ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް. ފޮޓޯ: ރައީސްއޮފީސް

ގްރޭޑް 10 ނިމުމުން ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ އެވިސްނުން ދޫކޮށްލާ - ރައީސް

ހުކުރު 19 ނޮވެމްބަރ 2021 | ހަމްޒާ

ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިލްތިމާސް ކުރައްވައިފިއެވެ.

Advertisement


ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ، 2019 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ޘާނަވީ އިމްތިޙާން ނިންމާ ކުދިންގެ ތެރެއިން، މަތީ ޘާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވާކަން ފާހަގަކުރައްވާ، މިކަން މިގޮތަށް ހިނގަން މެދުވެރިވާ ސަބަބު ބަލަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އިލްތިމާސް ކުރެއްވިއެވެ.

" މިދިޔަ 5 އަހަރަށް ބަލާއިރު، ކޮންމެ އަހަރަކު ޘާނަވީ އިމްތިޙާން މި ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން. އޭގެތެރެއިން، މަތީ ޘާނަވީއަށް މި ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިން. އާދެ، ޘާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓް. މީގެ މާނައަކީ، ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ޘާނަވީ ހަދަން ބޭނުންނުވާކަން. މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން. ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ އެ ކުއްޖެއްގެ މުސްތަޤްބަލް އެކަނި ނޫން ކަމަށާއި، އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް ކަމަށެވެ. އަދި އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގު ބޮޑު ރައުސްމާލެއް ކަމަށާއި، އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރާ ތަނެއް ނޫންކަން ފާހަގަކުރައްވާ، ޤައުމު ތަރައްޤީ ވަނީ ޤައުމުގައި އުޅޭ މީހުން ތަރައްޤީވެގެން ކަމަށް ވިދާޅުވިއެވެ. އަދި ޤައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ޤައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރޭ އެވޯޑް ޙާޞިލްކުރި ހުރިހާ ދަރިވަރުންނަކީވެސް، މަތީ ޘާނަވީ ފުރިހަމަކޮށް އަދި މަތީ ތަޢުލީމުގެ މަރުޙަލާތައްވެސް ފުރިހަމަކޮށްގެން، ޤައުމު ކުރިއެރުވުމަށްޓަކައި، ޤައުމުގައި ޚިދުމަތް ކުރާނެ ކުދިންތަކެއް ކަމުގައިވުމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނީ ތަރައްޤީގެ ތެރެއަށް ރާއްޖެ ގެންގޮސްދިނުމަށްޓަކައި، އެ ކުދިންގެ ޚިދުމަތަށް ޤައުމު ވަރަށް ބޮޑަށް ބޭނުންވެފައި އޮތްކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި މުޅި ދުނިޔެއިން އެއްވަނަ ހޯދި 5 ދަރިވަރުންނަށާއި، ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގައި ހިމެނޭ 42 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކުރިއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.