ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް -- ފޮޓޯ: ރައީސް އޮފީސް

ހެޔޮވެރިކަމުގެ ކާމިޔާބު 3 އަހަރު: އިޤުތިޞާދީ ދާއިރާއިން ވަނީ ފަހި ކުރި އެރުންތައް ހޯދާފައި

ބުދަ 17 ނޮވެމްބަރ 2021 | މޫސަ

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ، މިއަދަށް 3 އަހަރު ފުރުނީއެވެ. މިއާއި އެކު މި ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކާއި ތައުރީފް ކުރާ ފަރާތްތަކުން ވަނީ ވެރިކަމުގެ 3 އަހަރާއި މެދު އެފަރާތްތަކަށް ފެންނަ ވާހަކަތަކާއި ޝުއޫރުތައް ފާޅު ކުރަން ފަށާފައެވެ.

Advertisement


ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ އިޖުތިމާއީ ސިޔާސީ ޙާލަތު އޮތީ ނާޒުކު ފައްތަރެއްގައެވެ. އެހެން ނަމަވެސް އެއީ ދުނިޔެ އާއި ރާއްޖޭގެ އިޤުތިޞާދުވެސް އާއްމު ހާލަތުގައި ހިނގަމުން ދިޔަ ދުވަސްވަރެކެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުގެ ތެރެއިން ދަރަނި ނަގައިގެން ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގަމުން ދިޔުމާއި ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ މައްޗަށް ދަރަނި އަރާފައި ވުމުން ރާއްޖޭގެ އިޤުތިޞާދީ ހާލަތާއި މެދު ވޯލްޑް ބޭންކާއި އެހެންވެސް މާލީ އިދާރާތަކުން އޭރުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރައީސް ސާލިޙްގެ ވެރިކަމުގެ ފުރަތަމަ އަހަރު ނިމުނުތަނާހެން. ކޯވިޑް-19ގެ އާލަމީ ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެ، އިޤުތިޞާދު މުޅިން ހުއްޓުމަކަށް އައެވެ. މުޅި ދުނިޔެ ބަންދުވެ، ވިޔަފާރީގެ ހަރަކާތްތައް ހުއްޓިގެން ދިޔައިރު، ރާއްޖެއަށްވެސް އެކަމުގެ ދަތިކަން އިންތިހާއަށް ފޯރި ނަމަވެސް ކޯވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އިޤުތިޞާދު ހިފެހެއްޓުމަށް ސަރުކާރުން ކުރި މަސައްކަތްތަކަކީ ރާއްޖެ އާއި ބޭރު ދުނިޔޭގެ ފަރާތްތަކުން ފާހަގަ ކުރާ ކަންކަމެވެ.

"މިއަދު އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން. ނަމަވެސް، އުއްމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނޭ." އަންގާރަ ދުވަހުގެރޭ ބޭއްވި، ގޯލްޑް 100 ގާލާ ނައިޓުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤުތިޞާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަން ކަމަށް ވާއިރު، 15 ޖުލައިގައި ބޯޑަރުތައް ހުޅުވުމަށް ފަހު، ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ އިއާދަ ވަމުންނެވެ. މިގޮތުން 2021 ވަނަ އަހަރު އަންނާނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެވެސް ގިނައިން ފަތުރުވެރިން އައިސްފައި ވާއިރު، 2019 ވަނަ އަހަރާއި އަޅާބަލާއިރު، ޓޫރިސްޓް އެރައިވަލް މިހާރު ވަނީ 70 އިންސައްތައަށް އަރާފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން 2020 ވަނަ އަހަރު ރާއްޖެއަށް ވަނީ ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައެވެ. ރާއްޖޭގެ ރިސޯޓުތައް އަލުން ހުޅުވާފައި ވާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 އިންސައްތަ ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން %10 ސާވިސް ޗާޖު ނެގުން ލާޒިމްކުރުމާއި ސާވިސްޗާޖު މުވައްޒަފުންނަށް ލިބޭ ގޮތް ސަރުކާރުން ބަލައި މޮނީޓަރ ކުރުމަކީވެސް ފަތުރުވެރިކަމުގެ ދާއިރާއަށް އައި މުހިއްމު ކުރިއެރުންތަކެވެ.

އިޤުތިޞާދީ ދާއިރާއިން މިސަރުކާރުން ކޮށްފައިވާ އެންމެ މުހިއްމު މަސައްކަތަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ފަހި ފުރުޞަތުތައް ހޯދައި ދިނުމެވެ. މިގޮތުން ރާއްޖޭގެ ފުރަތަމަ އެސްއެމްއީ ބޭންކު އުފައްދާފައި ވަނީ މިވެރިކަމުގައެވެ. މިބޭންކުން ވަނީ މިހާތަނަށް، 1.09 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މިގޮތުން ޖުމުލަ 893 ޕްރޮޖެކްޓަކަށް ލޯނު ދޫކޮށްފައި ވާއިރު، މިލޯންތަކުގެ %42 އިންސައްތަ އަކީ، އަންހެނުންނާއި ޒުވާނުން ހިއްސާވާ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނެވެ.

އެސްއެމްއީބޭންކުން ދޫކޮށްފައިވާ ލޯން

ދަނޑުވެރިކަމުގެ 33 މަޝްރޫއަކަށް 16.2 މިލިއަން ރުފިޔާ

ވިޔަފާރި ކުރިއެރުވުމެ 366 މަޝްރޫއަކަށް 316.5 މިލިޔަން ރުފިޔާ

އިމާރާތްކުރުމުގެ ދާއިރާގެ 42 މަޝްރޫއަކަށް 43.8 މިލިޔަން ރުފިޔާ

މަސްވެރިކަމުގެ ދާއިރާއިން 126 މަޝްރޫއަކަށް 222.6 މިލިޔަން ރުފިޔާ

ޓެކްނޮލޮކީގެ ދާއިރާއިން 9 މަޝްރޫއަކަށް 8.5 މިލިޔަން ރުފިޔާ

އުފެއްދުންތެރިކަމުގެ ދާއިރާއިން 74 މަޝްރޫއަކަށް، 68.6 މިލިޔަން ރުފިޔާ

ފަތުރުވެރިކަމުގެ ދާއިރާއިން 172 މަޝްރޫއަކަށް، 309.4 މިލިޔަން ރުފިޔާ

ދަތުރު ފަތުރުގެ ދާއިރާއިން 71 މަޝްރޫއަކަށް 105.6 މިލިޔަން ރުފިޔާ

ރާއްޖޭގެ އިޤުތިޞާދުގެ މައިގަނޑު ސިނާއަތްތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެވަނީ ކޮށްފައެވެ. މިގޮތުން މަސްވެރިކަމުގެ ދާއިރާއިން ކުރި އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ޑީސަލުން ޑިއުޓީ ކަނޑާލުމާއި، އޮޑި ދޯނި ފަހަރު ބަނުމަށް ރާއްޖެ އެތެރެ ކުރާ ސާމާނުން ޑިއުޓީ ކަނޑާލުން ހިމެނެއެވެ.

މީގެ އިތުރުން މިސަރުކާރުން ވެރިކަމާއ ހަވާލު ވިއިރު، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ 37 މިލިޔަން ރުފިޔާގެ ދަރަނި މުޅިން ޚަލާސްކޮށްފައި ވާއިރު، މިފްކޯއަށް މަސްކިރުވާ އޮޑި ދޯނިފަހަރަށް ހަފްތާއެއްގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެވެ.

ކޯވިޑް-19 އާއި އެކު މަސްވެރިކަމަށްވެސް ހުއްޓުން އައި އިރު، އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރީންނަށް 39 މިލިޔަން ރުފިޔާ ސަރުކާރުން ދޫކޮށްފައި ވެއެވެ.

ދަނޑުވެރިކަމުގެ ދާއިރާއިންވެސް ރާއްޖެ ކުރިއަށް ގެންދިޔުމަށް މިސަރުކާރުގެ 3 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބީތައް ހޯދާފައިވެއެވެ. މިގޮތުން އެޅުނު އެންމެ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތަށް އިމްޕޯޓްކުރާ ތަކެތިން ޑިއުޓީ މައާފްކުރުން ހިމެނެއެވެ.

ދަނޑުވެރިކަމުގެ މަސައްކަތްތަކަށާއި ދަނޑުވެރިން އުފައްދާ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމުގެ މަސައްކަތް ކުރުމަށް، އެގްރޯނެޓްގެ ނަމުގައި ކުންފުންޏެއް ވަނީ އުފައްދަވާފައެވެ. އެގްރޯނެޓްގެ ފާމިން މަޝްރޫއުގެ ދަށުން 587 ދަނޑުވެރިންނާއި އެކި އެއްބަސްވުންތައް ވަނީ ހަދާފައެވެ. އަދި އެސްޓީއޯ އާއި އެގްރިސެންޓަރުގެ މަޝްރޫއާއި އެކު 300 ދަނޑުވެރިންނާއިއެކު އެއްބަސްވުންތައް ހަދާފައިވެއެވެ.

ދަނޑުވެރިކަމުގެ އުފެއްދުން ތާޒާކަމާއި އެކި ރައްކާކޮށްފައި ބެހެއްޓޭނެ ފެސިލިޓީތައް ޤާއިމްކުރުމަށް 9 ރަށެއްގައި އެގްރި ސެންޓަރު އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ދަނޑުވެރި ނަފާގެ ދަށުން 27 ދަނޑުވެރިންނަށް ވަނީ ލޯނު ދޫކޮށްފައެވެ. އޭގެތެރެއިން 30 އިންސައްތަ ޚާއްސަކުރެވިފައި ވަނީ އަންހެނުންނަށެވެ.

ރާއްޖޭގެ އިޤުތިޞާދީ ދާއިރާއިން ސަރުކާރުން ކުރި އެންމެ މުހިއްމު އެއްކަމަކީ މިނިމަމް ވޭޖު ކަނޑައެޅުމެވެ. މިގޮތުން 2022 ޖެނުއަރީ 1 އިން ފެށިގެން ރާއްޖޭގައި މިނިމަމް ވޭޖާއި އެއްހަމައަށް މުސާރަތައް ގެނައުން، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަށް، އަދި އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތަކަށް ލާޒިމް ވާނެއެވެ.

ރާއްޖެ ހިމެނެނީ ކޯވިޑް-19އަށް ފަހުގައި އެންމެ ބާރަށް އިޤުތިޞާދު ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައެވެ. ކޯވިޑް-19 އާއި އެކު ރާއްޖޭގެ އިޤުތިޞާދަށް މީގެ ކުރިން ދުވަހަކުވެސް ދިމާ ނުވާ ވަރުގެ ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް މިސަރުކާރުން ވަނީ ހިކުމަތްތެރި ފިޔަވަޅުތަކެއް އަޅައި އިޤުތިޞާދު ހިފަހައްޓާފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.