެ. ޝީސެލްސް ކުޅުންތެރިއެއްގެ ސަބަބަކުން ނޫނެވެ. ރެފްރީގެ ސަބަބަކުންވެސް ނޫނެވެ. ސަބަބަކަށްވީ އަޑުބަރޭއެވެ.

އަޑުބަރޭގެ ރަތްކާޑުން ދިވެހި ސަޕޯޓަރުން މާޔޫސްކޮށްލި: ފޮޓޯ-އެފްއޭއެމް

ބޯޅަ ނެތީސް ޝީސެލްސްގެ ކެޕްޓަން ކަރުގައި އުޅަބުށިން ޖެހީއެވެ. ރެފްރީ ކުޅުން ހުއްޓުވީ ރާއްޖެއަށް ފަހި ފުރުޞަތެއް ތަނަވަސް ވަނިކޮށެެ. އަޑުބަރޭއަށް ސީދާ ރަތްކާޑް ދެއްކިއިރު އޭނާ ކުޅެން ނިކުއިންތާ މިނިޓެއްވެސް ނުވެއެވެ. އަޑުބަރޭ އުޅަބުށިން ޖެހި މަންޒަރު ދެތިން ފަހަރު ޓީވީތަކުން ދެއްކިއެވެ. ދިވެހި ސަޕޯޓަރުން އެމަންޒަރު ބެލިއެވެ. ފާޑުކިއުންތައް އަޑުބަރޭއަށް އަނެއްކާވެސް އޮއްސާލިއެވެ. އޭނާ ޓީމަށް ނެގި ސަބަބާމެދު ސުވާލު އުފެއްދިއެވެ. އޭނާ ޓީމްގައި ހިމެނީ ސްޓޭޓް މިނިސްޓަރު ވެގެނެއްނޫނެވެ. އެކަމަކު އޭނާގެ އެއަމަލާ ގުޅިގެން ސްޓޭޓް މިނިސްޓަރުކަންވެސް ސަޕޯޓަރުން ހަނދާންވިއެވެ. ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެވެ. މޮޅޫވެގެން ރާއްޖެއަށް ފައިނަލަށް ދެވެން އޮތް މެޗެކެވެ. ކޯޗު އަޑޭއަށް ފުރުޞަތު ދިނީ ރާއްޖެ ފައިނަލަށް ގެންގޮސްދޭން އެހީވެދޭނެކަމުގެ އުއްމީދުގައެވެ. އެކަމަކު އެހުރިހާ އުއްމީދެއް ފެނަށް ދިޔައީއެވެ. 

ރާއްޖެ މެޗަކުން މޮޅުނުވުމުގެ ލަދުވެތިކަމެވެ. ފައިނަލަށް ނުގޮސް ދެ މުބާރާތުން ކެޓުމުގެ ލަދުވެތިކަމެވެ. އޭގެ މައްޗަށް އަޑުބަރޭގެ އަމަލުގެ ލަދުވެތިކަމެވެ. އެރަތްކާޑަކީ ދިވެހި ސަޕޯޓަރުންނަށް ބަލައިގަނެވޭނެ ރަތްކާޑެއް ނޫނެވެ. އަޑުބަރޭއަށް ދިވެހި ޤައުމީ ޓީމުން ފުރުޞަތު ހައްޤުނޫން ކަމުގެ އަޑުތައް އަނެއްކާވެސް ފަދަވީއެވެ. އާކޯޗާއެކު ޓީމް އަލުން ބަލުން ބައްޓަން ކުރަން ފަށަންވީއެވެ. ޓީމަށް ބަދަލުތައް ގެންނަންވީއެވެ.ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.