ހެޔޮވެރިކަމުގެ ކާމިޔާބު 3 އަހަރު

ހެޔޮވެރިކަމުގެ ކާމިޔާބު 3 އަހަރު: އެންމެ ބޮޑު ހަނގުރާމައަކީ ކޯވިޑް-19ގެ އާލަމީ ވަބާ.

ބުދަ 17 ނޮވެމްބަރ 2021 | މޫސަ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްޣެ ސަރުކާރަށް 3 އަހަރު މިފުރުނީ، މިހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށެވެ. ވެރިކަމުގެ 5 އަހަރުގެ ދައުރު ދެބައިވެ ގިނަވީއެވެ. ރައްޔިތުންނަށް އުއްމީދުތަކާއި ދިރުން ގެނެސްދެމުން ވެރިކަމަށް އައި ސަރުކާރުގެ 3 އަހަރުގެ ދެއަހަރު ވޭތުވެގެން މިދިޔައީ ކޯވިޑް-19ގެ އާލަމީވަބާގައި ކުރަން ޖެހުނު ހަނގުރާމައިގެ ތެރޭގައެވެ.

Advertisement


ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމުގެ ހުވާ ކުރެއްވީ، 17 ނޮވެމްބަރު 2018 ވަނަ ދުވަހުއެވެ. ވެރިކަމުގެ ހުވާކުރެއްވި ގޮތަށް އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ، 2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށައެޅުއްވުމެވެ. ހަޤީޤަތުގައި ރައީސް ޔާމީނުގެ ސަރުކާރުގެ ފަހު ދޮޅު އަހަރު ފެށުނު ސިޔާސީ ހަލަބޮލިކަމާއި، އެ ސަރުކާރުގެ ކަރަޕްޝަނާއި ފަސާދައިގެ ތެރޭގައި ދައުލަތް އޮތީ ވާނުވާ ނޭނގޭ ހާލަތެއްގައެވެ. އެހެންކަމުން 2019 ވަނަ އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ބަޖެޓު ހުށައަޅަން ޖެހުނީ، ވަރަށް އަވަސްއަރުވާލައިގެންނެވެ.

އެހެންނަމަވެސް އަމާންކަމާއިއެކު ދިޔަ ވެރިކަމުގެ ފުރަތަމަ އަހަރަށްފަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ހުށައެޅީ، އުއްމީދީ ޕްރޮގްރާމް ބަޖެޓެކެވެ. ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް އެބަޖެޓުގައި ގިނަ މަޝްރޫއުތަކެއްވެސް ހިމެނިއެވެ. 37.5 ބިލިއަން ރުފިޔާގެ އެބަޖެޓަކީ، ރާއްޖޭގެ ތާރީޚުގައިވެސް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެވެ.

ވެރިކަމުގެ ދެވަނަ އަހަރާއި ކުރިމަތިލީ ތަނާ، ޑިސެމްބަރު މަހު ފަހުކޮޅު މުޅި ދުނިޔެއަށް ޑަބުލިޔުއެޗްއޯއިން އިންޒާރުގެ ރަނގަބީލު ޖަހަން ފެށީ، ޗައިނާގެ ވުހާން އިން މުޅިން އައު ރޯގާއެއް ފެނި ބާރު ސްޕީޑުގައި ފެތުރެން ފެށުމުންނެވެ. އޭރު ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތުގައި އެންމެ ބޮޑު ހިއްސާއެއް ވަމުން އައި އެއްބަޔަކީ، ޗައިނާއިން އަންނަ ފަތުރުވެރިންނެވެ.

2020 ވަނަ އަހަރުގެ މާރިޗު މަހާއި ހަމައަށް އައިރު، މުޅި ދުނިޔެ ބަލީގެ ސަބަބުން ހުއްޓުމަކަށް އައެވެ. އޭޕްރީލް މަހުން ފެށިގެން ޖުލައި 15 އާއި ހަމައަށް ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުން އިޤުތިޞާދީ ގޮތުން އޭގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ނާޒުކު ހާލަތަކަށް ރާއްޖެ ދިޔައެވެ.

އެހެންނަމަވެސް ކޯވިޑް-19 މެނޭޖު ކުރުމަށް ސަރުކާރުން އެޅި ހަލުވި އަވަސް ފިޔަވަޅުތާއި، ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީ ހޯއްދެވުމާއިއެކު، ކޯވިޑް-19ގެ އިޤުތިޞާދީ ކާރިސާގައި ނިސްބަތުން ދިވެހިން އުފުލަން ޖެހުނު ތަކުލީފުތައް އަވައްޓެރި ޤައުމުތަކާއި ބޮޑެތި އިޤުތިޞާދުތައް އޮތް އެހެން ޤައުމުތަކާއި އަޅާބަލާއިރު މާބޮޑަށްވެސް ރަނގަޅެވެ.

ކޯވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ، ރާއްޖެއަށް ވެކްސިން އެންމެ އަވަހަށް ހޯދުމެވެ. 1 ފެބުރުއަރީ 2021ގައި ރާއްޖޭގައި ވަނީ، ކޯވިޑް-19ގެ ވެކްސިން ދޭން ފަށާފައެވެ.

ކޯވިޑް-19އަށް ފަހު ދިވެހިރާއްޖެ ހިމެނެނީ އެންމެ ބާރަށް އިޤުތިޞާދީ ގެއްލުންތައް އިއާދަ ވަމުން އަންނަ 5 ޤައުމުގެ ތެރޭގައެވެ. އެކަމުގެ ސަބަބަކަށްވީ، ރާއްޖެއިން އިޤުތިޞާދު ހިފެހެއްޓުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކެވެ. މިގޮތުން ވިޔަފާރިތަކަށް ލޯނު ދިނުމާއި، ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުން ފާހަގަކޮށްލަންޖެހެވެ.

ކޯވިޑް-19 މެނޭޖު ކުރުމަށް ސަރުކާރުން ޖުމްލަ 4 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.

ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި، 421 މިލިޔަން ރުފިޔާ

އިކޮނޮމިކް ރެސްޕޮންސް ޕެކޭޖްގެ ތެރެއިން ވިޔަފާރިތައް ދެމެހެއްޓުމަށް 2 ބިލިއަން ރުފިޔާ

ސިއްޙީ ދާއިރާ އަށާއި އިޖުތިމާއީ ކަންކަމަށް 1.8 ބިލިއަން ރުފިޔާ

ކަރަންޓާއި ފެނުގެ ސަބްސިޑީސްގެ ގޮތުގައި 169 މިލިޔަން ރުފިޔާ

ސްޓޫޑެންޓް ލޯނުތައް ދެއްކުން 1 ޖެނުއަރީ 2022އަށް ލަސްކުރުން

ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކަށް 6 މަސްދުވަހުގެ މޮނިޓޯރިއަމް ޕްލޭނެއް ދިނުން

އެސްއެމްއީ ބޭންކު މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 1.09 ބިލިއަން ރުފިޔާގެ ލޯނު ދިނުން

ކޯވިޑް-19ގެ އާލަމީ ވަބާގައި ދުނިޔޭގެ އެހެން ޤައުމުތަކުގައި ބަލި ޖެހިގެން މަރުވި މީހުންނާއި، ހައިހޫނުކަމުގައި މަރުވި އެތައް ބަޔަކު ހިމެނެއެވެ. އާލަމީ މިވަބާ ފެށުމާއިއެކު ސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅަކީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އާމްދަނީއަށް އަސަރުކުރާ ރައްޔިތުންނަށް އެހީތެރިވުމެވެ.

ކޯވިޑް-19ގެ އާލަމީ ވަބާއާއިއެކު ދުނިޔޭގެ އެހެން ޤައުމުތަކުގައި އިންފްލޭޝަން މަތިވެ ތަކެތީގެ އަގުތައް ބޮޑުވެގެން ދިޔަ ނަމަވެސް ރާއްޖޭގެ ބާޒާރުގައި ކާބޯތަކެއްޗާއި އަސާސީ ބޭސްފަރުވާގެ އަގުތައް އުފުލިގެން ނުދިޔައީ ސަރުކާރުން ހިކުމަތްތެރިކަމާއިއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ކޯވިޑް-19 އަކީ މިސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެވެ. އެންމެ ބޮޑު އިޤުތިޞާދީ ހަނގުރާމައެވެ. މިހާރު ރާއްޖޭގެ އިޤުތިޞާދު ދިރެމުން ތިޔާގިކަން އިތުރުވަމުން އަންނައިރު، ރައީސް ޔާމީނުގެ ސަރުކާރުން އެޅި ކޮންކްރީޓް ތަރައްޤީ ފަދަ ތަރައްޤީނެތަސް، ދުނިޔެއަށް ކުރިމަތިވި ބޮޑު އާލަމީ ވަބާއެއްގައި ރައްޔިތުންނަށް ގިލަންވެރިކަމެއް ނުޖެހި ސަލާމަތްކޮށްދެވުމަކީ މާބޮޑު ތަރައްޤީއެކެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.